އިޓާލިއަން ލީގުގައި އާދިއްތަ ދުވަހުގެ ރޭ ފިއޮރެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ލީގުގެ ފުރަތަމަ މޮޅު އިންޓަ މިލާނުން ހޯދައިފިއެވެ.
އިންޓަ މިލާންގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން އެޓީމު މޮޅުވީ 0-3 ގެ ނަތީޖާއިން ފިއޮރެންޓީނާގެ މައްޗަށް ކުރި ހޯދައިގެންނެވެ.
އިންޓަގެ ފަރާތުން ރަނގަޅު ކުޅުމެއް މި މެޗުގައި ފެނިގެން ގޮސްފައިވާއިރު އެޓީމުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައި ވަނީ މެޗުގެ 6 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މައުރޯ އިކާޑީއެވެ.
އޭގެ 9 މިނެޓު ފަހުން މެޗުގެ 15 ވަނަ މިނެޓުގައި ޕެރިސިޗްގެ އެހީތެރިކަމާ އެކު އިކާޑީ ވަނީ މެޗުގެ ދެވަނަ ލަނޑުޖަހައިދީ ލީޑު ފުޅާކޮށްފައެވެ.
މި ލަނޑަށް ފަހު ވެސް ގިނަ ފުރުސަތު ތަކެއް އިންޓަމިލާނަށް ވަނީ ލިބިގެން ގޮސްފައެވެ.
އިންޓަ މިލާން ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު، އެޓީމުގެ ތިން ވަނަ ލަނޑު ޖަހާ ލީޑު އިތުރަށް ފުޅާކުރީ 79 ވަނަ މިނެޓުގައި ޖާއޯ މާރިއޯގެ އެހީތެރިކަމާ އެކު އިވާން ޕެރިސިޗް އެވެ.
ރޭގެ މެޗުން މޮޅުވެ އިންޓަމިލާނުން ލީގުގެ ފުރަތަމަ މޮޅު ހޯދިއިރު، ލީގުގައި ދެން އެޓީމު ވާދަކުރާނީ ރޯމާއާއެވެ. އަދި ފިއޮރެންޓީނާ ބައްދަލުކުރާނީ ސްމްޕްޑޯރިއާއެވެ.
އޭސީ މިލާން ވެސް ވަނީ ރޭ ކުޅުނު މެޗުން ކްރޮޓޯންގެ މައްޗަށް 0-3 ގެ ނަތީޖާއިން ކުރި ހޯދާފައެވެ. މި މެޗުގައި މިލާންގެ ލަނޑުތައް ޖަހައިދިނީ ފްރޭންކް ކެސިއޭ، ޕެޓްރިކް ކުޓްރޮން އަދި ސޫސޯއެވެ.