ޓޮޓެންހަމް އަތުން އެއްވަރުވެ މެޗު ނިމެންދަނިކޮށް، މެޗުގެ ފަހު ވަގުތުގައި، މާކޯސް އަލޮންސޯ ކާމިޔާބު ކޮށްދިން ލަނޑުން ޗެލްސީ މޮޅުވެއްޖެ އެވެ.
މި މެޗުން ޗެލްސީ މޮޅުވީ 1-2 ގެ ނަތީޖާ އިންނެވެ.
ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި، ޗެލްސީގެ ދެ ލަނޑު ވެސް، ކާމިޔާބު ކޮށްދިނީ މާކޮސް އަލޮންސޯ އެވެ.
މިއީ މިފަހަރުގެ ލީގުގައި ޗެލްސީ މޮޅުވި ފުރަތަމަ މެޗަށް ވާއިރު އެންމެ ފަހުން އެޓީމު ލީގްގައި އަމިއްލަ ދަނޑުގައި ބާންލީ އަތުން ވަނީ 3-2 ން ބަލި ވެފަ އެވެ.
މެޗު ފެށިގެން ވަރަށް ކުރީ ކޮޅު ޗެލްސީއާ އަލަށް ގުޅުނު އަލްވާރޯ މޮރާޓާ އަށް ވަނީ ލަނޑު ޖަހަން ރަނގަޅު ހުސް ފުރުސަތެއް ލިބިގެން ގޮސްފަ އެވެ. ޓޮޓެންހަމްގެ ހާފުގެ މެދެއްހާ ހިސާބުން ސެޒާ އަޒްޕްލިކުއޭޓާ ނަގައިދިން ބޯޅަ، މޮރާޓާ ބޮލުން ފޮނުވާލި ނަމަވެސް އެބޯޅަ ދިޔައީ ޓޯޓެންހަމްގެ ގޯލް ދަނޑި ކައިރިން އަރިމަތިން ބޭރަށެވެ.
ޗެލްސީގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ނެގީ 24 ވަނަ މިނެޓްގައި ލިބުނު ހިލޭ ޖެހުމަކުން މާކޮސް އަލޮންސޯ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.
މި ގޯލަށް ފަހު މެޗުގެ ކުޅުން ޓޮޓެންހަމްއިން ރަނގަޅުކުރިއިރު، މެޗުގެ ފުރަތަމަ ހާފު ނިމެންދަނިކޮށް 42 ވަނަ މިނެޓްގައި ޓޮޓެންހަމްގެ ހެރީ ކޭން އަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިގެންގޮސްފައެވެ. އެހެން ނަމަވެސް އޭރިއާ ތެރެއަށް ވަދެ، ކޭން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ދަނޑި އަށެވެ.
އެއް ލަނޑުގެ ލީޑެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފް ޗެލްސީން ނިންމާލިއިރު، މެޗުގެ 82 ވަނަ މިނެޓުގައި ޓޮޓެންހަމްއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. އެހެން ނަމަވެސް ޓޮޓެންހަމްއިން ނަތީޖާ ހަމަހަމަ ކުރި ލަނޑަކީ ޗެލްސީގެ މިޝީ ބަޓްޝުއާއީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން، ދެ މިނެޓަށް ވެފައި ވަނިކޮށް އަލޮންސޯ ވަނީ ޗެލްސީގެ ދެވަނަ ލަނޑުޖަހާ ލީޑުނަގައިދީފައެވެ.
މި ލަނޑަކީ ފަހު ހާފުގައި ކުޅެން ނިކުތް ޕެޑްރޯ، ތަނަވަސް ކޮށްދިން ފުރުސަތެއްގެ ބޭނުންކޮށްގެންނެވެ.
ލީގުގައި ކުޅުނު ދެވަނަ މެޗުން ޗެލްސީ މޮޅުވިއިރު އެޓީމު ވަނީ ފުރަތަމަ މެޗުގައި ބާންލީއަތުން 2-3 ގެ ނަތީޖާއަކުން ބަލިވެފައެވެ. ޓޮޓެންހަމް ވަނީ ލީގުގެ ފުރަތަމަ މެޗުގައި ނިއުކާސަލް އަތުން 0-2 ގެ ނަތީޖާއަކުން މޮޅުވެފައެވެ.
ލީގުގައި ޗެލްސީން ދެން ބައްދަލުކުރާނީ އެވަޓަންއާއެވެ. ޓޮޓެންހަމް ބައްދަލުކުރާނީ ބާންލީއާއެވެ. މި ދެމެޗު ވެސް ކުޅޭނީ އަންނަ ހަފްތާ އާދިއްތަ ދުވަހުއެވެ.