ކ. މާލެ
|
14 ޖެނުއަރީ 2025 | އަންގާރަ 07:28
ޓިކްޓޮކް ލޯގޯ
ޓިކްޓޮކް ލޯގޯ
ގެޓީ އިމޭޖަސް
ޓިކްޓޮކް
އީލޯން މަސްކް އަށް "ޓިކްޓޮކް" ވިއްކާލާ ވާހަކަ އަކީ "ހަމަ ޚިޔާލީ ވާހަކައެއް"
ޓިކްޓޮކް އިން ވަނީ އެމެރިކާގައި ހިންގާ ވިޔަފާރި ނުވިއްކާނެ ކަމަށް މީގެ ކުރިންވެސް ތަކުރާރުކޮށް ބުނެފައެވެ.

އެމެރިކާގައި ހިންގާ "ޓިކްޓޮކް" ވިޔަފާރި އީލޯން މަސްކަށް ވިއްކާލުމަށް ފުރުސަތު ދިނުމަށް ޗައިނާއިން ވިސްނަމުންދާ ކަމަށް ބުނެ ހާމަ ކޮށްފައިވާ ރިޕޯޓަކީ 'ހަމަ ހިޔާލީ ވާހަކައެއް' ކަމަށް ޓިކްޓޮކް އިން ބުނެފިއެވެ. 

އެ ކުންފުނިން މިހެން ބުނެފައިވަނީ، ޓިކްޓޮކް އެޕް އެމެރިކާގައި ބޭނުންކުރުން މަނާކުރުމަށް އެމެރިކާގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި އެ ގޮތައް ޙުކުމް އަތުވެއްޖެ ނަމަ، އެމެރިކާގައި ހިންގާ ވިޔަފާރި ދުނިޔޭގެ އެންމެ މުއްސަނދި މީހާ ކަމުގައިވާ އީލޯން މަސްކް އަށް ވިއްކުމުގެ ފުރުސަތު ދިނުމަށް ޗައިނާގެ އޮފިޝަލުން ވިސްނަމުންދާ ކަމަށް ބްލޫމްބާގް އިން ކޮށްފައިވާ ރިޕޯޓަކާ ގުޅިގެންނެވެ. 

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހުކުމް ކުރުމަށް ތައްޔާރުވަމުން ދަނީ، އެމެރިކާގައި ޓިކްޓޮކް ބޭނުންކުރުން މަނާކުރުމަށް ނުވަތަ އެމެރިކާގެ އިންވެސްޓަރަކަށް އެމެރިކާގައި ހިންގާ ވިޔަފާރި ވިއްކާލުމަށް ލާޒިމްކުރާ ޤާނޫނީ މައްސަލައެއް ގައެވެ. 

ޓިކްޓޮކް އިން ވަނީ އެމެރިކާގައި ހިންގާ ވިޔަފާރި ނުވިއްކާނެ ކަމަށް ތަކުރާރުކޮށް ބުނެފައެވެ.

"ހަމަ ހިޔާލީ ވާހަކައަކާ ގުޅޭ ގޮތުން އަހަރެމެން ކޮމެންޓް ކުރާނެ ކަމަށް ބަލައިގެން ނުވާނެ،" ޓިކްޓޮކްގެ ތަރުޖަމާނެއް ބީބީސީ ނިއުސްއަށް ބުނެފައިވެއެވެ. 

މި މައްސަލައާ ގުޅޭ ގޮތުން މަޢުލޫމާތު ލިބިފައިވާ ބައެއް ފަރާތްތަކާ ހަވާލާދީ ބްލޫމްބާގް އިން ރިޕޯޓްކޮށްފައިވަނީ، ޗައިނާގެ އޮފިޝަލުން ވިސްނަމުންދާ އެއް ގޮތަކީ މަސްކްގެ އެކްސް ސޯޝަލް މީޑިއާ ޕްލެޓްފޯމަށް ޓިކްޓޮކްގެ އެމެރިކާގެ ވިޔަފާރީގެ ކޮންޓްރޯލް ދޫކޮށްލުމެވެ. 

އެމެރިކާގެ ސަރުކާރުން ބުނެފައިވަނީ، ވިއްކާނުލައިފިނަމަ، ޓިކްޓޮކް ބޭނުންކޮށްގެން ޗައިނާއިން ޖާސޫސް ކުރުމަށާއި ސިޔާސީ ނުފޫޒު ފޯރުވުމަށް މަސައްކަތް ކޮށްފާނެ ކަމަށެވެ. 

ކުންފުނިން ވަނީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ނުފޫޒް ޓިކްޓޮކް ގެ މައްޗަށް އޮތް ކަމަށް ބުނެ ކުރާ ތުހުމަތަށް ތަކުރާރުކޮށް ދެކޮޅު ހަދާފައެވެ.

ޓިކްޓޮކް އިން ބުނެފައިވަނީ ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އަކީ އެމެރިކާގެ ގާނޫނު އަސާސީން ލިބިދޭ ޚިޔާލު ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤުތަކާ ޚިލާފު މައްސަލައެއް ކަމުގައެވެ.

- ކޮމެންޓް