ފްރެންޗް ލީގުގައި ނޭމާގެ ލަނޑުތަކާ އެކު ބޮޑު ތަފާތަކުން ޓޫލޫސްގެ މައްޗަށް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ކުރިހޯދައިފި އެވެ.
އާދީއްތަ ދުވަހުގެ ރޭ ކުޅުނު މި މެޗު ޓުލޫސްއާ ވާދަކޮށް ޕީއެސްޖީން މެޗު ކާމިޔާބުކުރީ 6-2 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
ޕީއެސްޖީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޓޫލޫސް އިންނެވެ. މި ލަނޑު 18 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މެކްސް ގްރަޑެލް އެވެ.
އެހެންނަމަވެސް ޕީއެސްޖީން ވަނީ މެޗުގެ ކޮންޓްރޯލް ހޯދާ 31 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޑްރިއެން ރަބިއޮޓް އެވެ. އޭގެ ހަތަރު މިނެޓު ފަހުން އެޓީމަށް ލީޑު ނަގައިދިނީ އެޑިންސަން ކަވާނީ އެވެ.
ފުރަތަމަ ހާފް ނިމުނީ 1-2 ގެ ނަތީޖާއިން ޓޫލޫސްގެ މައްޗަށް ޕީއެސްޖީ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފް ފެށިގެން ވެސް ޕީއެސްޖީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އެޓީމުން ވަނީ ލަނޑު ޖެހުމަށް ހުސް ގިނަ ފުރުސަތުތަކެއް ހޯދާފައެވެ.
އެގޮތުން 75 ވަނަ މިނެޓުގައި ޕީއެސްޖީ އަށް ލިބުނު ޕެނަލްޓީއަކުން އެޓީމުގެ އެޑިންސަން ކަވާނީ ވަނީ ލީޑު ފުޅާކޮށްފައެވެ. އެހެން ނަމަވެސް އޭގެ ތިން މިނެޓު ފަހުން ޕީއެސްޖީގެ ތިއާގޯ ސިލްވާ އަތުން ބައިކޮޅަށް ވަތް ލަނޑުން ޓުލޫސް ވަނީ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ.
މެޗުގެ ފަހު 10 މިނެޓު ތެރޭގައި ޕީއެސްޖީން ވަނީ ތިން ލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން 82 ވަނަ މިނެޓުގައި ހާވިއާ ޕަސްޓޯރޭ އެޓީމަށް ލަނޑެއް ކާމިޔާބުކޮށްދީފައިވާއިރު، 84 ވަނަ މިނެޓުގައި ލޭވިން ޕަސްޓޯރޭ ވަނީ އެޓީމަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީފައެވެ.
ޕީއެސްޖީން މެޗުގައި ކާމިޔާބުކުރި ހަ ވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ބާސާ އިން ރެކޯޑް ފީއަކަށް އެޓީމާ އަލަށް ގުޅުނު ފޯވާޑް ނޭމާ އެވެ. އޭނާ ވަނީ މެޗުގައި ދެ ލަނޑު ކާމިޔާބުކޮށްފައެވެ.