ކ. މާލެ
|
9 ޖެނުއަރީ 2025 | ބުރާސްފަތި 22:16
2025 ޖެނުއަރީ 9- ލުބުނާނުގެ ސިފައިންގެ ވެރިޔާ ޖޯސެފް އައޫން އެގައުމުގެ ރައީސް ކަމަށް އިންތިހާބުވުމަށް ފަހު ޕާލަމެންޓް އިމާރާތަށް ވަޑައިގަންނަވަނީ
2025 ޖެނުއަރީ 9- ލުބުނާނުގެ ސިފައިންގެ ވެރިޔާ ޖޯސެފް އައޫން އެގައުމުގެ ރައީސް ކަމަށް އިންތިހާބުވުމަށް ފަހު ޕާލަމެންޓް އިމާރާތަށް ވަޑައިގަންނަވަނީ
ރޮއިޓާސް
ލުބުނާން
ލުބުނާންގެ ރައީސް ކަމަށް އާމީ ޗީފް ޖޯސެފް އައޫން އިންތިޚާބު ކޮށްފި  
ލުބުނާންގެ ރައީސްކަމުގެ މަޤާމު، 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު މިޝެލް އައޫންގެ ދައުރު ނިމުނީއްސުރެ އޮތީ ހުސްވެފައެވެ.

ލުބުނާންގެ ގާނޫނު ހަދާ މަޖިލިހުން ބުރާސްފަތި ދުވަހު އެ ގައުމުގެ ރައީސް ކަމަށް އާމީ ޗީފް ޖޯސެފް އައޫން އިންތިޚާބު ކޮށްފިއެވެ.

ލުބުނާންގެ ބާރުތައް ހިއްސާކުރުމަށް ކަނޑައަޅާފައިވާ މަޒްހަބީ ނިޒާމުގައި މެރޮނައިޓް ކްރިސްޓިއަނުންނަށް ޚާއްޞަކުރެވިފައިވާ ރައީސްކަމުގެ މަޤާމު، 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު މިޝެލް އައޫންގެ ދައުރު ނިމުނީއްސުރެ އޮތީ ހުސްވެފައެވެ. އެއީ ބައިބައިވުން ބޮޑު ސިޔާސީ ފިކުރުގެ ތެރެއިން 128 ގޮނޑީގެ ގާނޫނު ހަދާ މަޖިލީހުން އެކަށީގެންވާ ވޯޓު ހޯދޭނެ ކެންޑިޑޭޓަކާ މެދު އެއްބަސްވުމަކަށް ނާދެވުމުގެ ސަބަބުންނެވެ.

ގާނޫނު ހަދާ މަޖިލީހުގެ ރައީސް ނަބީހް ބެރީ ވިދާޅުވި ގޮތުގައި، އައޫން އަށް ފުރަތަމަ ބުރުގައި ބޭނުންވާ 86 ވޯޓު ނުލިބުނު ނަމަވެސް، ހިޒްބުﷲ އާއި އެ ޖަމާއަތުގެ ޝިޔާ އެކުވެރިން ކަމުގައިވާ އަމަލް މޫވްމަންޓުގެ މެންބަރުން އޭނާއަށް ތާއީދުކުރުމާއެކު، ދެވަނަ ބުރުގައި 99 ވޯޓާއެކު އިންތިޚާބު ވުމަށް ބޭނުންވާ އަދަދު ހުރަސް ކުރިއެވެ.

އައޫން އިންތިޚާބު ވުމަކީ ކުރިން ހުންނެވި ރައީސްގެ ދައުރު ހަމަވުމަށް ފަހު ފާއިތުވެ ދިޔަ ދިގު މުއްދަތުގައި ދައުލަތުގެ އިސްވެރިޔަކު ނެތި އަދި ފުރިހަމަ ބާރު ލިބިގެންވާ ކެބިނެޓެއް ނެތި އޮތް ލުބުނާނުގައި ސަރުކާރުގެ މުއައްސަސާތައް އަލުން ދިރުވުމަށް އެޅޭ ފުރަތަމަ ފިޔަވަޅެވެ.

2019 ވަނަ އަހަރު ލުބުނާނަށް ކުރިމަތިލާން ޖެހުނު މާލީ ބަނގުރޫޓުވުމުގެ ސަބަބުން އަދިވެސް އިޤްތިޞާދު ހަމަޔަކަށް އެޅިފައި ނުވާއިރު، ހަނގުރާމައިގެ ސަބަބުން ލިބުނު ގެއްލުމާއެކު އަލުން ގައުމު ބިނާކުރުމަށް ބައިނަލްއަޤްވާމީ އެހީތެރިކަން ލުބުނާނަށް ވަނީ ބޭނުންވެފައެވެ. ވޯލްޑް ބޭންކުން އަންދާޒާކުރާ ގޮތުގައި މި ހަނގުރާމައިގެ ސަބަބުން ޤައުމަށް 8.5 ބިލިއަން ޑޮލަރުގެ ގެއްލުން ވެފައިވެއެވެ.

ލުބަނާންގެ ވެރިކަމުގެ ނިޒާމުގެ ދަށުން އައު ރައީސް އަށް ދެން ޖެހިވަޑައިގަންނަވާނީ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާ މަޝްވަރާ ކުރައްވައިގެން، ސުންނީ މުސްލިމަކު ވަޒީރުންގެ މަޖިލިސް އެކުލަވާލުމަށް ބޮޑު ވަޒީރު ކަމަށް ގެނައުމަށް ނަން ހުށަހަޅުއްވާށެވެ. ގިނަ ފަހަރަށް ދިގުލައިގެންދާ މި މަރުހަލާގައި އެކި ޕާޓީތަކުން ކެބިނެޓްގެ މާގާމުތައް ހޯދުމަށް ހުށަހަޅާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ވޮޝިންގްޓަން އަދި ޕެރިސްއިން މެދުވެރިވެ ނޮވެންބަރު މަހު ހިޒްބުﷲ އާއި އިސްރާއީލާ ދެމެދު ހިނގަމުން ދިޔަ ހަނގުރާމަ ހުއްޓުވުމުގެ އެއްބަސްވުން ދެމެހެއްޓުމުގައި އައުން އަދާކުރައްވަން ޖެހޭ ދައުރު ބޮޑު ކަމަށް ތަޖުރިބާކާރުން ބުނެއެވެ. މި އެއްބަސްވުމުގެ ޝަރުތުތަކުގެ ދަށުން، އިސްރާއީލު ސިފައިންނާއި ހިޒްބުﷲ ގެ ބާރުތައް އަނބުރާ ގެންދާއިރު، ލުބުނާނުގެ ސިފައިން ދެކުނު ލުބުނާނުގައި ގާއިމުވާން ޖެހެއެވެ.

އުމުރުފުޅުން 60 އަހަރުގެ އައޫން ވަނީ 2017 އިން ފެށިގެން އެމެރިކާގެ އެހީތެރިކަން ލިބެމުންދާ ލުބުނާނުގެ އަސްކަރިއްޔާގެ ކޮމާންޑަރެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ.

އޭނާގެ ދައުރުގައި، ހިޒްބުﷲ ގެ ނުފޫޒު ކުޑަކުރުމަށް ދައުލަތުގެ މުއައްސަސާތަކަށް އެހީތެރިވުމަށް އަމާޒުކޮށް އެމެރިކާ އިން ގެންގުޅޭ ސިޔާސަތުގެ ބައެއްގެ ގޮތުން، އެމެރިކާގެ އެހީ އަސްކަރިއްޔާ އަށް މެދުނުކެނޑި އައީ ލިބެމުންނެވެ.

- ކޮމެންޓް