ޑިސެމްބަރު 29 ވަނަ ދުވަހު ޖެޖޫ އެއަރ އޮޕަރޭޓްކުރި ބޯއިންގ ޖެޓެއް ވެއްޓި އެތައް ބަޔަކު މަރުވި ހާދިސާގެ ޒިންމާ ނަންގަވާ އިސްތިއުފާދެއްވަން ގަސްތުކުރައްވާ ކަމަށް ދެކުނު ކޮރެއާގެ ޓްރާންސްޕޯޓް މިނިސްޓަރު އަންގާރަ ދުވަހު ވިދާޅުވެއްޖެއެވެ.
ތައިލެންޑުގެ ވެރިރަށް ބެންކޮކުން ދެކުނު ކޮރެއާގެ މުއާން އަށް ދަތުރު ކުރި ބޯޓު ވަނީ ފުރޮޅުތައް ބޭނުން ނުކޮށް ރަންވޭ ގައި ޖައްސާ، އަދި މަތަ ނުވެ ގޮސް ރަންވޭގެ ބޭރުގައި ހުރި ކޮންކްރީޓް ސްޓްރަކްޗަރ އެއް ގައި ޖެހި ބޯޓުގައި ރޯވެފައެވެ.
"މި ހާދިސާ ގައި އަޅުގަނޑު ވަރަށް ބޮޑު ޒިންމާއެއް އުފުލަން ޖެހޭކަން އިހުސާސްކުރެވޭ،" ޕާކް ސަންގް-ވޫ ނޫސްވެރިންނާ ބައްދަލުކޮށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިހާރުގެ ހާލަތަށް ވިސްނެވުމަށްފަހު އިސްތިއުފާދެއްވުމަށް އެންމެ ރަނގަޅު ވަގުތު އިސްތިއުފާ ދެއްވާނެ ކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން އިތުރަށް ބުނީ މަތިންދާބޯޓު ވެއްޓި 179 މީހުން މަރުވި ނުރައްކާތެރި ހާދިސާއަށް މަގުފަހިވި ކަމަށް މާހިރުން ބުނާ ވައިގެ ބަނދަރުތަކުގެ ލޭންޑިންގ ސިސްޓަމްތަކުގެ ރައްކާތެރިކަން އަވަހަށް ރަނގަޅު ކުރާނެ ކަމަށެވެ.
ހާދިސާ ތަޙުޤީޤުކުރާ އިސް ފަރާތް ކަމުގައިވާ ލީ ސޫންގް-ޔޯލް ވިދާޅުވީ، ހާދިސާ ހިނގި ތަނުން ފެނުނު ބޯޓުގެ އިންޖީނުތަކުގެ ތެރެއިން އެއް އިންޖީނުން ދޫނި ފަތް ފެނިފައިވާ ކަމަށާއި، އަދި ވީޑިއޯ ފުޓޭޖުން ދައްކާގޮތުން އެއް އިންޖީނުގައި ދޫންޏެއް ޖެހިފައިވާކަމަށެވެ.
ހާދިސާގައި ގެއްލުންވި ފްލައިޓް ޑޭޓާ ރެކޯޑަރ ރިކަވަރކޮށް އެނަލައިޒްކުރުމަށް، އެމެރިކާގެ ނޭޝަނަލް ޓްރާންސްޕޯޓޭޝަން ސޭފްޓީ އާއެކު މަސައްކަތް ކުރުމަށް ކޮރެއާގެ ތަޙުޤީޤުކުރާ ޓީމުގެ ދެ މެމްބަރުން ވަނީ ހޯމަ ދުވަހު އެމެރިކާއަށް ފުރާފައެވެ.
ފްލައިޓް ޑޭޓާ ރެކޯޑަރާއި ކޮކްޕިޓް ވޮއިސް ރެކޯޑަރއަކީ ހާދިސާއާ ގުޅޭ މުހިންމު މަޢުލޫމާތު އެކުލެވޭ ދެ ބްލެކް ބޮކްސް އެވެ.
ލީ ވިދާޅުވީ ފްލައިޓް ޑޭޓާ ރެކޯޑަރުން މައުލޫމާތު ނަގަން 3 ދުވަސް ނަގާނެ ކަމަށާއި، އެއް އިންޖީނު ނުވަތަ ދެ އިންޖީނު ހަލާކުވިތޯ ބެލުން ފަދަ މަޢުލޫމާތު ދެނެގަތުމަށް ޕްރިލިމިނަރީ އެނަލިސިސް ހެދުމަށް އިތުރު ދެ ދުވަސް ނަގާނެ ކަމަށެވެ.
ބޯޓުގެ ޕައިލެޓް މަތިންދާބޯޓުގެ ލޭންޑިންގ ގިއަރ ބޭނުން ނުކުރީ ކީއްވެގެން ކަމާއި، ބޯޓުގައި ދޫންޏެއް ޖެހިއްޖެ ކަމަށް ބުނުމަށްފަހު ދެވަނަ ފަހަރަށް ބޯޓު ޖައްސަން ޕައިލެޓް އަވަސްވެ ގަތީ ކީއްވެގެން ކަން އަދިވެސް ސާފު ނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި ބޯޓުގެ އިންޖީނުގައި ދޫނި ޖެހުމަކީ އާންމު ގޮތެއްގައި ލޭންޑިންގ ގިއަރ މަސައްކަތް ނުކުރުމަށް ދިމާވާ ސަބަބެއް ނޫނެވެ.
ތަޙުޤީޤު ކުރާ ފަރާތްތަކުން ހޮނިހިރު ދުވަހު ވަނީ ޖެޖޫ އެއަރގެ މަތިންދާބޯޓުގެ ކޮކްޕިޓް ވޮއިސް ރެކޯޑަރުން ފުރިހަމަ ޓްރާންސްކްރިޕްޓެއް އެކުލަވާލާފައެވެ. އަދި އެ ޓްރާންސްކްރިޕްޓް ހާމަކުރާނީތޯ ނުވަތަ ނޫންތޯ ދަނީ މަޝްވަރާކުރަމުންނެވެ.