ކުރީ ސަރުކާރުން ދޫކޮށްފައިވާ 4000 ފްލެޓުގެ މައުލޫމާތު ހައުސިންގ މިނިސްޓްރީ އަކަށް ނޭނގޭ ކަމަށާއި، މިނިސްޓަރާ ބައްދަލު ކުރަން އެޕޮއިންޓްމަންޓް ދޫކުރުން މި ވަގުތައް ހުއްޓާލާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
4000 ފްލެޓާ ބެހޭ ގޮތުން މިހާރު ކަންކަން ގޮސްފައިވާ ހިސާބު އޮޅުން ފިލުވުމަށް ފްލެޓް ލިބިފައިވާ ފަރާތްތަކުން ދަރުބާރުގޭގައި ހުންނަ އެ މިނިސްޓްރީގެ ރިސެޕްޝަނަށް ދިއުމުން "ފްލެޓާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ނޭނގޭ،" ކަމަށް ރިސެޕްޝަންގައި މަސައްކަތް ކުރާ މުވައްޒަފުން ބުނެފައިވާ ކަމަށާއި، މިނިސްޓަރަށް އެޕޮއިންޓްމަންޓަށް އެދޭ ފޯމު ދޫނުކުރަން އަންގާފައިވާ ކަމަށް ވެސް އެ މުވައްޒަފުން ބުނެފައިވެއެވެ.
މައުލޫމާތު ހޯދުމަށް ހައުސިންގ މިނިސްޓްރީ އަށް ދިޔަ އާންމުންގެ ބައެއް މީހުން މި ނޫހަށް މައުލޫމާތު ދެމުން ބުނީ، އައު އަހަރުގެ ބަންދަށް ފަހު މިދިޔަ އާދިއްތަ ދުވަހު ހައުސިންގ މިނިސްޓްރީ އަށް ފްލެޓާ ބެހޭ ގޮތުން މައުލޫމާތު ސާފުކުރަން ދިހަ ބާރަ ވަރަކަށް އާންމުންގެ މީހުން ދިޔަ ކަމަށާއި، އެހެން ނަމަވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހު ހަފްތާގައި މިނިސްޓަރަށް ބައްދަލު ކުރަން އެޕޮއިންޓްމަންޓަކަށް އެދި ލީ ފޯމަށް ވެސް އަދި ގޮތެއް ނިމިފައި ނުވާ ކަމަށް ރިސެޕްޝަނުން ބުނި ކަމަށެވެ.
"މިހާރު ވަނީ އެޕޮއިންޓްމަންޓަށް ފޯމު ދިނުން ވެސް ހުއްޓާލައިފައި، ކުރިން ފުރާފަ ލައިފައި ހުރި އެޕޮއިންޓްމަންޓް ފޯމަށް ވެސް އަދި އެޕޮއިންޓްމަންޓް ހަމަ ނުޖެހޭ ކަމަށް ބުނީ،" މައުލޫމާތު ދިން ފަރާތުން ބުނެފައިވެއެވެ.
"ހައުސިންގ މިނިސްޓްރީގެ އޮފިޝަލުން ބުނަނީ އެޕޮއިންޓްމަންޓް ހަމަ ޖެހޭނެ ދުވަހެއް ނޭނގޭ ކަމަށް، ހަމަ ޖެހުނީމަ ބުނާނެ ކަމަށް، އެވަރު އެ މީހުން ބުނަނީ."
މި ނޫހަށް މައުލޫމާތު ދިން ފަރާތްތަކުން ބުނާ ގޮތުގައި ހައުސިންގ މިނިސްޓަރ ކަމުގައި ހައިދަރު ހުންނެވި އިރުވެސް އެޕޮއިންޓަމަންޓަކަށް އެދި ހުށަހަޅާފައިވާ އެއްވެސް ފޯމަކަށް އެޕޮއިންޓްމަންޓް ހަމަ ޖެހިފައެއް ނުވެއެވެ.
ކުރީ ސަރުކާރުން ދޫކުރި 4000 ފްލެޓް ލިބުނު ފަރާތްތަކުން އެ ފްލެޓުތައް ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތައް ހަވާލު ކުރުން އިންތިހާ އަށް ލަސްކުރަމުންދާތީ ހައުސިންގ މިނިސްޓްރީ ހުންނަ ދަރުބާރުގޭ ކުރިމަތީގައި ގެންދަނީ އިހްތިޖާޖު ކުރަމުންނެވެ.
ސަރުކާރުން އެއްވެސް އެއްޗެއް ނުފޮރުވާނެ ކަމަށާއި އެމަނިކުފާނު ހިންގަވާނީ ދެފުށް ފެންނަ ސަރުކާރެއް ކަމަށް ވިދާޅުވި ނަމަވެސް ސަރުކާރުން މައުލޫމާތު ހޯދުމަކީ އިންތިހާ އަށް އުނދަގޫ ކަމެއް ކަން ފްލެޓްގެ މައްސަލައިގައި މަސައްކަތް ކުރާ އާންމު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
ހައުސިންގ މިނިސްޓްރީ އަށް ފްލެޓާ ބެހޭ ގޮތުން މައުލޫމާތު ހޯދުމަށް، މައުލޫމާތު ހޯދުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށަހަޅާ ހުށަހެޅުން ތަކަށް ޖަވާބު ދޭން އޮންނަ ސުންގަނޑި ހަމަވާއިރުވެސް މައުލޫމާތު ނުދީގެން އިންފޮމޭޝަން ކޮމިޝަނަރ އޮފީހުން ހައުސިންގ މިނިސްޓްރީގެ މައްޗަށް ފިޔަވަޅުވެސް މީގެ ކުރިން ވަނީ އަޅާފައެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަމުން ވައުދުވެ ވަޑައިގެންފައިވަނީ އެމީހަކަށް ލިބުނުތާކުން ލިބުނު ފްލެޓެއް އަތު ނުލައްވާ ދެއްވާނެ ކަމަށެވެ. ވެރިކަމަށް ވަޑައިގަތުމަށް ފަހު ވެސް އެ ވައުދު ވަނީ ތަކުރާރު ކުރައްވާފައެވެ. އެހެން ނަމަވެސް ސަރުކާރަށް އެއް އަހަރު ފާއިތުވެގެން ދިޔަ އިރުވެސް އެ ވައުދާ އެއް ގޮތައް އެމަނިކުފާނު އަމަލު ކުރައްވާފައެއް ނުވެއެވެ.