ކ. މާލެ
|
6 ޖެނުއަރީ 2025 | ހޯމަ 09:35
ޕީއެންއެފް ޖަލްސާގެ ތެރެއިން ރައީސް ޔާމީން ވާހަކަދައްކަވަނީ
ޕީއެންއެފް ޖަލްސާގެ ތެރެއިން ރައީސް ޔާމީން ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ރާއްޖެ އަކީ މިނިވަން ގައުމެކޭ ނުބުނެވޭނެ
ރާއްޖެއަކީ މިހާރު މިނިވަން ގައުމެކޭ ބުނޭވޭނެ އެއްވެސް ޖާގައެއް ނެތް: ރައީސް ޔާމީން
ރައީސް ޔާމީން ވިދާޅުވީ އަލުވި ފިޔާ ބިހަށް ވުރެ، ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލް މުހިންމު ވާނޭ ކަމަށް
ރާއްޖޭގެ ހާރިޖީ އަދި ދާހިލީ ސިޔާސަތު މިނިވަން ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވި

ދިވެހި ރާއްޖެއަކީ މިހާރު މިނިވަން ގައުމެކޭ ބުނޭވެ އެއްވެސް ޖާގައެއް ނެތް ކަމަށާއި މިއީ މިނިވަން ގައުމެއް ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ ރާއްޖޭގެ ދުސްތޫރުގައި މިއީ މިނިވަން ގައުމެއް ކަމަށް ބަޔަކު ބުނި ނަމަވެސް، ރާއްޖޭގެ ހާރިޖީ އަދި ދާހިލީ ސިޔާސަތު މިނިވަން ނޫން ކަމަށެވެ. އަދި ރާއްޖެ އަކީ މިނިވަން ގައުމެއް ނަމަ ރާއްޖޭގައި އިންޑިއާގެ އަސްކަރިއްޔާ ނުތިބޭނެ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ރާއްޖެ މިނިވަން ވެފައިވަނީ 1965 ވަނަ އަހަރުގައި ކަމަށާއި ނަމަވެސް އޭގެ ފަހުން ރާއްޖެ އަކީ މިނިވަން ގައުމެއް ނޫންކަމަށެވެ. އަދި މިނިވަން ގައުމެކޭ ބުނެ ވާހަތައް ދެއްކިދާނެ ކަމަށާއި ނަމަވެސް އެގޮތަށް ވާހަތައް ދެކެވުނު ނަމަވެސް މިއީ މިނިވަން ގައުމަކަށް ނުވާނޭ ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި ތުސްތޫރުގައި ވެސް ރާއްޖެ އަކީ މިނިވަން ގައުމެކޭ ބުނެވޭނެ ޖާގައެއް ނެތްކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ދިވެހިރާއްޖޭގެ ވެރިކަމުގެ ބާރުގެ މައްޗަށް ފަތްތޫރައެއް މިހާރު މި ގައުމުގައި ނުހިނގާ ކަމަށާއި އެކަން ކަންކަ ކޮންޓްރޯލް ކުރަނީ އިންޑިއާއިން ކަމަށެވެ. އަދި މިއީ އެއްގޮތަކަށް ވެސް ގަބޫލުކުރެވޭ ކަމެއް ނޫންކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ މި ގައުމުގެ އަގަކީ ފިޔާ. އަލުވި، ބިސްކޮޅުތޯ؟.. އެއީތޯ ދިވެހިރާއްޖޭގެ މެޝަރ އަކީ؟.. ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލްގެ މެޝަރ އަކީ އެއީތޯ؟.. ފިޔާކޮޅަކާއި ބިސްކޮޅަކާއި އަލުވިކޮޅަކާތޯ..؟ އެގޮތަށް ވިސްނަންޏާ އެއީ ވަރަށް ދެރަކަމެއް އިނގޭތޯ. އަޅުގަނޑަށް އެނގޭ އިންޑިއާއަށް ބޭސްފަރުވާއަށް ވެސް ރައްޔިތުން ދޭ އިންގޭތޯ.. އެކަން ތިހުރިހާ ކަމެއް ވެސް އެއްކޮޅަށް ލާފައި ވެސް، އަނެއްކޮޅަށް ދިވެހިރާއްޖޭގެ މިނިވަން ކަމާއި އިސްތިގްލާލް ހަލާކުކޮށްލާ ކަމަށް ވަންޏާމު އެކަމަކަށް އަޅުގަނޑުމެންނަކަށް އިޖާބައެއް ނުދެވޭނެ. އެކަމަސް އަޅުގަނޑުމެން ބުނަން ޖެހޭނީ ނޫނެކޭ. އެ އަޅުގަނޑުމެންނަށް މާ މުހިންމޭ. އިހައްދުވަހު، 65 ގަ ރާއްޖެ މިނިވަން ވެގެން މިއުޅެނީ އިނގޭތޯ.. އޭގެ ފަހުން ދިވެހިރާއްޖެ އަކީ މިނިވަން ގައުމެއް ނޫނޭ.. އަޅުގަނޑުމެންގެ ތުސްތޫރުގައި މިނިވަން ގައުމެކޭ ބުންޏަސް މީ މިނިވަން ގައުމެއް ނޫނޭ.
ކުރީގެ ރައީސް ޔާމީން

މީގެ އިތުރުން މި ޖަލްސާގައި ރައީސް ޔާމީން ވަނީ ކުރީ ސަރުކާރު ދުވަސްވަރު، އޭރު އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދިއަ "އިންޑިއާ އައުޓް" ކެމްޕޭނާއި ފެޔަށް ޖެހިވަޑައިގަތުމަށް، މި ސަރުކާރުގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ދެއްކެވި ވާހަކަތަކަށް ވެސް ރައްދު ދެއްވާފަ އެވެ. އިންޑިއާ އާ ދެކޮޅު ހަރަކާތްތަކަކީ މި ސަރުކާރުގެ ތާއީދު އޮތް ކަމެއް ނޫން ކަމަށާއި އިންޑިއާ އައުޓްގެ ނަމުގައި ހަރަކާތެއް ކުރިއަށް ގެންދަނީ ރައީސް ޔާމީން ކަމަށް މިނިސްޓަރު އަބްދުﷲ ހަލީލް މިފަހުން ވަނީ ވިދާޅުވެފައި އެވެ.

އެކަމަށް ރައްދު ދެއްވާ ރައީސް ޔާމީން ވިދާޅުވީ އިންޑިއާ އައުޓް ކެމްޕޭނަކީ އެމަނިކުފާނު އިސްވެ ހުންނަވައިގެން ފެށި ކެމްޕޭނެއް ކަމަށާއި އެ ކެމްޕޭނުގައި މި ސަރުކާރުގައި ތިބި އިސް ފަރާތްތަކުން އޭރު ބައިވެރިވީ މަޖުބޫރު ކަމެއް ނެތި އަމިއްލަފުޅަށް އިސްނަގައިގެންކަމަށެވެ.

އަދި މިއަދު މި ކަންކަމުން ފެޔަށް ޖެހިވަޑައިގަންނަވަން މަސައްކަތް ކުރި ނަމަވެސް އިންޑިއާ ރައްޔިތުން ކަންކަން ހަނދާން ނުނެތޭނެ ކަމަށާއި މިފަދަ ކަންކަމުން ހާމަވެގެންދިޔައީ ދިވެހި ހާރިޖީ ސިޔާސަތުގެ އެއްވެސް ހަރުދަނާކަމެއް ނެތްކަން ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ފޮނުވާލަން ގޮވާލައި ފެށި "އިންޑިއާ އައުޓް" ކެމްޕޭނަށް ފަހު ވެރިކަމަށް ވަޑައިގެން ރައީސް މުއިއްޒު ވަނީ އިންޑިއާ ސިފައިންގެ ބަދަލުގައި އާންމުން ގެންނަ އެއްބަސްވެފައެވެ. އެ ގޮތުން، ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައންވެސް ފޮނުވާލާފައިވާ ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ އިއުލާނުކޮށްފަ އެވެ.

އެކަމަކު، އެއީ ސިފައިންގެ ޔުނީފޯމް ބާލާފައި ކުލަ ހެދުމުގައި ބޭރު ސިފައިން ގެނައުން ކަމަށް އިދިކޮޅު ބައެއް ފަރާތްތަކުން މީގެ ކުރިން ވަނީ ސިފަކޮށްފަ އެވެ. އެގޮތުން އިންޑިއާ ސިފައިން ފޮނުވާލި ކަމަށް ސަރުކާރުން ބުނި ނަމަވެސް އެ ގައުމުގެ ހެލިކޮޕްޓަރުތައް ބަލަހައްޓަން އަދިވެސް ރާއްޖޭގައި ބޭރު ސިފައިން އެބަތިބިކަމަށް އިދިކޮޅު ފަރާރްތަކުން ތުހުމަތުކުރެއެވެ. އެހެންވެ، ބޭރުގެ މިލިޓަރީ ފޮނުވާލުމުގެ ވައުދު މި ސަރުކާރަށް ނުފުއްދޭ ކަމަށް ވެސް ސަރުކާރުގެ ވާދަވެރިން ދަނީ ބުނަމުންނެވެ.

އިންޑިއާ އަށް މިފަހުން ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ވިއޯން ނޫހަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ބޭނުންވަނީ ރާއްޖެ އާއި އިންޑިއާ އާ ދެމެދު ޒަމާނުއްސުރެ އޮންނަ ގުޅުން އިތުރަށް ބަދަހި ކުރަން ކަމަށެވެ.

- ކޮމެންޓް