2024 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި މަސްވެރިކަމުގެ ސިނާއަތު 44.9 އިންސައްތަ ދަށްވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަ ކޮށްފިއެވެ.
އެ އޮތޯރިޓީން ޑިސެމްބަރު މަހު ނެރުނު ކުއަރޓާލީ އިކޮނޮމިކް ބުލެޓިން ގައި 2024 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ވެސް މަސްވެރިކަމުގެ ހަރަކާތްތައް 50.0 އިންސައްތަ އަށް ދަށްވެފައިވާ ކަން ވަނީ ފާހަގަ ކޮށްފައެވެ.
އެމްއެމްއޭ އިން ބުނެފައިވާ ގޮތުގައި އަހަރުގެ ތިންވަނަ ކުއާޓަރުގައި މަސް ޕްރޮސެސް ކުރާ ކުންފުނިތަކުން ގަނެފައިވާ މަހުގެ މިންވަރާއި އެކްސްޕޯޓު ކުރެވުނު މަހުގެ ވޮލިއުމް ވެސް ވަނީ ބޮޑުތަނުން ދަށްވެފައެވެ.
2024 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ޖުމްލަ 5,662.9 މެޓްރިކް ޓަނުގެ މަސް ގަނެވިފައިވެއެވެ. މިއީ 2023 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅާބަލާއިރު 53 އިންސައްތައިގެ (6,403.2 މެޓްރިކް ޓަނު) ބޮޑު ދަށްވުމެކެވެ.
މަސް ގަނެފައިވާ ގޮތުގެ ތަފްސީލަށް ބަލާއިރު، ކަޅުބިލަ މަސް ގަތް މިންވަރު 63 އިންސައްތަ (5,656.1 މެޓްރިކް ޓަނު) ދަށްވުމާއި، ރީނދޫ އުރަހަ ކަންނެލި ގަތް މިންވަރު 26 އިންސައްތަ (777.4 މެޓްރިކް ޓަނު) ދަށްވެފައިވާކަން ފާހަގަ ކުރެވެއެވެ.
ރާއްޖޭގައި މަސް ގަތުމުގެ އަގުތަކަށް ބަލާއިރު، 2024 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ކަޅުބިލަ މަސް ކިލޯ އަކަށް 14.0 ރުފިޔާ އަދި ގަނޑުކުރި ކަޅުބިލަމަސް ކިލޯ އަކަށް 16.0 ރުފިޔާ އެވްރެޖް އަގުގެ ގޮތުގައި ހުރިކަން އެމްއެމްއޭ އިން ފާހަގަ ކޮށްފައިވެއެވެ.
އަނެއްކޮޅުން 2023 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ކަޅުބިލަ މަސް ކިލޯއަކަށް 17.7 ރުފިޔާ އަދި ގަނޑުކުރި ކަޅުބިލަ މަސް ކިލޯ އަކަށް 19.7 ރުފިޔާ ލިބުމާއެކު، އޭރު ހުރި އަގުތަކާ އަޅާބަލާއިރު މި އަހަރުގެ ތިންވަނަ ކުއަރޓާގައި ހުރީ ދަށް އަގުތަކެއް ކަމަށް އެމްއެމްއޭ އިން ބުނެފައިވެއެވެ.
މީގެ އިތުރުން، ރާއްޖޭގެ ކުންފުނިތަކުން ރީނދޫ އުރަހަ ކަންނެލި ގަތުމުގެ އެވްރެޖް އަގު 2024 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ހުރީ ކިލޯއަކަށް 63.5 ރުފިޔާ އަށް ދަށްވެފައެވެ. 2023 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ރީނދޫ އުރަހަ ކަންނެލި ކިލޯއަކަށް 81.8 ރުފިޔާ ލިބުނުކަން އެމްއެމްއޭގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.