ޗެލްސީގައި ދިގު މުއްދަތެއް ވަންދެން މަޑުކުރަން ބޭނުންވާ ކަމަށް އެޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.
ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން މިދިޔަ އަހަރު ޗެލްސީއާ ގުޅުނު ކޮންޓޭ ބުނީ ޗެލްސީއާ އެކު ޗެލްސީގެ އާ ސްޓޭޑިއަމަށް އޭނާ ވެސް ދާން ބޭނުންވާ ކަމަށާއި، ޓީމުގައި ދިގު މުއްދަތެއްވަންދެން މަޑުކުރަން ބޭނުންވާ ކަމަށެވެ.
ޗެލްސީއަށް ކޯޗު ކޮށްދިން ފުރަތަމަ ސީޒަނުގައި އެޓީމަށް ޕްރިމިއާ ލީގުގެ ތަށި ކޮންޓޭ ހޯދައިދީފައިވާއިރު، އޭނާ ބުނީ ޗެލްސީ ދޫކޮށް މީގެކުރިން ކުރު މުއްދަތެއް ތެރޭގައި ކޯޗުން ގޮސްފައިވާ ނަމަވެސް އޭނާ ނިކުތީ އެކަން ބަދަލުކުރަން ކަމަށެވެ.
ޗެލްސީ އަށް 500 މިލިއަން ޕައުންޑުގެ އަގުހުރި ސްޓޭޑިއަމެއް އެޅުމުގެ ހުއްދަ ލަންޑަންގެ މޭޔަރު ދީފައިވާއިރު، އެ ސްޓޭޑިއަމްގައި 60،000 ސަޕޯޓަރުންނަށް އެއްފަހަރާ ސަޕޯޓު ކުރެވޭނެއެވެ.
ޗެލްސީގެ ބައެއް ކުޅުންތެރިންނާއި ކޮންޓޭ އާއި ދެމެދު މައްސަލަތަކެއް ޖެހި އޭނާ ކްލަބު ދޫކޮށްލަން އުޅޭކަމަށް ދާދި ފަހުން ރިޕޯޓްތައް ބުނެފައިވީ ނަމަވެސް އޭނާ ވަނީ 2019 ވަނަ އަހަރުގެ ނިޔަލަށް ކްލަބުގައި މަޑުކުރަން ނިންމާފައެވެ.
އިޓަލީ ގައުމީ ޓީމަށް ކޯޗުކޮށްދީފައިވާ ކޮންޓޭ ޗެލްސީގެ ކޯޗުކަމާ ހަވާލުވީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. އެގޮތުން އޭނާ ވަނީ މިހާތަނަށް އެޓީމަށް 49 މެޗުގައި ކޯޗުކަން ކޮށްދީފައެވެ. އޭގެ ތެރެއިން 37 މެޗުން ޗެލްސީ މޮޅުވިއިރު، 8 މެޗުން ވަނީ ބަލިވެފައެވެ. އަދި ހަތަރު މެޗުން އެޓީމު ވަނީ އެއްވަރުވެފައެވެ.
އިޓަލީ ގިނަ ކްލަބްތަކަށް ކޯޗުކަން ކޮށްދީފައިވާ ކޮންޓޭ ވަނީ ސެރިއާގައި ގިނަ ކާމިޔާބީތަކެއް ވެސް ހޯދާފައެވެ. އެގޮތުން ޔުވަންޓަސް ކުޅުންތެރިޔެއްގެ ގޮތުން އަދި ކޯޗެއްގެ ގޮތުންވެސް އޭނާ ވަނީ ގިނަ ކާމިޔާބީ ހޯދާފައެވެ.