މިނިސްޓްރީ އޮފް ފިނޭންސް އިން 19 ޑިސެމްބަރުގައި ޝާއިޢުކުރި އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަހަރު މިހާތަނަށް ދައުލަތުގެ ޚަރަދުތަކަށާއި ލޯނު އަނބުރާ ދެއްކުމަށް ސަރުކާރުން ޖުމްލަ 48.3 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
މިއީ 2023 ވަނަ އަހަރުގެ މި މުއްދަތުގައި ޚަރަދުކުރެވުނު 46.4 ބިލިއަން ރުފިޔާ އާ އަޅާބަލާއިރު 1.9 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
ސަރުކާރުގެ ޖުމްލަ ޚަރަދު އިތުރުވެފައިވީ ނަމަވެސް، ސަރުކާރުގެ އިންވެސްޓްމަންޓްތައް ދަށަށް ގޮސް, ގިނަ ތަރައްޤީގެ މަޝްރޫޢުތައް މަޑުޖެހިފައިވެއެވެ.
އޭގެ ނަތީޖާ އެއްގެ ގޮތުން ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ޚަރަދު މިއަހަރު 10.3 ބިލިއަން ރުފިޔާ އަށް ދަށަށް ގޮސްފައިވެއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ޕީއެސްއައިޕީ އަށް ޚަރަދު ކުރި 11.4 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.1 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބަށް ބަލާއިރު، ހިންގުމުގެ ޚަރަދުތައް 2023 ވަނަ އަހަރު 30.2 ބިލިއަން ރުފިޔާ ގައި ހުރި އިރު މިއަހަރު 32 ބިލިއަން ރުފިޔާ އަށް ވަނީ އިތުރުވެފައެވެ. ހިންގުމުގެ ޚަރަދުތައް ބޮޑުވެފައިވަނީ މައިގަނޑު ގޮތެއްގައި މުސާރައާއި، އުޖޫރައާއި، ޕެންޝަނަށް ކުރެވުނު ޚަރަދު 1.4 ބިލިއަން ރުފިޔާ އިތުރުވުމުގެ ސަބަބުންނެވެ. މީގެ އިތުރުން، އިދާރީ އަދި ހިންގުމުގެ ޚަރަދުތައް 737 މިލިއަން ރުފިޔާ އިތުރުވެފައިވެއެވެ. ނަމަވެސް، މިދިޔަ އަހަރާ އަޅާ ބަލާއިރު، ކެޕިޓަލް ޚަރަދު ދަށްވެފައިވެއެވެ. މިއަހަރު 13.9 ބިލިއަން ރުފިޔާ ޚަރަދުކުރެވިފައި ވާއިރު، ވޭތުވެދިޔަ އަހަރު 14.1 ބިލިއަން ރުފިޔާ ޚަރަދުކުރެވުނެވެ.
ސަރުކާރުން ހިންގަމުން އައި މަޝްރޫއުތަކަށް ކުރާ ޚަރަދުތައް ދަށަށް ދިޔަ އިރު، ސަރުކާރުގެ އާމްދަނީ ވަނީ އިތުރުވެފައެވެ. އާމްދަނީގެ ގޮތުގައި، ސަރުކާރަށް 32.7 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 32 ބިލިއަން ރުފިޔާއަށްވުރެ އިތުރު އަދަދެކެވެ. އާމްދަނީ އިތުރުވެފައިވަނީ މައިގަނޑު ގޮތެއްގައި ޓެކްސްގެ ގޮތުގައި ދެއްކި ފައިސާ އިތުރުވުމުގެ ސަބަބުންނެވެ. އެގޮތުން 2023 ވަނަ އަހަރު 22.8 ބިލިއަން ރުފިޔާ ލިބުނުއިރު، މިއަހަރު 24.9 ބިލިއަން ރުފިޔާ ޓެކްސް ގެ ގޮތުގައި ލިބިފައިވެއެވެ.
އަނެއްކޮޅުން ޓެކްސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީ ވަނީ ދަށަށް ގޮސްފައެވެ.
މިގޮތުން 7.3 ބިލިއަން ރުފިޔާ އަށް ދަށްވެފައިވާއިރު، މިއީ ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 877 މިލިއަން ރުފިޔާ ދަށް އަދަދެކެވެ. ސަރުކާރަށް ލިބުނު ހިލޭ އެހީވެސް ދަށްވެފައިވެއެވެ. މިއަހަރު ސަރުކާރަށް 612 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 2023 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު އަދަދަށްވުރެ 170 މިލިއަން ރުފިޔާ ދަށް އަދަދެކެވެ.
2024 ވަނަ އަހަރަށް ދައުލަތުގެ ބަޖެޓު ކަނޑައަޅާފައިވަނީ 49.9 ބިލިއަން ރުފިޔާއެވެ. އެހެން ނަމަވެސް އޮކްޓޯބަރު މަހު، ރައްޔިތުންގެ މަޖިލީހުން ވަނީ 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ފާސްކޮށްފައެވެ. މިއާއެކު މިއަހަރުގެ ޖުމްލަ ބަޖެޓު 55 ބިލިއަން ރުފިޔާ އަށް ވަނީ އަރާފައެވެ.