ދިވެހި ޕްރިމިއާ ލީގުގައި ކެރިޗް އެންދްރޭޖް ކާމިޔާބު ކުރި ލަނޑުން ށ.މިލަންދޫގެ މައްޗަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުރި ހޯދައިފި އެވެ.
ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗު މިލަންދޫއާ ވާދަކޮށް މާޒިޔާ އިން މެޗު ކާމިޔާބު ކުރީ 0-1 ގެ ނަތީޖާއަކުންނެވެ.
ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނީ މާޒިޔާ އެވެ. އެގޮތުން އެޓީމަށް ވަނީ މެޗުގައި ލަނޑު ޖެހުމަށް ފުލުފުލުގައި ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
މެޗުގެ ފުރަތަމަ ހާފްގައި މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ)، ކެރިޗް އަދި އިސްމާއިލް އީސާ (މެސީ) އަށް ވަނީ ހުސް ގިނަ ފުރުސަތުތަކެއް ލިބިފައެވެ. އެހެން ނަމަވެސް ފުރަތަމަ ހާފް ނިމުނީ ގޯލު ތެރެއިން ބޯޅަ ނެގުމުގެ ފުރުސަތު މާޒިޔާ އަށް ނުލިބިއެވެ.
ދެވަނަ ހާފް ފެށިގެން ވެސް މާޒިޔާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އެޓީމަށް މި ހާފްގައި ވެސް ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ވަނީ ލިބި ބޭކާރުވެފައެވެ. މީގެއިތުރުން މިލަންދޫ އަށް ވެސް ވަނީ ލަނޑު ޖެހުމަށް ފުރުސަތެއް ލިބިފައެވެ. އެގޮތުން މާޒިޔާގެ ޕެނަލްޓީ އޭރިޔާ ބޭރުން މުހައްމަދު ޒަމީރު ފޮނުވާލި ހަމަލާ، އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
މާޒިޔާ އިން މެޗުގެ ލީޑު ނެގީ 83 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކެރިޗް އެވެ. އޭނާ މި ލަނޑު ކާމިޔާބު ކުރީ އަސްއަދު އަލީ (އަޑުބަރޭ)ގެ އެހީތެރިކަމާއެކުގައެވެ.
މާޒިޔާ ވަނީ އެޓީމު ކުޅުނު ތިން މެޗު ވެސް ކާމިޔާބު ކޮށްފައެވެ. އެގޮތުން އެޓީމު އޮތީ ނުވަ ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. ލީގުގައި ދެން މެޗެއް ކުޅޭނީ އަންނަ ބުދަ ދުވަހު އެވެ. ބުދަ ދުވަހު ކުޅޭ ފުރަތަމަ މެޗުގައި ޓީސީ ސްޕޯޓްސް އަދި މިލަންދޫ ބައްދަލުކުރާއިރު، އެ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ އަދި ތިނަދޫ އެވެ.