ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ އާސެނަލް އާ ދެކޮޅަށް ކުޅުނު މެޗުން ސްޓޯކް ސިޓީ މޮޅުވެއްޖެއެވެ.
މި މެޗުން އާސެނަލްގެ މައްޗަށް ސްޓޯކް ސިޓީން ކުރިހޯދީ 0-1 ގެ ނަތީޖާއަކުންނެވެ.
ސްޓޯކްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު، ފުރަތަމަ ހާފް ނިމިގެން ގޮސްފައިވަނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.
މި ހާފުގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް ދެ ޓީމަށްވެސް ވަނީ ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ. އެގޮތުން ސްޓޯކްގެ ޑިފެންޑަރު ޝޯކްރޮސްއަށް ވަނީ ގޯލްޖަހަން ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް އާސެނަލްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ، އޭނާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިންނެވެ. އާސެނަލްއަށް ވެސް ގޯލް ޖަހަން ފުރުސަތު ލިބިގެން ދިޔައިރު އެޓީމުގެ ވެލްބެކް އާއި ރަމްސީ އަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. އެހެން ނަމަވެސް ފޮނުވާލި ހަމަލާތަށް ސްޓޯކްގެ ގޯލްކީޕަރު ބަޓްލެންޑް ވަނީ ހުޝިޔާރު ކަމާއެކު ދިފާއުކޮށްފައެވެ.
ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނު ނަމަވެސް، ދެ ވަނަ ހާފްގެ ކުރީކޮޅު ސްޓޯކްއިން ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑުނަގާފައެވެ. މެޗުގެ 47 ވަނަ މިނެޓުގައި މި ގޯލު ސްޓޯކްއަށް ކާމިޔާބުކޮށްދިނީ ބެރަހީނޯ ތަނަވަސްކޮށްދިން ފުރުސަތަކުން ޕީއެސްޖީއިން ދާދިފަހުން އެ ކްލަބާ ގުޅުނު ސްޕެއިންގެ ޒުވާން ފޯވާޑް، ހެސޭ ރޮޑްރިގޭޒްއެވެ.
މި ގޯލަށް ފަހުވެސް ސްޓޯކް ސިޓީއަށް ވަނީ ގޯލް ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ. އެގޮތުން ސްޓޯކްގެ ބެރަހީނޯއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. ބެރެހީނޯ ބޮލުން ފޮނުވާލި ހަމަލާ އާސެނަލްގެ ކީޕަރު ޗެކް ވަނީ ދިފާއުކޮށްފައެވެ.
ނަތީޖާ އެއްވަރުކުރުމަށް އާސެނަލްއަށް، ގިނަ ފުރުސަތުތަކެއް ލިބިފައިވީނަމަވެސް އެޓީމަށް ވަނީ އެކަން ކާމިޔާބުވާގޮތް ނުވެފައެވެ.
މި މެޗުން ސްޓޯކް މޮޅުވިއިރު އެޓީމު ވަނީ ލީގުގައި ކުޅުނު ފުރަތަމަ މެޗުން، އެވަޓަންއާ ބައްދަލުކޮށް 0-1 ގެ ނަތީޖާއަކުން ބަލިވެފައެވެ. އަނެއްކޮޅުން ލީގުގައި ކުޅުނު ފުރަތަމަ މެޗުން އާސެނަލް ވަނީ ލެސްޓަ ސިޓީއާ ބައްދަލުކޮށް 2-3 އިން މޮޅުވެފައެވެ.
ލީގުގައި އާސެނަލް ދެން ބައްދަލުކުރާނީ ލިވަޕޫލްއާއެވެ. ސްޓޯކް ނިކުންނާނީ ވެސްޓްބްރޮމްއާ ދެކޮޅަށެވެ.