ކަގްލިއާރީގެ މައްޗަށް ކުރި ހޯދާ، އިޓާލިއަން ލީގުގެ ފެށުން ޔުވެންޓަސް އިން ރަނގަޅުކޮށްފިއެވެ.
ހޮނިހިރު ދުވަހުގެރޭ ކަގްލިއާރީ އާ ދެކޮޅަށް ކުޅުނު މެޗުން ޔުވެންޓަސް މޮޅުވެފައިވަނީ 0-3 ގެ ނަތީޖާއަކުންނެވެ.
ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި އެޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު، މެޗުގެ ވަރަށް ކުރީކޮޅު ޔުވެންޓަސްއިން ވަނީ ލަނޑުޖަހާ މެޗުގެ ލީޑުނަގާފައެވެ. އެގޮތުން މެޗުގެ 12 ވަނަ މިނެޓްގައި މި ގޯލު ޔުވެންޓަސްއަށް ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ފޯވާޑް މާރިއޯ މަންޒުކިޗްއެވެ.
ނަތީޖާ ހަމަހަމަކޮށްލަން މެޗުގެ 39 ވަނަ މިނެޓްގައި ކަގްލިއާރީއަށް ވަނީ ޕެނަލްޓީއެއް ލިބިގެން ގޮސްފައެވެ. އެހެންނަމަވެސް ކަގްލިއާރީގެ ފޯވާޑް ޑިއޭގޯ ފަރިއާސް ފޮނުވާލި ޕެނަލްޓީ، ޔުވެންޓަސްގެ ގޯލްކީޕަރު ބުފޮން ވަނީ ދިފާއުކޮށްފައެވެ.
ނަތީޖާ އެއްވަރުކޮށްލަން ކަގްލިއާރީއަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށްވީ ފުރަތަމަ ހާފް ނިމެންދަނިކޮށް މެޗުގެ 45 ވަނަ މިނެޓުގައި ޔުވެންޓަސް އިން، އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށް ލީޑު ފުޅާކުރުމެވެ. ޕިޔާނިޗްގެ އެހީތެރިކަމާއެކު މި ގޯލު ޔުވެންޓަސްއަށް ކާމިޔާބުކޮށްދިނީ ޒުވާން އިތުބާރު ފޯވާޑް ޕައުލޯ ޑިބާލާއެވެ.
ދެ ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ޔުވެންޓަސް އިން ނިންމާލިއިރު މެޗުގެ 66 ވަނަ މިނެޓްގައި ސަންޑްރޯ ދިން ޕާހަކުން ގޮންޒާލޯ ހިގުއައިން ވަނީ ޔުވެންޓަސްގެ ތިންވަނަ ގޯލް ޖަހައިދީ މެޗުގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.
މި ގޯލަށްފަހު ވެސް ދެވަނަ ހާފްގައި، ގޯލްޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް، ޔުވެންޓަސްއަށް ވަނީ ލިބިގެން ގޮސްފައެވެ.
މި މެޗުގެ އިތުރުންވެސް ހޮނިހިރު ދުވަހުގެރޭ ވަނީ އިޓާލިއަން ލީގުގެ އިތުރު މެޗެއް ކުޅެވިގެން ގޮސްފައެވެ. އެގޮތުން ނަޕޯލީ އަދި ހެލަސް ވެރޯނާ ބައްދަލުކޮށްފައިވާއިރު މި މެޗުން 1-3 ގެ ނަތީޖާއަކުން ކުރި ހޯދާފައި ވަނީ ނަޕޯލީންނެވެ. ނަޕޯލީގެ ގޯލްތައް ޖަހައިދިނީ މިލިކް އާއި ގުލާމްއެވެ. އެޓީމުގެ އަނެއް ގޯލަކީ ހެލަސް ވެރޯނާގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.