ކުރިއަށް އޮތް ހަތަރު ދުވަހު މެދު ރާއްޖެތެރެ އާއި ދެކުނަށް މޫސުން ވަރަށް ގޯސް ވާނެ ކަމަށް މެޓް އޮފީހުން ބުނެފިއެވެ.
އެ ސަރަހައްދަށް ބުރާސްފަތި ދުވަހުން ފެށިގެން އާދިއްތަ ދުވަހާ ހަމައަށް ވަރަށް ބޮޑަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ.
ކަނޑު ގަދަވުމުގެ ސަބަބުން ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމަށް ވެސް މެޓް އޮފީހުން ވަނީ ހާމަ ކޮށްފައެވެ.
މޫސުމާ ބެހޭ އިދާރާ އިން ފާހަގަ ކޮށްފައިވާ ގޮތުގައި ބޭ އޮފް ބެންގޯލުގައި އުފެދިފައިވާ ކޮޅިގަނޑެއް ކުރިއަށް އޮތް 2 ދުވަހުގެ ތެރޭގައި ދެކުނު އިންޑިއާގެ ތަމިލްނާޑޫގެ އައްސޭރިފަށާ ދިމާއަށް ޖެހޭނެ ކަމަށް ލަފާކުރެވެއެވެ. އަނެއްކޮޅުން ރާއްޖެއާ ދުރުން އިރު ދެކުނުގައިވެސް ކޮޅިގަނޑެއް އުފެދިފައިވާ ކަން މެޓް އޮފީހުން ވަނީ ފާހަގަ ކޮށްފައެވެ.
އިންޑިއަން މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓް (އައިއެމްޑީ) އިން ވަނީ އަންގާރަ ދުވަހު ތަމިލްނާޑޫގެ ހަތަރު ޑިސްޓްރިކްޓަކަށް ވަރަށް ބޯކޮށް ވާރޭވެހުމުގެ ފުރުޞަތު އޮތްކަމަށް ބުނެ އޮރެންޖް އެލާޓް ނެރެފައެވެ. އިންޑިއާގެ މޫސުމާބެހޭ ޑިޕާޓްމަންޓުން ބުނެފައިވަނީ ދެކުނު ބޭ އޮފް ބެންގޯލުގެ މެދުތެރޭގައި ލޯ ޕްރެޝަރުގެ ސަރަޙައްދެއް އުފެދިފައިވާ ކަމަށެވެ. އޭގެ ސަބަބުން އުފެދިފައިވާ ކޮޅިގަނޑު އިތުރަށް ވަރުގަދަވެ، ހުޅަނގު-އުތުރު ހުޅަނގު މިސްރާބަށް ދަތުރުކޮށް، އެއްގަމު ސަރަޙައްދުތަކާ ދިމާއަށް ކޮޅިގަނޑު ހިނގައިދާނެ ކަމަށް ވަނީ ބުނެފައެވެ.
މެޓް އޮފީހުން ބުނެފައިވަނީ އުތުރުގެ ރަށްތަކަށްވެސް މޫސުން ކޮންމެވެސް ވަރަކަށް ގޯސްވާނެކަމަށެވެ. މެޓް އޮފީހުން ބުނާ ގޮތުގައި މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަ އަލިވާނެކަމަށް ލަފާކުރެވެނީ އަންނަ ހަފްތާގެ ހޯމަދުވަހުން ފެށިގެން ކަމަށެވެ.
އަންގާރަ ދުވަހު ރާއްޖެ އަށް ކުރި ވިއްސާރައިގައި މާލޭގެ ބައެއް މަގުތަކުގައި ފެން ބޮޑުވުމުގެ ސަބަބުން ފެން ހިއްކަން ޖެހުނެވެ. މި ވިއްސާރައިގައި މިހާތަނަށް އެންމެ ބޮޑު ގެއްލުމެއް ލިބުނީ ނ. އަތޮޅު ހެނބަދޫ އަށެވެ. ހެނބަދޫގެ މަގުތަކުގައި ފެން ބޮޑުވުމުގެ އިތުރުން 75 ގެއަކަށް ފެން ވަދެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވަނީ ބުނެފައެވެ.
އަންގާރަ ދުވަހު ބޯކޮށް ވެހުނު ވާރޭގެ ސަބަބުން ޅ.ކުރެންދޫ އާއި ނ.ކެނދިކުޅުދޫ އަށް ވެސް ގެއްލުންތައް ލިބިފައިވެއެވެ.