އަންގާރަ ދުވަހު ކުރި ވިއްސާރައިގައި ނ. އަތޮޅު ހެނބަދުއަށް ބޮޑެތި ގެއްލުން ތަކެއް ލިބިއްޖެއެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނި ގޮތުގައި ހެނބަދޫގެ 75 ގެއަކަށް ފެންވަދެ އެކި ވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ. ހެނބަދޫ ކައުންސިލާއި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު ގުޅިގެން ފެން ހިއްކުމުގެ މަސައްކަތް ކޮށްފައިވާ ކަމަށްވެސް އެންޑީއެމްއޭ އިން ބުނެފައިވެއެވެ.
ހެނބަދޫ އަށް ކުރި ވިއްސާރައިގެ ލިބުނު ގެއްލުންތަކާއި ގުޅިގެން ބޭނުންވާ ކުއްލި އެހީތެރިކަން ދެނެގަތުމުގެ މަސައްކަތް ރެޑް ކްރެސެންޓާއި ވެލިދޫ ވޮލެންޓިއަރުންގެ އެހީތެރިކަމާ އެކު ކައުންސިލް މެދުވެރިކޮށް ކުރިއަށް ދާ ކަމަށް ވެސް އެންޑީއެމްއޭ އިން ހާމަ ކޮށްފައިވެއެވެ.
ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ޅ. ކުރެންދޫއާއި ނ. ކެނދިކުޅުދޫ އަށް ވެސް ބޯކޮށް ވާރޭވެހި ފެންބޮޑުވެ ގެއްލުންތަކެއް ލިބެމުންދާތީ، ރަށު ކައުންސިލްތަކާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްކުރަމުން އަންނަކަމަށް އެންޑީއެމްއޭ އިން ބުނެފައިވެއެވެ.
މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް އިން ހާމަ ކޮށްފައިވަނީ ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ މޫސުން ގޯސް ވާނެ ކަމަށެވެ.