ބުދަ ދުވަހުން ފެށިގެން ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
މޫސުމާ ބެހޭ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ދުވަސްވަރަކީ ރާއްޖޭގެ އިރުވައި ހަޅައިގެ ދުވަސްވަރު ކަމަށާއި މިދުވަސްވަރު ކޮޅިގަނޑުތައް އުފެދުމުގެ ފުރުޞަތު އޮންނަ ކަމަށެވެ.
މޫސުމާ ބެހޭ އޮފީހުން ފާހަގަ ކޮށްފައިވާ ގޮތުގައި ބޭ އޮފް ބެންގޯލުގައި އުފެދިފައިވާ ކޮޅިގަނޑެއް ކުރިއަށް އޮތް 2 ދުވަހުގެ ތެރޭގައި ދެކުނު އިންޑިއާގެ ޓެމިލްނާޑޫގެ އައްސޭރިފަށާ ދިމާއަށް ޖެހޭނެ ކަމަށް ލަފާކުރެވެއެވެ.
އަނެއްކޮޅުން ރާއްޖެއާ ދުރުން ދެކުނުގައިވެސް ކޮޅިގަނޑެއް އުފެދި ހުޅަނގަށް ޖެހެމުންދާނެ ކަމަށް ބަޔާނުގައި ވެއެވެ.
މި ދެ ކޮޅިގަނޑާ ގުޅިގެން ބުދަ ދުވަހުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ސަރަހައްދުގައި އާންމު ގޮތެއްގައި ވައި ބާރުވާނެ ކަމަށް ބުނެފައިވެއެވެ.
މި ދުވަސްވަރު ދެކުނާއި މެދުރާއްޖެތެރެ އަށް ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އުތުރުގެ އަތޮޅުތަކަށް 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވަނީ ލަފާ ކުރެވިފައެވެ.
ދެކުނާއި މެދުރާއްޖެތެރޭގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އުތުރުގެ އަތޮޅުތަކަށް ކަނޑުތައް ގަދަވާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ދެކުނާއި މެދުރާއްޖެތެރޭގެ ސަރަހައްދަށް އުދަ އެރުން އެކަށީގެންވާ ކަމަށް ވެސް ބުނެފައިވެއެވެ.
މޫސުން ގޯސްވާނެތީ ހުރިހާ ފަރާތްތަކުންވެސް، ޚާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލު ވުމަށް މޫސުމާ ބެހޭ އޮފީހުން ވަނީ އެދިފައެވެ.