ހައުސިން މިނިސްޓްރީ ހިންގަމުންދިޔަ އިމާރާތުގައި ރޯވި އަލިފާންގެ ހާދިސާ ޖިނާއީ މައްސަލައެއް ގޮތުގައި ތަހުގީގު ކޮށްދިނުމަށް އެދި ހުށަހަޅާނެ ކަމަށް އެމްޑީޕީން ބުނެފިއެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް އެމްޑީޕީން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ލީގަލް ޑިރެކްޓަރު މަހްފޫޒު ސައީދު ވިދާޅުވީ، މިހާދިސާ ހިނގާ ދިޔަ ގޮތަށް ބަލާއިރު، ދައުލަތުގެ އެކި އިދާރާތަކުން ފިޔަވަޅުތަކެއް އަޅަންޖެހޭކަން ހަމަވެގެން ގޮސްފައިވާ ކަމަށެވެ. މި ހާދިސާގައި މިނިވަން ތަހުގީގެއް ހިންގުމަކީ މުހިންމުކަމެއްކަން ފާހަގަކުރައްވައި މަހްފޫޒު ވިދާޅުވީ އެކަމަށް އެދި ފުލުހުންނަށް ހުށަހަޅާނެ ކަމަށާއި، ޖިނާއީ މައްސަލައެއް ގޮތުގައި ތަހުގީގު ކޮށްދިނުމަށް އެދޭނެ ކަމަށެވެ.
މަހްފޫޒު ވިދާޅުވީ އަލިފާން ކޮންޓްރޯލް ކުރުމުގައި އިހުމާލުގެ އަމަލުތައް ފެންނާތީ އެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅާނެ ކަމަށެވެ.
އަލިފާނުގެ ހާދިސާގައި ރައްޔިތުންނާ ގުޅުންހުރި މުހިންމު ލިޔެކިޔުންތަކާއި ގުޅޭގޮތުން ދެކޭވޭ ވާހަކަތަކަށް އިޝާރާތް ކުރައްވައި މަހްފޫޒު ވިދާޅުވީ އަރުޝީފުގެ ގާނޫނުގެ ދަށުން، އެ ލިޔެކިޔުންތަކަކީ ދިވެހި އަރުޝީފުގައި ރައްކާކުރަންޖެހޭ ލިޔެކިޔުންތަކެއް ކަމަށެވެ. ނަމަވެސް މިނިސްޓަރު ފާހަގަ ކުރެއްވީ މިނިސްޓްރީން މިހާރު ފައްޓަވާފައި ހުރި މަޝްރޫއުތަކާއި ގުޅޭ ހުރިހާ ލިޔެކިޔުންތަކެއް ގެއްލިގެން ގޮސްފައިވާކަން ކަމަށް މަހްފޫޒު ވިދާޅުވިއެވެ. އަދި ވިދާޅުވީ އަރުޝީފު ކުރަންޖެހޭ އެއްޗެއް އަރުޝީފު ނުކޮށް ހުރީތޯ ނުވަތަ އަރުޝީފުކޮށްފައި ހުއްޓާ އޭގެ ނަކަލަތުތައް ދިޔައީތޯ މިކަންކަން ބަލައި ތަހުގީގު ކުރުމަށް އަރުޝީފުގެ ޑިރެކްޓަރުގެ އަރިހުން އެދޭނެ ކަމަށެވެ.
ހާދިސާ ހިނގާފައިވަނީ ކިހިނެތްތޯ ހޯދުމާއެކު. އަދި އޭގައި ސިފައިންގެ އެހީތެރިކަމަށް އެދުމާއި، ސިފައިން ބައިވެރިކުރުން އެއީ ވެސް އަޅުގަނޑުމެން އެދޭ ކަމެއް. އެކަމަށް އެދި އަޅުގަނޑުމެން މިއަދުގެ ވަގުތެއްގައި އަޅުގަނޑުމެންގެ ރިކުއެސްޓް ފޮނުވާނަން. އެއާއެކު މިހާދިސާ ހިނގާދިޔައިރުގައި އަލިފާން ކޮންޓްރޯލް ކުރުމަށް އެހޭދަވި ވަގުތާއި އެކަންކަމަށް ބަލާއިރު، އިހުމާލުގެ އަމަލުތައް ފެންނަތީ އަޅުގަނޑުމެން މިމައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި އިންޓަގްރިޓީ ކޮމިޝަނަށް ހުށަހަޅާނަން. ދެން ހަމައެއާއެކު އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ބޭފުޅުން އެތަނުގައި އަޅުގަނޑުމެންގެ ވަޒީރުން އެތަނުގައި ފާހަގަކުރަވަމުން ގެންދެވީ ވަރަށް ގިނަ ޑޮކިއުމެންޓްތައް ނެތިގެން ގޮސްފިއޭ ވަރަށް ދެރައޭ. ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި އެވާހަކަ ވިދާޅުވަމުން ގެންދެވީ. އަޅުގަނޑުމެން މިތިބީ 2011 ވަނަ އަހަރުން ފެށިގެން ގާނޫނެއް ހަދައިގެން ދިވެހިރާއްޖޭގެ ގާއުމީ އަރުޝީފުގެ ގާނޫނުގެ ނަމުގައި. އަރުޝީފު ގާނޫނުގެ ދެވަނަ މާއްދާގައި އެބަ ބަޔާންކުރޭ ދިވެހި ދައުލަތުގެ ރަސްމީ ލިޔެކިއުންތަކާއި ފޮޓޯތަކާއި ޗާޓުތަކާއި ރިކޯޑުތަކާއި މައުލޫމާތު މިގާނޫނުގައިވާ ގޮތުގެ މަތިން ރައްކާތެރިކޮށް ބެލެހެއްޓުމަކީ އެތަކެތި ބެލެހެއްޓުން ހަވާލުވެފައިވާ ކޮންމެ މީހެއްގެ ވާޖިބެއް ކަމަށް. ދެން އެގާނޫނުގެ 24 ވަނަ މާއްދާގައި ބަޔާން ކުރަނީ ރައްކާކުރަންޖެހޭ ލިޔެކިއުންތަކަކީ ކޮބައިކަން. އޭގެ ތެރޭގައި ދައުލަތުގެ މުއައްސަސާއިން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ އެންމެހައި ރިކޯޑުތައް ހިމެނޭ ގޮތުން ހ އިން ޏ އަށް އަކުރުތައް ތަރުތީބުކޮށް އަކުރުތައް ހުސްވެ ހހ، ނނ، ރރ އަދި ބބ ހިމަނައިގެން އެ މާއްދާ ފުރިހަމަކޮށްފައި އޮތީ.އެމްޑީޕީގެ ލީގަލް ޑިރެކްޓަރު މަހްފޫޒު ސައީދު
މި އަލިފާނުގެ ހާދިސާ ތަހުގީގު ކުރުމަށް ރާއްޖެއިން ބޭރުން ޓީމެއް ގެންނަ ކަމަށް ފުލުހުން ބުނެފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި މަހްފޫޒު ވިދާޅުވީ ފިނިފެންމާ ލޯންޗުގެ ގޮއްވާލި ހާދިސާ ވެސް ބޭރުގެ ތިން ގައުމަކުން އައިސް ތަހުގީގު ކުރި ކަމަށާއި، ނަމަވެސް އެ ތަހުގީގުން ނުކުތް ނަތީޖާއެއްނެތް ކަމަށެވެ. ހާދިސާގެ ސަބަބު ހޯދިފައިނުވަނީ އެބޭފުޅުންގެ އެހީތެރިކަން ހޯދިއިރު، ފުލުހުންގެ އަމިއްލަ ތަހުގީގަށް ހަނދާނެ ހުރިހާ ގޮތެއް ހަދާފައިވާތީ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ މި އަލިފާނުގެ ހާދިސާގައި ވެސް މިހާރު މުޅި ސަރަހައްދު ސާފުކުރާއިރު، މިއީ ގަސްތުގައި ކުރި ކަމެއްނަމަ ހެކި ނައްތާލުމަށް ކުރާ ކަމެއް ކަމަށް މަހްފޫޒު ވިދާޅުވިއެވެ.