ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އަރިއަތޮޅު ދެކުނުބުރީގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި އަރިއަތޮޅު ދެކުނުބުރީގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރައްވައި އެ ރަށްރަށުގެ ރައްޔިތުންނާއި، ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީތަކާ ބައްދަލުކުރައްވާފައިވެއެވެ. އަދި ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެރަށްރަށުގެ ސިއްހީ މަރުކަޒުތަކަށާއި ސްކޫލްތަކަށް ޒިޔާރަތްކުރައްވައި އެ ތަންތަނުގެ ހާލަތުވެސް ބައްލަވާލައްވާފައެވެ.
މި ދަތުރުފުޅުގައި ރައްޔިތުންނާ މުޚާތަބުކުރައްވައި ރައީސް ވަނީ މުހިންމު ކަންތައްތަކެއް އިއުލާންކުރައްވާފައެވެ.
އެގޮތުން، އަންނަ ރަމަޟާންމަހުން ފެށިގެން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ރަމަޟާންމަހުގެ އިނާޔަތް ދެއްވަން ފައްޓަވާނެކަން ދަނގެތީ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވެއެވެ. މީގެ އިތުރުން، މިދިޔަ ބުދަ ދުވަހު ތަސްދީގުކުރެއްވި ބޭރު ފައިސާގެ ބިލު ރަނގަޅަށް ތަންފީޒުކުރެވެން ފަށާތާ ހަމަސް ދުވަހާ ބާރަ މަސް ދުވަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ޑޮލަރުގެ ދަތިކަމަށް ހައްލު ލިބޭނޭކަމަށް އެމަނިކުފާނު ވިދާޅުވީވެސް، އެ ބައްދަލުވުމުގައެވެ.
މީގެ އިތުރުން، މި ދަތުރުފުޅުގައި ރައީސް ވަނީ، ލޯކަލް ޓޫރިޒަމުން ލިބޭ އާމްދަނީގެ ވަކި އިންސައްތައެއް ކައުންސިލްތަކަށް ޖަމާކުރަންޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ކުރަމުންދާ ފަންނީ މަސައްކަތް ނިމުނުހާ އަވަހަކަށް މަޖިލީހަށް ހުށަހަޅުއްވައި، ފަތުރުވެރިކަމުން ލިބޭ ޓެކްސް، ސީދާ ކައުންސިލްތަކަށް ލިބޭނޭ މަގު ފަހިވެ، ކައުންސިލްތަކަށް މާލީ ބާރުވެރިކަން އިތުރަށް ލިބޭނޭ މަގު ފަހިކޮށްދެއްވާނޭކަމަށްވެސް ވިދާޅުވެފައެވެ.
ސަރުކާރުގެ ތިން ވުޒާރާއެއް އަނދާހުލިވި އަލިފާނުގެ ހާދިސާއަށް އިޝާރާތްކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ މި ސަރުކާރުން ކުރިއަށްދާނީ، ކުރިމަތިކުރާ އަދި ކުރިމަތިވާ ހުރަސްތައް ގިރާކުރަމުން ކަމަށެވެ.
މި ދަތުރުފުޅަކީ، ރާއްޖޭގެ ހުރިހާ ކައުންސިލުތަކާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ރައީސް މުއިއްޒު މި އަހަރު ފެއްޓެވި ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން އެންމެ ފަހު ދަތުރުފުޅެވެ. މި ދަތުރުފުޅުގައި އެ މަނިކުފާނު ވަނީ، 2025 ވަނަ އަހަރު ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވަން ގަސްދުކުރައްވާކަން އިއުލާންކުރައްވާފައެވެ.
ރައީސް މުއިއްޒު ކުރެއްވި މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.