ސޫރިޔާ ގައި އަސަދުގެ ވެރިކަން ވައްޓާލި "ޓެރަރިސްޓް ގްރޫޕް" ހައިއަތު ތަހްރީރު އައްޝާމް (އެޗްޓީއެސް) އާ އެމެރިކާއިން "ސީދާ ގުޅުން" އޮތް ކަމަށް ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ވިދާޅުވެއްޖެ އެވެ.
މިއީ އެމެރިކާއިން މިހާރުވެސް ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ އެޗްޓީއެސް އާ ދެމެދު މުއާމަލާތްތައް ކުރެވުނު ކަމަށް އެމެރިކާ އިން އިއުތިރާފް ވި ފުރަތަމަ ފަހަރެވެ.
އެޗްޓީއެސް އާއި އެމެރިކާ އާ އޮތް ގުޅުމުގެ ވާހަކަފުޅު ބްލިންކެން ދެއްކެވީ އުރުދުން ގައި، އެތައް ޢަރަބި ޤައުމުތަކަކާއި، ތުރުކީ އަދި ޔޫރަޕުގެ މަންދޫބުންނާ އެކު ސޫރިޔާގެ މުސްތަޤްބަލާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުވުމަކަށްފަހުގައެވެ.
ބައްދަލުވުމުގެ ބައިވެރިން އެއްބަސްވެފައިވަނީ އެ ޤައުމުގައި ސުލްޙަވެރި އިންތިޤާލީ މަރުޙަލާއަކަށް އެހީތެރިވުމަށެވެ.
އުރުދުންގެ ޚާރިޖީ ވަޒީރު ވިދާޅުވެފައިވާ ގޮތުގައި ސަރަޙައްދީ ބާރުތަކުން އެ ޤައުމު "ހަމަނުޖެހުމުގެ ތެރެއަށް ވެއްޓިގެން ދިއުން" ފެންނަން ބޭނުމެއް ނުވެއެވެ.
ބައިވެރިން ނެރުނު ބަޔާނުގައި ގޮވާލާފައިވަނީ މައިނޯރިޓީ ޙައްޤުތަކަށް އިޙްތިރާމްކުރާ އަދި "ޓެރަރިސްޓް ޖަމާޢަތްތަކަށް" ފުރުޞަތު ނުދޭ، ހުރިހާ ފަރާތްތަކެއް ހިމެނޭ ސަރުކާރެއް ސޫރިޔާ ގައި އުފެއްދުމަށެވެ.
ފާއިތުވި ހަފްތާތަކުގައި ހިނގައިދިޔަ ހަލަބޮލި ހާދިސާތަކަށްފަހު، ސޫރިޔާގެ ކުރިމަގާ ބެހޭ ގޮތުން ގައުމުގެ އެތެރޭގައި ވެސް އަދި ބައިނަލް އަގްވާމީ މައިދާނުގައި ވެސް ދެކެވެމުންދާ ވާހަކަތަކުގައި ބާރުއަޅަމުންދަނީ ސޫރިޔާގެ ހުރިހާ ރައްޔިތުން ތަމްސީލުކުރާ އައު ވެރިކަމެއް ގާއިމުކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ.
އުރުދުންގައި ބޭއްވުނު ބައްދަލުވުމުގައި، އިރާޤުގެ ޚާރިޖީ ވަޒީރު ފުއާދު ހުސެއިން ވިދާޅުވި ގޮތުގައި ސަރަޙައްދީ ބައިވެރިން އަނެއްކާވެސް ލީބިޔާ އެއް ދެކޭކަށް ބޭނުމެއް ނުވެއެވެ. އޭނާ އިޝާރާތް ކުރެއްވީ، ކާނަލް ގައްޒާފީ ވެރިކަމުން ވައްޓާލުމާއެކު އެ ޤައުމުގައި އުފެދުނު ހަމަނުޖެހުން ތަކަށެވެ.
ތުރުކީގެ ޚާރިޖީ ވަޒީރު ހަކަން ފިދާން ވިދާޅުވެފައިވަނީ ސޫރިޔާގައި މިހާރު ހުރި މުއައްސަސާތައް ދެމެހެއްޓުމާއެކު އިޞްލާޙު ކުރަންޖެހޭ ކަމަށެވެ.
"އިންތިޤާލީ މަރުޙަލާގައި ޓެރަރިޒަމަށް ފުރުޞަތު ދީގެން ނުވާނެއެވެ. އަދި އަޅުގަނޑުމެން އެބަޖެހޭ އަޅުގަނޑުމެންގެ މަސައްކަތްތައް ވިލަރެސްކޮށް، ކުރީގެ ގޯސްތަކުން ފިލާވަޅު ހޯދަން،" ފިދާން ވިދާޅުވިކަމަށް ރޮއިޓަރސް ނިއުސް އޭޖެންސީ އިން ބުނެފައިވެއެވެ.
2018 ވަނަ އަހަރުގެ މެއި މަހު، އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އެޗްޓީއެސް އަލް-ނުސްރާ ފްރަންޓާ ގުޅުން އޮތް ކަމަށް ބުނެ "ބޭރުގެ ޓެރަރިސްޓް ޖަމާޢަތްތަކުގެ" ލިސްޓަށް އިތުރުކުރިއެވެ.
އަލް-ނުސްރާ ފްރަންޓަކީ އަލް-ޤާއިދާއާ ގުޅުންހުރި ޖަމާޢަތެކެވެ.
އެމެރިކާއިން ތުހުމަތުކުރީ އެޗްޓީއެސްއަކީ އަލް-ނުސްރާ ފްރަންޓްގެ "ވަސީލަތެއް" ކަމަށެވެ.
އދ. ގެ ސެކިއުރިޓީ ކައުންސިލުންވެސް 2014 ވަނަ އަހަރު މިފަދަ ސަބަބުތަކެއް ދައްކާ އެޗްޓީއެސް އާ ދެކޮޅަށް ފިޔަވަޅު އަޅާފައިވެއެވެ. އެ ޖަމާޢަތުގެ ބޭރުގެ މާލީ އެސެޓްތައް ހިފަހައްޓައި، ހަތިޔާރު ގަތުމާއި ވިއްކުން މަނާކޮށްފައިވެއެވެ.
ނަމަވެސް، އެޗްޓީއެސްގެ ލީޑަރު އަޙްމަދު އައް-ޝަރާޢު، ނުވަތަ އަބޫ މުޙައްމަދު އަލް-ޖޫލާނީ، އޭނާގެ ޖަމާޢަތް އަލް-ޤާއިދާ އާ ދުރުކުރުމަށް ފިޔަވަޅުތަކެއް އަޅާފައިވެއެވެ.
އެސޯސިއޭޓެޑް ޕްރެސްގެ ރިޕޯޓެއްގައިވާ ގޮތުން، އައް-ޝަރާޢު ވަނީ 2016 ވަނަ އަހަރު ވީޑިއޯ އެއް މެދުވެރިކޮށް، އޭނާގެ ޖަމާޢަތުގެ މިނިވަންކަން ބަޔާންކޮށްފައެވެ. "މި އައު ޖަމާޢަތުގެ އެއްވެސް ގުޅުމެއް އެއްވެސް ބޭރުގެ ފަރާތަކާ ނެތް" ކަމަށް އޭނާ ބުނެފައިވެއެވެ.
އެޗްޓީއެސް އާ މުއާމަލާތްތައް ކުރަމުން ދިޔަ ކަމަށް އެމެރިކާ އިން ބުނި ނަމަވެސް، އެމެރިކާ އިން އެ ޖަމާއަތާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް އަވަހަށް ނަގާނޭ ކަމަށް ނުފެންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެމެރިކާ އިން އަބަދު ވެސް ބުނަމުން އައިސްފައިވަނީ ޓެރަރިސްޓް ޖަމައާތްތަކާ އެއްވެސް މުއާމަލާތެއް އެ ގައުމުން ނުކުރާނެ ކަމަށެވެ.
ސޫރިޔާގެ ކުރިމަގާ ބެހޭ ގޮޮތުން އުރުދުން ގައި އޮތް ބައްދަލުވުމުގައި ސޫރިޔާގެ މަންދޫބެއް ބައިވެރިވެފައެއް ނުވެއެވެ. ބައްދަލުވުމުން އީރާން އާއި ރަޝިޔާ ވެސް ފެނިފައި ނުވާކަން ރިޕޯޓުތަކުގައި ފާހަގަ ކޮށްފައިވެއެވެ.