ސޫރިއާގެ އައު ސަރުކާރުން 3 މަސް ދުވަހަށް ގާނޫނުއަސާސީ އާއި ގާނޫނު ހަދާ މަޖިލސް ސަސްޕެންޑް ކުރަން ނިންމައިފި ކަމަށް ބުނެފިއެވެ.
ސޫރިއާގެ އައު ސަރުކާރުގެ ތަރުޖަމާނު ބުރާސްފަތި ދުވަހު އޭއެފްޕީއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ރައީސް ބައްޝާރު އަލް-އަސަދު ވެރިކަމުން ދުރުކުރުމަށްފަހު މި އޮތް 3 މަސް ދުވަހުގެ އިންތިޤާލީ މުއްދަތުގައި އެ ޤައުމުގެ ޤާނޫނުއަސާސީ އާއި ގާނޫނު ހަދާ މަޖިލިސް ސަސްޕެންޑް ކުރާނެ ކަމަށެވެ.
"ޤާނޫނުއަސާސީ ދިރާސާކޮށް، އިޞްލާޙުތައް ހުށަހެޅުމަށްޓަކައި ޝަރުޢީ އަދި އިންސާނީ ޙައްޤުތަކާބެހޭ ކޮމިޓީއެއް އުފައްދާނެ؛" ކަމަށް އުބައިދާ އަރްނާއުޓް އޭއެފްޕީއަށް ބުނެފައިވެއެވެ.
އިދިކޮޅު ހަނގުރާމަވެރިން ވެރިރަށް ދިމިޝްޤު ހިފައި، އަލް-އަސަދު ފިލައިގެން ދިޔުމަށް މަޖުބޫރު ކުރުވީ މިދިޔަ ހަފްތާގެ އާދީއްތަ ދުވަހުއެވެ.
އިދިކޮޅު ފަރާތްތަކުން ވަނީ ސޫރިޔާގެ އިދްލިބްގައި އަމިއްލައަށް ހިންގި "ސަލްވޭޝަން ގަވަރންމަންޓް" ގެ އިސްވެރިޔާ މުޙައްމަދު އަލް-ބަޝީރު، މާރޗް 1 އާ ހަމައަށް ޤައުމުގެ އިންތިޤާލީ ބޮޑުވަޒީރުގެ ގޮތުގައި އަންގާރަ ދުވަހު ޢައްޔަންކޮށްފައެވެ.
އިދިކޮޅު ފަރާތްތަކުގެ ތަރުޖަމާނު ބުނެފައިވަނީ "ސަލްވޭޝަން ގަވަރންމަންޓްގެ ވަޒީރުންނާއި އަލް-އަސަދުގެ އިދާރާގެ ކުރީގެ ވަޒީރުން" ގެ މެދުގައި ބާރު ބަދަލުކުރުމަށްޓަކައި އަންގާރަ ދުވަހު ބައްދަލުވުމެއް ބޭއްވޭނެ ކަމަށެވެ.
"މި އިންތިޤާލީ މުއްދަތު ދެމިގެންދާނީ 3 މަސްދުވަހަށް" ކަމަށް އޭނާ އޭއެފްޕީއަށް ދިން ބަސްދީގަތުމުގައި ފާހަގަ ކޮށްފައިވެއެވެ. "އަޅުގަނޑުމެން އިސްކަންދޭ ކަމަކީ މުއައްސަސާތައް ރައްކާތެރިކޮށް ހިމާޔަތްކުރުން."
ދައުލަތުގެ ޓެލެވިޜަންގެ މައި މަރުކަޒުގައި ވާހަކަދައްކަމުން، ތަރުޖަމާނު ވަޢުދުވެފައިވަނީ އެމީހުން "ޤާނޫނުގެ ވެރިކަން" ޤާއިމުކުރާނެ ކަމަށެވެ.
"ސޫރިއާގެ ރައްޔިތުންނާ ދެކޮޅަށް ކުށްތައް ކޮށްފައިވާ އެންމެހައި ފަރާތްތައް ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ޝަރީޢަތްކުރެވޭނެ" ކަމަށް އޭނާ ބުނެފައިވެއެވެ.