މުޙައްމަދު އަލް-ބަޝީރު ސޫރިޔާގެ ވަގުތީ ބޮޑުވަޒީރު ކަމަށް އައްޔަން ކޮށްފިއެވެ. އޭނާ 1 މާރޗް 2025 އާ ހަމައަށް ވަގުތީ ސަރުކާރު ހިންގެވުމުގައި ހުންނަވާނެ ކަމަށް ވަނީ އިއުލާން ކޮށްފައެވެ.
އޭނާ އެ މަގާމަށް ހަމަޖެއްސީ ސޫރިޔާގައި އޮތް ބައްޝާރު އަލް-އަސަދުގެ ވެރިކަން ނިމުމަކަށް ގެނައުމަށް އިސްކޮށް ޙަރަކާތްތެރިވި ހަތިޔާރު އެޅި ޖަމާޢަތް، ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް) އިންނެވެ.
ވަގުތީ ސަރުކާރެއް އެކުލަވާލުމުގެ މަސްއޫލިއްޔަތު ޙަވާލުކުރެވިފައިވާ ބަޝީރަކީ އެޗްޓީއެސްއާ ގާތް ގުޅުމެއް އޮތް އަދި އިދްލިބުގައި ސީރިޔަން ސަލްވޭޝަން ގަވަރންމަންޓް (އެސްއެސްޖީ) ގެ އިސްވެރިޔާގެ ގޮތުގައި މަސައްކަތްކޮށްފައިވާ ފަރާތެކެވެ.
އަންގާރަ ދުވަހު ޓީވީ މެދުވެރިކޮށް ދިން ބަޔާނެއްގައި ބަޝީރު ވަނީ އޭނާ ވަގުތީ ބޮޑު ވަޒީރު ކަމަށް އައްޔަން ކުރިކަން އިއުލާން ކުރައްވާފައެވެ.
އެޗްޓީއެސްގެ ލީޑަރު އަބޫ މުޙައްމަދު އަލް-ޖޫލާނީ ހޯމަ ދުވަހު ވަނީ ބައްޝާރުގެ ސަރުކާރުގެ ބޮޑުވަޒީރު މުޙައްމަދު އަލް-ޖަލާލީއާ ބައްދަލުކޮށް ސަރުކާރުގެ ބާރުތައް ބަދަލު ކުރުމާ ބެހޭގޮތުން މަޝްވަރާކޮށްފައެވެ.
އެޗްޓީއެސް އިސްވެ ސޫރިޔާ ސަރުކާރާ ދެކޮޅަށް ހިންގި ކެމްޕޭނުގައި ހަތިޔާރު ޖަމާޢަތްތަކުން 8 ޑިސެމްބަރުގައި ވެރިރަށް ދިމިޝްގު ހިފާ ބައްޝާރު އަލް-އަސަދުގެ ވެރިކަން ވައްޓާލިކަން އިއުލާނު ކުރިއެވެ.
ބޭރުގެ ފަރާތްތަކުގެ އެހީތެރިކަން ލިބިގެން ހަތިޔާރު އެޅި މި ގްރޫޕްތަކުން މިހާރު ވާހަކަދައްކަމުންދަނީ ރަސްމީކޮށް ސޫރިޔާގެ މުޅި ކޮންޓްރޯލު އެމީހުންގެ އަތްދަށަށް ގެނައުމަށެވެ.
ކުރީގެ އަލް-ޤާޢިދާގެ ގޮތްޕެއްގެ ގޮތުގައި ހަރަކާތްތެރިވި އެޗްޓީއެސް އިން އިސްވެ އޮވެ ސޫރިޔާގެ ސަރުކާރު ވައްޓާލުމުން، އެމެރިކާ އާއި އިނގިރޭސިވިލާތުން މިހާރު ވިސްނަމުންދަނީ އެޗްޓީއެސް އެމީހުންގެ ޓެރަރިސްޓް ލިސްޓުން އުނިކުރުމަށެވެ.
އެޗްޓީއެސް ގެ ވެރިޔާ ޖޫލާނީ އަންގާރަ ދުވަހު ބުނެފައިވަނީ ފާއިތުވި އަހަރުތަކުގައި ގައުމުގެ އެކި ކަންކޮޅުތަކުގައި އެ ޖަމާއަތާ ދެކޮޅަށް މަސައްކަތް ކުރި ކުރީ ސަރުކާރުގެ އިސްވެރިން ހޯދާ ފިޔަވަޅު އަޅާނެ ކަމަށެވެ.