ކ. މާލެ
|
19 އޯގަސްޓް 2017 | ހޮނިހިރު 14:22
ޔުވެންޓަސްގެ ކޯޗު އަލެގްެރީ
ޔުވެންޓަސްގެ ކޯޗު އަލެގްެރީ
ގެޓީ އިމޭޖަސް
ޔުވެންޓަސް
ލީގުގެ ތައްޓަށް ގިނަ ޓީމުތަކެއް ވާދަކުރާނެ: އަލެގްރީ
ޔުއެފާ ޗެމްޕިއަންސް ލީގުގައި ވެސް ކާމިޔާބު ހޯދެން އޮތީ ލީގުގައި މޮޅު ކުޅުމެއް ދެއްކިގެން

އިޓާލިއަން ސެރީއޭގެ ތައްޓަށް ގިނަ ޓީމުތަކެއް މި ސީޒަނުގައި ވާދަކުރާނެ ކަމަށް ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އަލެގްރީ ބުނެފިއެވެ.

މި ސީޒަނަށް ޔުވެންޓަސްއިން ނުކުންނާނީ ޖެހިޖެހިގެން ހަތްވަނަ ފަހަރަށް އިޓާލިއަން ސެރީއޭގެ ތަށި ހޯދުމަށެވެ.  އެ ޓީމު ވަނީ އިޓާލިއަން ސުޕާކަޕުގައި ލާޒިއޯ އަތުން ބަލިވެފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އަލެގްރީ ބުނެފައި ވަނީ މި ސީޒަނުގައި ސެރީއޭގެ ތައްޓަށް މަދުވެގެން ފަސް ޓީމު ވާދަކުރާނެ ކަމަށެވެ. އެގޮތުން މި ސީޒަނަށް ގިނަ ޓީމުތަކުން ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައި ކަމަށާއި ޖެހިޖެހިގެން ހަތްވަނަ ފަހަރަށް ތަށި ހޯދުމަށް ސީޒަނުގެ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތްކުރަން ޖެހޭނެކަމަށް އަލެގްރީ ބުނެފައި ވެއެވެ.

މީގެ އިތުރަށް ވެސް މި ބައްދަލުވުމުގައި އޭނާވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގައި ވެސް ކާމިޔާބު ހޯދެން އޮތީ ލީގުގައި މޮޅު ކުޅުމެއް ދެއްކިގެން ކަމަށް ބުނެފައެވެ. އެގޮތުން ލީގަށް ރަނގަޅަށް ތައްޔާރުވެވިއްޖެ ނަމަ ޗެމްޕިއަންސް ލީގުގައި ރަނގަޅު ހިސާބަކަށް ވާސިލްވެވޭނެ ކަމަށް އޭނާ ހާމަކުރިއެވެ.

މިދިޔަ ސީޒަނުގައި ހޯދި ކާމިޔާބީއަކީ މިހާރު މާޒީ ކަމަށާއި ކުރިޔަށް ނުވިސްނައިފި ނަމަ ސީޒަނުގެ ފަހުކޮޅުގައި ގިނަ މައްސަލަތަކާއި ކުރިމަތިވާނެ ކަމަށް އޭނާ ބުނެފައި ވެއެވެ.

ޔުވެންޓަސްއިން ވަނީ މި ސީޒަނަށް އެ ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ޕީއެސްޖީގެ މިޑްފީލްޑާ ބްލެއިޒް މަޓުއިޑީ އާއި ބަޔާންގެ ދެ ކުޅުންތެރިން ކަމަށްވާ ބެނާޓިއާ އަދި ޑަގްލަސް ކޮސްޓާ އެ ޓީމަށް ގެންސްފައެވެ.

ޔުވެންޓަސްއަކީ ފާއިތުވި ހަ ސީޒަނުގައި ވެސް އިޓާލިއަން ސެރީއޭ ކާމިޔާބުކުރި ޓީމެވެ. އެ ޓީމުންވަނީ 33 ފަހަރު މި ތަށި ކާމިޔާބުކޮށްފައެވެ.

- ކޮމެންޓް