ކ. މާލެ
|
27 ނޮވެންބަރ 2024 | ބުދަ 12:49
ވ، ތިނަދޫ
ވ، ތިނަދޫ
ވ.ތިނަދޫ ބަނދަރުގެ މަޝްރޫއު
ވ.ތިނަދޫ ބަނދަރު ތަރައްގީގެ މަޝްރޫއު ފެށޭނެ ދުވަހެއް ހާމައެއް ނުކުރި
2024 ވަނަ އަހަރު ސޮއިކުރީ މަދު މަޝްރޫއެއްގައި
މިއަހަރުގެ ބަޖެޓުގައި އެ މަޝްރޫއު ކުރިއަށް ގެންދެވެން ނެތް
ބަނދަރުގެ މަސައްކަތް 2025 އަހަރު ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރާނަން

ވ.ތިނަދޫ ބަނދަރު ތަރައްގީގެ މަޝްރޫއު ފެށޭނެ ދުވަސް ހާމަނުކޮށް، މަޝްރޫއުތައް ކުރިއަށް ގެންދަނީ ވީހާ ވެސް ގިނަ ރައްޔިތުންނަށް ފައިދާވާ ގޮތަށް ކަމަށް ކޮންސްޓްރަކްޝްނަ މިނިސްޓަރު، އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ ދައުލަތުގެ އެންމެ މުހިންމު ޒިންމާއަކީ ދިވެހި ރައްޔިތުންގެ ގިނަ ބަޔަކަށް ފައިދާވާ އުސޫލުގެ މަތިން ދައުލަތުގެ ބަޖެޓުގައި ހިމެނޭ ކަންތައްތައް ކުރުން ކަމަށެވެ. އަދި ވިދާޅުވީ 2024 ވަނަ އަހަރު ސޮއިކުރީ ވެސް މަދު މަޝްއޫއެއްގައި ކަމަށެވެ.

ވ.ތިނަދޫ ބަނދަރުގެ މަސައްކަތް 2024 ވަނަ އަހަރު ކުރިއަށް ގެންދާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވައުދުވެޑައިގެންފައިކަން މެންބަރުން ފާހަގަކުރައްވާފައިވަތީ އެކަމަށް އިޝާރާތް ކުރައްވައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ މޯބަލައިޒް ކޮށްފައިނުވާ މަޝްރޫއުތަކަށްވުރެ ބޮޑަށް އިސްކަން ދީފައިވަނީ ފަށާފައިވާ މަޝްރޫއުތައް ކުރިއަށް ގެންދަން ކަމަށެވެ. އަދި ބަޖެޓުގައި އެ މަޝްރޫއު ކުރިއަށް ގެންދެވެން ނެތް ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވިއެވެ.

އެހެންވީމަ 39 ބިލިއަން ރުފިޔާ މަޝްރޫއުގެ ތެރެއިން ވީހާ ވެސް ގިނަ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އެފައިސާ ބޭނުންކުރުމުގެ ގޮތުން އައު މަޝްރޫއުތައް ފަށައިގެން އަޅުގަނޑުމެން ފަށައިގެން ކުރިއަށް ނުގެންދަން ނިންމީ. އޭރު ސޮއިކޮށްފައި ހުރި މަޝްރޫއުތަކުގެ ތެރެއިން ވެސް އަޅުގަނޑުމެންނަށް މޯބަލައިޒް ނުކޮށް ހުރި ރަށެއް ވިއްޔާ މޯބަލައިޒް ނުކޮށް ކުރިއަށްދާ މަޝްރޫއުތައް އެފައިސާ ބޭނުންކޮށްގެން ނިންމޭތޯ އަޅުގަނޑުމެން މަސައްކަތް ކުރީ. އެނގިވަޑައިގަންނަވާނެ މިހާރު ވެސް ބަޖެޓުގައި ހުރި މިންވަރަށް ވުރެ އިތުރަށް ޕީއެސްއައިޕީއަށް ހަރަދު ކުރަންޖެހި ސަޕްލިމެންޓްރީ ބަޖެޓެއް ފާސްކުރަން ޖެހުނީ. އެހެންވީމަ ހަގީގަތުގައި އެއުސޫލުން ބަލާކަމަށްވަންޏާ މިދަންނަވާ ތިނަދޫއަށް ބޭނުންވީ މަސައްކަތް ފަށައިގެން ކުރިއަށް ގެންދަން. އެހެންނަމަވެސް ދައުލަތުގެ ބަޖެޓުގެ ތެރެއިން އެފައިސާ ހަރަދުކޮށްގެން އެމަސައްކަތް ކުރިއަށް ގެންދަން އެވަގުތު ޖާގަ ނެތީމަ އެމަސައްކަތް ކުރިއަށް ނުގޮސް އޮތީ.
ކޮންސްޓްރަކްޝްނަ މިނިސްޓަރު، އަބްދުﷲ މުއްތަލިބު

މިނިސްޓަރު މުއްލަތިބު ވިދާޅުވީ ވ.ތިނަދޫ ބަނދަރުގެ މަސައްކަތް 2025 އަހަރު ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރާނެ ކަމަށާއި، 2025 ވަނަ އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށް ބޮޑު ބަޖެޓެއް ލިބިފައިވާ ކަމަށެވެ. އަދި ވިދާޅުވީ އަންނަ އަހަރު ވެސް މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ސޮއިކޮށްފައިވާ ތަރުތީބުން، ރައްޔިތުންނަށް ފައިދާވާ ގޮތަށް މަޝްރޫއުތަކަށް އިސްކަން ދެވޭނެ ކަމަށެވެ.

ތިނަދޫގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ނެތުމުގެ ދަތިކަން އެރަށުގެ ރައްޔިތުންނަށް ވަނީ ވަރަށް ބޮޑަށް ކުރިމަތިވެފައެވެ. ނަމަވެސް އަންނަ އަހަރު ވެސް މިމަޝްރޫއު ކުރިއަށް ގެންދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަމެއް މިނިސްޓަރު މުއްތަލިބު ނުދެއްވިއެވެ.

- ކޮމެންޓް