އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ނުފޫޒު ނުފޯރުވައި، ރައީސް ޑރ.މުހައްމަދު މުއިއްޒާއި، އެމަނިކުފާނުގެ އަރިހުގައި ތިއްބެވި އިސް އާރްކާޓީންގެ ކޮރަޕްޝަން މައްސަލަތައް ނެތްކަން ރައްޔިތުންނަށް ސާބިތުކޮށްދިނުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޮވާލައްވައިފިއެވެ.
ހޯމަ ދުވަހުގެ ރޭ ޕީއެންއެފްއިން ކުރިއަށް ގެންދާ ޖަލްސާގައި ޔާމީން ވިދާޅުވީ ރައީސް މުއިއްޒާއި، އެމަނިކުފާނުގެ އަރިހުގައި ތިއްބެވި އިސް އާރްކާޓީންގެ ކޮރަޕްޝަންގެ ގިނަ މައްސަލަތައް ހުށަހަޅާފައިވާ ކަމަށާއި، އެއްވެސް މައްސަލައެއް ކުރިއަށް ނުދާ ކަމަށެވެ.
މިނިވަންކަމާއެކު އޭސީސީ ހިނގަންޖެހޭކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ ސަރުކާރުގައި ފައިސާ ހުރުމުން އަދި ސަރުކާރުގައި ނުފޫޒު އޮތީމައި ވަރަށް ގިނަ ކަންތައް ކުރެވިދާނެ ކަމަށާއި، ރައްޔިތުން މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ލިބި، ގާނޫނު އަސާސީ ވެސް ބޭނުންވާ ގޮތަކަށް ބަދަލުކުރެވިދާނެ ކަމަށެވެ. ނަމަވެސް މިބާރު އަބަދު ނޯންނާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.
އޭސީސީގެ ބާރު ސަރުކާރަށް ނަގާފައިވާތީ ޔާމީން ވިދާޅުވީ މިސަރުކާރުގެ ކާމިޔާބު ތަރައްގީގެ މަޝްރޫއުތައް ލޮލަށް ނުފެންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވި ނަމަވެސް ރައްޔިތުންގެ ފައިސާއަށް ވީނުވީ އެނގެން ރައްޔިތުން ބޭނުންވާނެ ކަމަށާއި، އެކަމާއި ގުޅިގެން ރައްޔިތުން ސުވާލު ކުރާނެ ކަމަށެވެ. ނަމަވެސް މިއަހަރުގެ ބަޖެޓުގެ ފައިސާއަށް ވީ ގޮތް ރައްޔިތުންގެ މަންދޫބުންނަށް ވެސް އަންގާފައިނުވާ ކަމަށާއި، ފިނޭންސް މިނިސްޓްރީން މާލީ ހިސާބުތައް އާއްމު ކުރުން ހުއްޓާލާފައިވާ ކަމަށް ޔާމީން ވިދާޅުވިއެވެ.
މީގެ އިތުރުން ޔާމީން ވިދާޅުވީ ރައީސް މުއިއްޒު ސަރުކާރާއެކު މިއަދު ރާއްޖެ 30 އަހަރުގެ ފަހަތަށް ޖައްސާފައިވާ ކަމަށެެވެ.
ގާނޫނު އަސާސީގައި ލިޔަން ބޭނުންވަ މާއްދާއެއް ލިޔެވިދާނެ. މުއައްސަސާތަކަށް އަތް ބޭނިދާނެ. މިއަދު އެ ފާސްކުރި ގާނޫނުން ރައްޔިތުންގެ މަޖިލީހުން އެފާސް ކުރީ އިލެކްޝަން ކޮމިޝަންގެ ރައީސްއަކީ އަދި ނައިބު ރައީސް އަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ބޭފުޅުންނަށް ވެގެން ދިއުން. އެންޓި ކޮރަޕްޝަން ކޮމިޝަންއަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ރައީސަކު ހިންގަވާ ތަނެއްގެ ގޮތުގައި ހަމަޖެހިގެންދިޔައީ. މި ދިވެހިރާއްޖެ މިދިޔައީ މީގެ 30 އަހަރު ފަހަތަށް. މީގެ 30 އަހަރު ކުރިން އޭރުގައި ހުންނަވާ ރައީސަކު މިތަނަށް ބޭފުޅުން އައްޔަންކޮށް ބޭފުޅަކު ހަމަޖައްސަވާނީ. ޑިމޮކްރަސީގެ މަގުގައި އަޅުގަނޑުމެން މިކުރި ޖިހާދު، އަދި އިސްލާހަށް މަސައްކަތް ކުރައްވާ ކަމަށް އޭރު ވަކާލާތު ކުރެއްވި ބޭފުޅުން މިއަދު އެތިބީ މަންމަން ވެފައި. އަތްފައި ގުޑުވާނުލެވިފައި. ވޯޓު ލައްވަނީ އަތް މައްޗަށް ނަގައިގެން. ނޫނިއްޔާ ސަރުކާރު ބޭނުންވާ ގޮތަށް ފެހި ފާހަގަ ޖަހައިގެން. މިއަދު ހާލަތު މިއީ.ކުރީގެ ރައީސް އަބްދުﷲ ޔާމީން
ޔާމީން ވިދާޅުވީ ދައުލަތުން ބޮޑެތި އަދަދުތަކުން ސެޓަލްމަންޓުން ފައިސާ ދައްކަންޖެހިފައި އޮތީ މިހާރުގެ ރައީސް މުއިއްޒުގެ ސަބަބުން ކަމަށާއި، މި ސަރުކާރުގެ އެއްވެސް ބޭފުޅަކަށް މިއަށް ޖަވާބެއް ނުދެއްވޭނެ ކަމަށެވެ. އަދި ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތައް ބަލަން އައި މި ސަރުކާރުގެ ނަޒާހަތްތެރި ކަމުގެ މިންގަނޑު ހުރީ ސުމެއްގައި ކަމަށެވެ.