އިނގިރޭސި ކުލަބު މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ސްޕެއިންގެ ހުނަރުވެރި ގޯލް ކީޕަރު ޑޭވިޑް ޑެހެއާ ހޯދުމަށް ރެއާލް މެޑްރިޑުން ބިޑު ކުރަން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
ޔޫރަޕްގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ޑެހެއާ އަށް ބިޑު ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނާއިރު އެޓީމުން އިން ތައްޔާރުވަމުން އަންނަނީ ޑެހެއާ ހޯދުމަށް 46 މިލިއަން ޕައުންޑުގެ ބިޑެއް ޔުނައިޓެޑަށް ހުށަހެޅުމަށެވެ.
މަސްހޫރު ނޫސް ދަ ސަންއިން އާންމު ކޮށްފައިވާ ރިޕޯޓެއްގައި މިފަހަރުގެ ޓްރާންސްފާ މާކެޓް ބަންދު ކުރުމުގެ ކުރިން ރެއާލް މެޑްރިޑުން ޑެހެއާ އަށް ބިޑު ކުރާނެ ކަމަށާއި އެކަމަށް ވަރަށް ބޮޑަށް ރެއާލްއިން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައިވެއެވެ.
ރިޕޯޓްތަކުން ބުނާގޮތުން މިފަހަރުގެ އާ ސީޒަން ފެށުމުގެ ކުރިން ކުރިޔަށް ދިޔަ ޕްރިސީޒަން މެޗުތަކުގެ ކުރިން ވެސް ރެއާލްއިން ދިޔައީ ޑެހެއާ ގެނައުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ޑެހެއާ ކޮންމެވެސް ވަރަކަށް މަސްވަރާ ވެސް ކުރެވިފައިވާ ކަމަށް ރިޕޯޓްތައް ބުނާއިރު ޑެހެއާ މިހާރު ބޭނުންވަނީ ރެއާލް އަށް ބަދަލުވުމަށް ކަމަށް ވެސް ވަނީ ބުނެފައެވެ.
ޑެހެއާ އަކީ ރެއާލް އިން ކުރިން ވެސް ގެންދިއުމަށް މަސައްކަތް ކޮށްފައިވާ ކުޅުންތެރިއެކެވެ. އެހެން ނަމަވެސް އެފަހަރު ރެއާލް އިން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.
އުމުރުން 26 އަހަރުގެ ޑެހެއާ ޔުނައިޓެޑަށް ބަދަލުވީ 2011 ވަނަ އަހަރު އެތްލެޓިކޯ މެޑްރިޑުންނެވެ. އެގޮތުން ޑެހެއާ މިހާތަނަށް ޔުނައިޓެޑުގައި ފަސް ސީޒަން ހޭދަކޮށްފައިވާއިރު އޭނާ ވަނީ އެޓީމަށް 201 މެޗު ކުޅެދީފައެވެ.
ޑެހެއާ ވަނީ ޔުނައިޓެޑާ އެކު ޕްރިމިއާ ލީގެއްގެ އިތުރުން އެންމެ ފަހުން ކުޅެވުނު ޔޫރޮޕޯ ލީގުވެސް ޔުނައިޓެޑާ އެކު ކާމިޔާބު ކޮށްފައެވެ. މީގެއިތުރުން އެފްއޭ ކަޕަކާއި އެފްއޭ ކޮމިޔުނިޓީ ޝީލް ތިން ފަހަރެއްގެ މަތިން ވަނީ ޔުނައިޓެޑް ކާމިޔާބު ކޮށްފައެވެ.