ސޮމާލިޔާއިން ވަކިވެ އަމިއްލަ އަށް މިނިވަންކަން އިއުލާނު ކޮށްފައިވާ ސޮމާލީލޭންޑްގެ ރިޔާސީ އިންތިޚާބު އިދިކޮޅު ލީޑަރު ޢަބްދުއްރަޙްމާން މުޙައްމަދު ޢަބްދުﷲ ކާމިޔާބު ކުރައްވައިފިއެވެ.
ސޮމާލީލޭންޑްގެ ނެޝަނަލް އިލެކްޓޯރަލް ކޮމިޝަން (އެންއީސީ) އިން އަންގާރަ ދުވަހު ބުނެފައިވާ ގޮތުގައި، ވައްދާނީ ޕާޓީގެ "އިއްރޯ" ގެ ނަމުންވެސް މަޝްހޫރު ޢަބްދުﷲ އަށް ވޯޓުގެ ގާތްގަނޑަކަށް 64 އިންސައްތަ ލިބި، މިހާރުގެ ރައީސް، ކުލްމިޔޭ ޕާޓީގެ މޫސާ ބިހީ ޢަބްދީ ވަނީ އިންތިޚާބުން ބަލިވެފައެވެ.
ފައިސާގެ ދަތިކަމާއި އެހެނިހެން ސަބަބުތަކާ ހުރެ 2 އަހަރު ދުވަހަށް ފަސްވެގެން ދިޔަ އިންތިޚާބުގައި، ސޮމާލީލޭންޑްގެ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ ފަރާތްތަކުން ވޯޓުލާފައިވަނީ މިދިޔަ ހަފްތާގައެވެ.
7 އަހަރު ވެރިކަން ކުރުމަށްފަހު ދެވަނަ ދައުރަކަށް ކުރިމަތިލާފައިވާ ޢަބްދީ އަށް ހޯއްދެވުނީ ވޯޓުގެ 35 އިންސައްތައެވެ.
ދެ ކެންޑިޑޭޓުންވެސް ކެމްޕޭނުގައި ވަނީ ނިކަމެތިވެފައިވާ އިޤްތިޞާދު ރަނގަޅުކުރުމަށާއި ސޮމާލީލޭންޑަށް ބައިނަލްއަޤްވާމީ ބަލައިގަތުން ހޯދުމަށް މަސައްކަތްކުރާނެ ކަމަށް ވަޢުދުވެފައެވެ.
1991 ވަނަ އަހަރު ސޮމާލިޔާ ހަނގުރާމައިގެ ތެރެއަށް ވެއްޓުނު އިރު މިނިވަންކަން އިޢުލާންކުރި ސޮމާލީލޭންޑް ވަނީ ސޮމާލިޔާ އާއި އަޅާ ބަލާއިރު ސިޔާސީ ގޮތުން ހަމަޖެހޭ މާޙައުލެއް ޤާއިމްކޮށްފައިކަން ފާހަގަ ކުރެވެއެވެ.
އަމިއްލައަށް މިނިވަންކަން އިޢުލާން ކޮށްފައިވާ މި ޖުމްހޫރިއްޔާގައި އަމިއްލަ ސަރުކާރަކާއި، ފައިސާގެ ނިޒާމަކާއި، ސަލާމަތީ އޮނިގަނޑެއް ޤާއިމްކޮށްފައިވެއެވެ. ނަމަވެސް، ދުނިޔޭގެ އެއްވެސް ޤައުމަކުން މި ޖުމްހޫރިއްޔާ ބަލައިގަނެފައި ނުވާތީ، ފައިސާގެ މުއާމަލާތްތައް ކުރުމަށާއި އެތަނުގެ 6 މިލިއަން މީހުންނަށް ދަތުރުފަތުރު ކުރުމަށް ހުރަސްތައް ކުރިމަތިވެފައިވެއެވެ.
ސޮމާލީލޭންޑުން އުއްމީދުކުރަނީ އަލަށް އަންނަ ޓްރަމްޕްގެ ސަރުކާރުން އެތަނުގެ މިނިވަންކަން ބަލައިގަންނާނެ ކަމަށެވެ.
ރިޕަބްލިކަން ލީޑަރު ޑޮނަލްޑް ޓްރަމްޕްގެ ފުރަތަމަ ދައުރުގައި އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް ގައި އެފްރިކާ އާ ބެހޭ ސިޔާސަތު އެކުލަވާލުމުގައި މަސައްކަތް ކުރި އިސް އޮފިޝަލުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ސޮމާލީލޭންޑް ބަލައިގަތުމަށް ހާމަކަން ބޮޑު ގޮތެއްގައި ތާއީދު ފާޅުކޮށްފައެވެ.