ފްރެންޗް ލީގުގައި މިރޭ މެޓްޒްއާ ދެކޮޅަށް ކުޅޭ މެޗަށް މޮނާކޯއިން ނެގި ސްކޮޑުން އެޓީމުގެ ޒުވާން ފޯވާޑު ކީލިއަން އެމްބާޕޭ ބާކީކޮށްފިއެވެ.
ފްރެންޗް ލީގުގައި މިރޭ މެޓްޒްއާ ދެކޮޅަށް އެންމެ ފަހުގެ ޗެމްޕިއަން މޮނާކޯ ކުޅޭ މެޗަށް އެޓީމުން ނެގި ސްކޮޑުގައި އެމްބާޕޭ ބާކީ ކޮށްފައިވާއިރު އޭނާ ބާކީ ކުރި ސަބަބެއް އެޓީމުން ހާމަކޮށްފައެއް ނުވެއެވެ.
ޔޫރަޕްގެ މަޝްހޫރު ބޮޑެތި ކުލަބުތަކުގެ ލޯ އަމާޒުވެފައިވާ އުންމީދީ ޒުވާން ފޯވާޑް މިރޭގެ މެޗަށް ނެގި ސްކޮޑުން ބާކީ ކުރި ސަބަބެއް ހާމަކޮށްފައި ނުވި ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން އެމްބާޕޭ މޮނާކޯ ސްކޮޑުން ބާކީ ކޮށްފައިވަނީ އޭނާގެ ކަކުލަށް ލިބުނު އަނިޔާއިން މުޅިން ފިޓްނުވާތީއެވެ.
އެހެން ނަމަވެސް މޮނާކޯއިން އެކަން ކަށަވަރުކޮށްދީފައިނުވާއިރު އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޮނާކޯގެ ކޯޗު ލިއަނާޑޯ ޖާޑިމް ބުނެފައިވަނީ އޭނާ މިރޭގެ ސްކޮޑަށް ނަގާފައިވަނީ 100 ޕަސެންޓް ފިޓް ކުޅުންތެރިން ކަމަށާއި އެމްބަޕޭ 100 ޕަސެންޓް ފިޓް ނުވާތީ އޭނާ ވނުނެގީކަމަށެވެ.
"އަހަރެން މިރޭގެ ސްކޮޑަށް ނެގީ އަހަންނަށް ޔަގީންކަން ލިބޭ 100 ޕަސެންޓް ލިބިފައިވާ ކުޅުންތެރިން، އެހެން ނަމަވެސް އެމްބަޕޭ އާ މެދު އަހަރެންނަށް ޔަގީންކަމެއް ނެއް." މޮނާކޯގެ ކޯޗު ލިއަނާޑޯ ޖާޑިމް ބުންޏެވެ.
މިރޭގެ މެޗަށް ނެގި ސްކޮޑުން އެމްބާޕޭ އަށް ފުރުސަތު ލިބިފައި ނުވާއިރު، ލީގުގައި އެންމެފަހުން މޮނާކޯ ކުޅުނު މެޗުގައި ވެސް އެމްބާޕޭ އަށް ފުރުސަތު ދީފައެއް ނުވެއެވެ.
އެކަމާ ގުޅިގެން މޮނާކޯގެ ކޯޗު ލިއަނާޑޯ ޖާޑިމް ބުނީ، އެ މެޗަށް އެމްބާޕޭ ނޭރުވީ އަދަބެއް ދިނުމުގެ ގޮތުން ނޫންކަމަށާއި، އެއީ އޭނާގެ ރަނގަޅަކަށް ނިންމި ނިންމުމެއް ކަމަށެވެ.
އުމުރުން 18 އަހަރުގެ އެމްބާޕޭ މޮނާކޯގެ ސްކޮޑުން އެމްބާޕޭ ބާކީކޮށްފައިވާއިރު މިފަހަރުގެ ޓްރާންސްފާ މާކެޓުގައި އޭނާ އެޓީމު ދޫކޮށްލަން، އުޅޭކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރެން ފަށައިފައެވެ. އެގޮތުން ސްޕެއިންގެ ރެއާލް މެޑްރިޑާއި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އަދި މެންޗެސްޓާ ސިޓީ އިން ޝައުގުވެރިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެމްބަޕޭ އަކީ ނިމިގެންދިޔަ ސީޒަނުގެ ޗެމްޕިއަންކަން މޮނާކޯއިން ހޯދިއިރު މޮޅު ކުޅުމެއް ދައްކާފައެވެ.