ސްރީ ލަންކާގެ ރައީސް އަނުރާ ކުމާރާ ޑިސަނަޔަކެ ހޯމަ ދުވަހު 21 މެންބަރުންގެ އައު ކެބިނެޓެއް އައްޔަން ކުރައްވައިފިއެވެ.
އައު ކެބިނެޓް އިއުލާނު ކުރީ ސްރީ ލަންކާގެ ރައީސްގެ ނޭޝަނަލް ޕީޕަލްސް ޕަވަރ (އެންޕީޕީ) އިން ގާނޫނު ހަދާ މަޖިލީހުގެ ބޮޑު މަޖޯރިޓީ އެއް ހޯދި އިންތިޚާބުގެ 4 ދުވަސް ފަހުންނެވެ. ނަމަވެސް އައު ކެބިނެޓުގައި މުސްލިމުން ތަމްސީލު ކޮށްފައެއް ނުވެއެވެ. އޭގެ އިތުރުން ޑިސެނަޔަކެ ކެބިނެޓުގައި ތަމަޅަ ދެ މިނިސްޓަރުންގެ އައްޔަން ކުރައްވާފައިވީ ނަމަވެސް ކުރީގެ ހަނގުރާމައިގެ ސަރަހައްދުތަކުގެ ގޮތުގައި ބެލެވޭ އުތުރާއި އިރުމަތިން ތަމަޅައިންގެ މަންދޫބުން ކެބިނެޓުގައި ހިމެނިފައެއް ނުވެއެވެ.
1948 ގައި ލަންކާ މިނިވަން ވީއްސުރެ ފުރަތަމަ ފަހަރަށް މުސްލިމު މަންދޫބެއް ނުހިމަނާ ކެބިނެޓް އެކުލަވާލި ފުރަތަމަ ފަހަރެވެ.
ނިމިދިޔަ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގައި ޑިސަނަޔަކެގެ މާކްސިސްޓް ޖަނަތާ ވިމުކްތި ޕެރަމުނާ (ޖޭވީޕީ) އިން ލީޑް ކުރާ ވެރިކަންކުރާ އެންޕީޕީ ކޯލިޝަނުން 225 މެންބަރުންގެ ޕާލިމަންޓުގައި 159 ގޮނޑި ވަނީ ކާމިޔާބު ކޮށްފައެވެ.
ތިންބައިކުޅަ ދެބައިގެ މަޖޯރިޓީއަށް ވުރެ ބޮޑު މެޖޯރިޓީ އެއް ލިބުމުން ޑިސެނަޔަކެގެ އައު ސަރުކާރަށް ޤާނޫނު އަސާސީ ބަދަލުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ވެރިކަމަށް ވަޑައިގަތުމަށް ޑިސެނަޔަކެ ގެ މައިގަނޑު ވައުދުތައް ބިނާވެފައި އޮތީ، ކޮރަޕްޝަން ނައްތާލުމާއި، އެއްވެސް ތަފާތު ކުރުމެއް ނެތި ޤާނޫނުގެ ވެރިކަން ތަންފީޒުކުރުމާއި، އަދި ދިރިއުޅުމުގެ އަގު ކުޑަކުރުމެވެ.
މުސްލިމުންނާއި ހަނގުރާމަ ހިނގި ސަރަހައްދުގެ ތަމަޅައިން އަނޫރާގެ ކެބިނެޓުގައި ތަމްސީލު ނުކުރާކަން ފާހަގަ ކުރެވޭއިރު، މައިނޯރިޓީންގެ ގޮތުގައި ބެލޭ ތަމަޅަ އަދި މުސްލިމު ސިޔާސީ ޕާޓީތަކުން ރިޔާސީ އިންތިޚާބުގައި ޤައުމުގެ އުތުރާއި އިރުމަތީގައި އެހެން ސިޔާސީ ޕާޓީތަކަށް ތާއީދުކުރި ނަމަވެސް ނުވަތަ މިނިވަންކޮށް ވާދަކުރި ނަމަވެސް، ގިނަ އަދަދެއްގެ ތަމަޅައިންނާއި މުސްލިމު ވޯޓަރުން ނޮވެމްބަރު 14 ގެ އިންތިޚާބުގައި ޑިސެނަޔަކެ އިސްކޮށް ހުންނަވާ އެންޕީޕީއަށް ތާއީދުކުރިކަން ސްރީލަންކާގެ މީޑިއާ ރިޕޯޓުތައް ފާހަގަ ކޮށްފައިވެއެވެ.