ށ. މިލަންދޫއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މިލަންދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ، ހުކުރުދުވަހު ހެނދުނެއްސުރެ ހުއްޓާނުލައި ވެހެނު ވާރޭގެ ސަބަބުން ރަށުގައި ވަރަށް ބޮޑަށް ފެންބޮޑުވެ ރށުގެ ވަރަށް ގިނަ ގެތަކަށް ވެސް ފެން ވަދެފައި ވާކަމަށެވެ.
ފެންބޮޑުވުމުގެ ސަބަބުން ތިން ފިހާރައެއްގެ މުދާ ކައުންސިލްގެ އެހީއާ އެކު ރައްކާތެރިކޮށްފައިވާ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ. އަދި ބައެއް ގެތަކަށް ފެންވަނުމުގެ ސަބަބުން މާ ބޮޑު ގެއްލުމެއް ނުވި ނަމަވެސް ބައެއް ހިފާ ގެންގުޅޭ ތަކެއްޗަށް ފެނުގެ އަސަރުކޮށްފައިވާ ކަމަށާއި އައިސް އަލަމާރި، ދޮންނަމެޝިން ފަދަ ތަކެތި ގޭގޭގެ މީހުންގެ އެހީތެރިކަމާ އެކު ރައްކާތެރިކޮށްދީފައި ވާނޭ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ފެންބޮޑުވުމުގެ ސަބަބުން އެމްއެންޑީއެފްގެ އެހީތެރި ކަމަށް ހެނދުނު 1:30 ހާއިރު އެދިފައިވާނެ ކަމަށެވެ. އެހެން ނަމަވެސް އަދި އެފަރާތުގެ އެހީ ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ގެތަކަށް ފެންވަނަނުދިނުމަށް ރަށުގެ ރައްޔިތުންގެ އެހީތެރިކަމާ އެކު ވެލިބަސްތާތައް ޖެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށެެވެ. އެހެން ނަމަވެސް ފެން ހިންދުމުގެ ގާބިލްކަން ލިބިފައި ނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ ފެން ހިންދުމުގެ މަސަައްކަތް ކުރެވޭނީ އެމްއެންޑީއެފްގެ އެހީތެރިކަން ލިބުމުން ކަމަށެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއެްވަމުން އެމްއެންޑީއެފް މީޑިއާއިން ބުނީ، ކުޅުދުއްފުށީގައި ތިއްބެވި އެމްއެންޑީއެފްގެ ނޮދާން އޭރިޔާގެ ސިފައިން މިހާރު ށ. މިލަންދޫއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދަތުރުކުރަމުންދާކަމަށެވެ.