ދުނިޔޭގެ ފުޓުބޯޅަ އިދާރާ ފީފާއިން ހޮވާ މިދިޔަ ސީޒަނުގެ އެންމެ މޮޅު ކޯޗަށް ވާދަކުރާ ފަރާތްތައް އިއުލާން ކޮށްފިއެވެ.
ފީފާގެ ރަސްމީ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ލިސްޓުގައި މިދިޔަ ސީޒަނުގައި އެކި ޓީމުތަކަށް ކާމިޔާބު ހޯދައިދިން ކޯޗުން ހިމަނާފައި ވެއެވެ.
މި ލިސްޓުގައި ހިމެނޭ ކޯޗުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާންއެވެ. އޭނާވަނީ މިދިޔަ ސީޒަނުގައި އެ ޓީމަށް ސްޕެނިޝް ލަލީގާ އާއި ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފައެވެ.
މީގ އިތުރުން މި ލިސްޓުގައި ޔުވެންޓަސްގެ ކޯޗެ އަލެގްރީ، ޖަރުމަނުގެ ބަޔާން މިއުނިކްގެ ކޯޗު ކާލޯ އަންޗެލޯޓީގެ އިތުރުން ޗެލްސީއާ އެކު ޕްރިމިއާ ލީގު ކާމިޔާބުކުރި ކޯޗު އެންޓޯނިއޯ ކޮންޓޭ ހިމެނެއެވެ. މި ކޯޗުންގެ އިތުރަށް މިދިޔަ ސީޒަނުގައި ބާސާއަށް ކޯޗުކަން ކޮށްދިން ލުއިސް އެންރީކޭ އާއި މެންޗެސްޓާރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަދި އެޓްލެޓިކޯ މެޑްރިޑުގެ ކޯޗު ޑިއޭގޯ ސިމިއޯނޭ ހިމެނެއެވެ.
މިދިޔަ ސީޒަނުގައި ގިނަ ބަޔަކު ހައިރާންކޮށް ފްރާންސް ލީގު ކާމިޔާބުކުރި މޮނާކޯގެ ކޯޗު ލިއޮނާޑޯ ޖާޑިމް ވެސް މި ލިސްޓުގައި ހިމަނާފައިވާ އިރު މެންޗެސްޓާރ ޔުނައިޓެޑަށް ޔުއެފާ ޔުރޮޕާ ލީގު ހޯދައިދިން ހޯސޭ މޮރީނިއޯ ވެސް ހިމަނާފައި ވެއެވެ. އަދި ޓޮޓެންހަމްގެ ކޯޗު ޕޮޗެޓީނޯ ވެސް ހިމެނެއެވެ.
ގައުމީ ޓީމުތަކުގެ ކޯޗުންގެ ތެރެއިން މި ލިސްޓުގައި ހިމެނިފައި ވަނީ މިހާރު ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި އޮތް ބްރެޒިލްގެ ކޯޗު ޓީޓޭގެ އިތުރުން ޖަރުމަނަށް ފީފާ ކޮންފެޑެރޭޝަން ކަޕް ކާމިޔާބުކޮށްދިން ކޯޗު ޔޯކިމް ލޯއެވެ.
ފީފާގެ ލެޖެންޑުންގެ ޕެނަލަކުން ޝޯޓުލިސްޓު ކުރި މި ކޯޗުންނަށް ވޯޓު ދިނުމުގެ ފުރުސަތު އާންމު ފަރާތްތަކަށް ހުޅުވާލާނީ އޮގަސްޓު މަހުގެ 21 ގައެވެ.