ފީފާގެ އެންމެ މޮޅު ކުޅުންތެރިޔާއަށް މިއަހަރު ވާދަކުރާ ކުޅުންތެރިން އިއުލާންކޮށްފިއެވެ.
ފިފާއިން މި 24 ކުޅުންތެރިންގެ ލިސްޓު ޝާއިޢުކޮށްފައިވާއިރު މި ލިސްޓުގައި ދުނިޔޭގެ ފުޓުބޯޅައިގެ ގިނަ ތަރިންތަކެއް ހިމެނިފައި ވެއެވެ.
މި ލިސްޓުން އެންމެ ފާހަގަ ވެގެންދާ ކުޅުންތެރިންގެ ތެރޭގައި މިދިޔަ އަހަރު މި ޝަރަފު ހޯދި ރެއާލްއަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ވާދަވެރި ބާސެލޯނާ އަދި އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ހިމެނެއެވެ. މީގެ އިތުރުން ދުނިޔޭގެ އެންމެ އަގު ބޮޑު ކުޅުންތެރިޔާ ނޭމާ ވެސް ހިމެނެއެވެ.
ޔުވެންޓަސް އިން މިދިޔަ ސީޒަނުގައި ދެއްކި މޮޅު ކުޅުމާ އެކު އެ ޓީމުގެ ފޯވާޑް ޑިބާލާ އަދި އެ ޓީމުގެ ކެޕްޓަން އަދި ގޯލް ކީޕަރު ބުފޮން އަށް ވެސް މި ލިސްޓުން ޖާގަ ލިބެއެވެ.
މިދިޔަ ސީޒަނުގައި ޕްރިމިއާ ލީގުގެ އެންމެ ގިނަ ލަނޑު ކާމިޔާބުކުރި ކުޅުންތެރިޔާ ހެރީ ކޭން އާއި ޗެލްސީއަށް ތަށި ހޯދައިދިނުމުގައި މުހިންމު ރޯލެއް އަދާކުރި ކަންޓޭ ވެސް މި ލިސްޓުގައި ހިމެނެއެވެ.
މިދިޔަ ސީޒަނުގައި ރެއާލްއަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ޓީމުގައި ހިމެނޭ ކުޅުންތެރިން ކަމަށްވާ ޓޯނީ ކްރޫސް އާއި ލޫކާ މޮޑްރިޗްގެ އިތުރުން ސާޖިއޯ ރާމޯސް، މާސެލޯ، ކަވަހާލް އަދި އެ ޓީމުގެ ގޯލްކީޕަރު ކޭލާ ނަވާސް ވެސް މި ލިސްޓުގައި ހިމެނިފައި ވެއެވެ. މީގެ އިތުރުން ވެސް މިދިޔަ ސީޒަނުގައި މޮޅު ކުޅުން ދެއްކި ގިނަ ކުޅުންތެރިން މި ލިސްޓުގައި ފީފާއިން ހިމަނާފައި ވެއެވެ.
މި ލިސްޓަށް ކުޅުންތެރިން ހޮވާފައި ވަނީ ފިފާގެ ލެޖެންޑުންގެ މައްޗަށް އެކުލެވޭ ކޮމިޓީއަކުންނެވެ.
މި 24 ކުޅުންތެރިންގެ ތެރެއިން ފައިނަލް ތިން ކުޅުންތެރިން ހޮވުމަށް ހަމަޖެހިފައިވަނީ އޮގަސްޓު 21 އިން ސެޕްޓެމްބަރު 7 އަކަށް ކުރިޔަށްދާ އާންމުންގެ ވޯޓަކުންނެވެ. އަދި މީގެ އިތުރުން ގައުމީ ޓިމުތަކުގެ ކެޕްޓަނުންނާއި ކޯޗުންގެ އިތުރުން ނޫސްވެރިންގެ ޕެނަލަކުން ވެސް ވޯޓު ދޭނެއެވެ.