އިޒްރޭލަށް ހަތިޔާރު ފޯރުކޮށްދިނުން ވަގުތުން މަނާ ކުރުމަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ގޮވާލައްވައިފިއެވެ.
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވަނީ ހޯމަ ދުވަހު ރިޔާޛު ގައި ބޭއްވުނު އަރަބި ލީގާއި އިސްލާމިކް ކޯޕަރޭޝަން ޖަމްޢިއްޔާގެ ޖޮއިންޓް ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން މެދުއިރުމަތީގައި އިޒްރޭލުން ހިންގަމުންދާ ޖަރީމާތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައްވާފައެވެ.
އިޒްރޭލަށް ހަތިޔާރު ލިބޭނެ ގޮތްތައް ވަގުތުން ހުއްޓުވުމަށް ގޮވާލެއްވުމުގެ އިތުރުން، ޣައްޒާގައި ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ ނަސްލު ނައްތާލުމުގެ ހަނގުރާމަ އާ ގުޅޭ ގޮތުން އަންވަރު ހުށަހެޅުއްވި ކަންތައްތަކުގެ ތެރޭގައި ފަލަސްތީނުގެ ރެފިއުޖީންނަށް އެހީތެރިވާ ޖަމާއަތް ކަމުގައިވާ އަންރުވާ އަށް ސަރުކާރުތަކުން ތާއީދު ކުރުން ދެމެހެއްޓުމަށް ވެސް ވަނީ ގޮވާލައްވާފައެވެ.
މީގެ އިތުރުން ލުބުނާނާއި، ޢިރާޤާއި، އީރާނާއި، ޔަމަނާއި ސީރިޔާ ހިމެނޭގޮތަށް އިޒްރޭލުން ހިންގަމުންދާ "ފާޅުކަން ބޮޑު އަދި ހުއްޓުމެއްނެތް އަނިޔާވެރިކަން" ނިމުމަކަށް ގެނައުމަށް "ނަތީޖާ ލިބޭނެ ފިޔަވަޅުތަކެއް" އެޅުމަށްވެސް އަންވަރު ވަނީ ގޮވާލައްވާފައެވެ.
މެލޭޝިއާގެ ލީޑަރު ވަނީ "ލުބުނާނުގައި ހުރި އ.ދ.ގެ ސުލްޙަ ބަލަހައްޓާ މިޝަން (ޔޫނިފިލް) އަށް އިޒްރޭލުން ގަސްދުގައި ދެމުންދާ ހަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ."
އޮކްޓޯބަރ 7، 2023 އިން ފެށިގެން އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ނަސްލުނައްތާލުމުގެ ހަނގުރާމައިގައި ފަލަސްތީނުން މަރުވި މީހުންގެ އަދަދު 43،603 ށް ވަނީ އަރާފައެވެ. މީގެ އިތުރުން 102،929 މީހުން ޒަޚަމްވެފައިވެއެވެ.
ލުބުނާނަށް އިޒްރޭލުން ދޭ ހަމަލާތަކުގައި މަދުވެގެން 3،243 މީހުން މަރުވެ، 14،134 މީހުން ޒަޚަމްވެފައިވެއެވެ.