ރައީސް ބައިޑްން ތަންކޮޅެއް ކުރިން އިންތިޚާބާ ފެޔަށް ޖެހިވަޑައިގެންނަމަ، އަންގާރަ ދުވަހުގެ އިންތިޚާބުގައި ޑިމޮކްރެޓުންނަށް މާ ރަނގަޅު ނަތީޖާއެއް ލިބުނީސް ކަމަށް އެމެރިކާގެ ސެނެޓްގެ ކުރީގެ ސްޕީކަރ ނެންސީ ޕެލޯސީ ވިދާޅުވެއްޖެއެވެ.
ވޮޝިންގްޓަންގެ އެންމެ ބާރުގަދަ ސިޔާސީ ވެރިންގެ ތެރޭގައި ހިމެނިވަޑައިގަންވާ ޕެލޯސީ އިންތިޚާބުގެ ނަތީޖާ އާ ބެހޭ ގޮތުން ނިއުޔޯކް ޓައިމްސްއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ "ރައީސް އަވަހަށް ތަނާޒުލުވެ ވަޑައިގެންނަމަ، އެހެން ގިނަ ކެންޑިޑޭޓުންނަށް ވާދަކުރުމުގެ ފުރުސަތު އޮތީސް،" ކަމަށެވެ.
މިއީ އަންގާރަ ދުވަހުގެ އިންތިޚާބާ އެކު ވައިޓް ހައުސްގެ ބާރާއި ކޮންގްރެސްގެ ދެ މަޖިލީހުގެ ބާރު ޑިމޮކްރަޓުންނަށް ގެއްލުމާއެކު އެކަކު އަނެކަކަށް އިނގިލި ދިއްކުރުމުގެ ސިލްސިލާއަށް އިތުރުވެގެން ދިޔަ ފާޑު ކިޔުމެއްގެ ގޮތުގައި ފާހަގަ ކުރެވެއެވެ.
ޕެލޯސީއަކީ ބައިޑަން ރިޔާސީ ރޭހުން ތަނާޒުލު ކުރުމަށް ޑިމޮކްރެޓުން ކުރި މަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ފަރާތް ކަމަށް ފުޅާ ދާއިރާއެއްގައި ރިޕޯޓުކޮށްފައިވެއެވެ. ބައިޑަން ވާދަވެރިކަމުން ތަނާޒުލުވެވަޑައިގަތީ ޑޮނަލްޑް ޓްރަމްޕާ ދެކޮޅަށް ބޭއްވުނު ބަހުސެއްގައި ޕާފޯމަންސް ދަށްވުމުގެ ސަބަބުން އޭނާ ރޭހުން ވަކިވެވަޑައިގަތުމަށް އެކި ލެވެލްގައި ކުރެވުނު ޕްރެޝަރގެ ސަބަބުން ޖުލައި މަހުގެ ފަހުކޮޅުގައެވެ.
ބައިޑަން ކުއްލި ގޮތަކަށް ރިޔާސީ ކެމްޕޭން ނިންމާލެއްވުމާއެކު، އެހާ ކުއްލި ގޮތަކަށް ނައިބު ރައީސް ކަމަލާ ހެރިސް އޭނާގެ ބަދަލުގައި ޑިމޮކްރެޓިކް ޕާޓީން ކުރިމަތިލުމަށް ތާއީދުކުރެއްވިއެވެ. އަންގާރަ ދުވަހު ހެރިސް ވަނީ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވި ޓްރަމްޕާ ވާދަ ކުރައްވާ ބޮޑުތަނުން ބަލިވެފައެވެ.
ޕެލޯސީ ނިއުޔޯކް ޓައިމްސްއަށް ވިދާޅުވެފައިވަނީ "އުންމީދުކުރެވުނީ ރައީސް އަވަހަށް ތަނާޒުލުވެއްޖެނަމަ، ހުޅުވާލެވިފައިވާ ޕްރައިމަރީއެއް ބޭއްވޭނެ ކަމަށް."
ހުޅުވާލެވިފައިވާ ޕްރައިމަރީއެއްގައި ބައިޑަންގެ ބަދަލުގައި ރިޔާސީ ކެންޑިޑޭޓަކަށް ވުމަށް ގިނަ ކެންޑިޑޭޓުންގެ ވާދަ ކުރުމުގެ ފުރުސަތު ލިބި އޭގެ ތެރެއިން ޕާޓީގެ މެންބަރުން ކެންޑިޑޭޓަކު އިންތިޚާބުކުރުމަށް ފުރުސަތު ތަނަސްވީސް ކަމަށް ޕެލޯސީ ވިދާޅުވިއެވެ.
ޕެލޯސީ ވިދާޅުވީ އެފަދަ ޕްރައިމަރީ ބޭއްވުނު ނަމަ ހެރިސްއަށް ރަނގަޅު ނަތީޖާއެއް ލިބި، އޭގެ ސަބަބުން "ކުރިއަށް ދިއުމުގައި އިތުރަށް ވަރުގަދަވީސް،" ކަމަށެވެ.
"އެކަމަކު އަޅުގަނޑުމެންނަކަށް ނޭނގެ. އެކަމެއް ނުވި، ދެން އޮތީ ކަންވެ ނިމުނު ގޮތާއެކު ދިރިއުޅުން،" އަންގާރަ ދުވަހު މަޖިލީހުގެ 20 ވަނަ ދައުރަށް އަލުން އިންތިޚާބު ވެވަޑައިގެންނެވި ކެލިފޯނިއާގެ ކޮންގްރެސް މެމްބަރު ވިދާޅުވިއެވެ.
"ރައީސް ވަގުތުން ކަމަލާ ހެރިސްއަށް ތާއީދު ކުރެއްވުމާއެކު، އެވަގުތު ޕްރައިމަރީއެއް ބޭއްވުމަކީ ގާތްގަނޑަކަށް ނުކުރެވޭނެ ކަމަކަށް ވެގެންދިޔައީ. އެކަން ކުރިން ހިނގި ނަމަ، ތަފާތު ގޮތަކަށް ދިޔައީސް."
ސިޔާސީ ޚަބަރު ފަތުރާ ޕޮލިޓިކޯ އަށް ވާހަކަ ދައްކަމުން، ކެމްޕޭނުގައި ހެރިސްގެ އެހީތެރިންގެ ގޮތުގައި މަސައްކަތް ކުރި ބައެއް ފަރާތްތަކުން ވެސް ބަލި ވުމުގެ ޒިންމާ އަޅުވާފައިވަނީ ބައިޑްންގެ އިސްތަށިފުޅުގައެވެ. އެ ފަރާތްތަކުން ވެސް ބުނެފައިވަނީ ބައިޑްން ތަންކޮޅެއް ކުރިން ރޭހުން ދުރަށް ވަޑައިގަތްނަމަ ނަތީޖާ ރަނގަޅުވީސް ކަމަށެވެ.
"އަޅުގަނޑުމެންނަށް ކުރެވުނު އެންމެ ރަނގަޅު ކެމްޕޭން ކުރިން،" ނަން ހާމަކުރަން ބޭނުން ނުވާ ހެރިސްގެ އެހީތެރިއެއް ބުންޏެވެ. "ކަމަލާ ހެރިސް އާއި ޑިމޮކްރެޓުން... ބަލިވުމުގެ ހަމައެކަނި ސަބަބަކީ ޖޯ ބައިޑަން."
އެހެން ނަމަވެސް، ބައިޑަންގެ އެހީތެރިއެއްގެ ގޮތުން ކުރިން މަސައްކަތް ކުރި ފަރާތަކުން އެކްސިއޮސް ނޫހާ ވާހަކަ ދައްކަމުން ބުނެފައިވަނީ ހެރިސް އުޒުރު ދައްކަނީ ކަމަށެވެ.
"އެއް ބިލިއަން ޑޮލަރު ހޭދަކޮށްފައި ކީއްވެ ނުކާމިޔާބުވީ؟" އޭނާ ބުންޏެވެ.
މި ހަފްތާގައި ޕޮލިޓިކޯއަށް ވާހަކަދެއްކި ނަން ހާމަ ކުރަން ބޭނުން ނުވާ ބައިޑަންގެ ކުރީގެ އެހީތެރިއެއް ބުނެފައިވަނީ ކުރީގެ ރައީސް ބަރަކް އޮބާމާގެ މުޝީރުންގެ ބޮލުގައި ބަލިވުމުގެ ޒިންމާ އަޅުވަންޖެހޭ ކަމަށެވެ. އެއީ އެ ފަރާތްތަކުން "ޖޯ ބައިޑަން އިންތިޚާބުން ދުރުކުރުމަށް ޑިމޮކްރެޓުންގެ މެދުގައި ހަމަނުޖެހުން އުފެއްދުމަށް ހިތްވަރުދީ، އެއާއެކު އެފަރާތްތަކުން ކަމަލާ ހެރިސް ކެންޑިޑޭޓަކަށް ވުމަށް ވެސް ބޭނުން ނުވި" ކަމަށެވެ.