ހިޒްބުﷲ އިން ހުކުރު ދުވަހު އިޒްރޭލުގެ ހައިފާ ސިޓީ ކައިރީގައިވާ އިޒްރޭލުގެ ކަނޑުގެ އަސްކަރީ މަރުކަޒަކަށް މިސައިލް ހަމަލާއެއް ދީފައިވާ ކަމަށް އެ ޖަމާއަތުން ބުނެފިއެވެ.
މިއީ 24 ގަޑިއިރު ނުވަނީސް ހިޒްބުﷲ އިން އިޒްރޭލަށް ދިން މިފަދަ ދެވަނަ ހަމަލާއެވެ.
އީރާނުގެ މަދަދުވެރިކަން ލިބޭ ލުބުނާނުގެ މި ޖަމާޢަތުން ބުނެފައިވަނީ ހައިފާގެ ހުޅަނގު އުތުރުގައިވާ އަސްކަރީ ބޭސް އެއް ކަމަށްވާ "ސްޓެއްލާ މާރިސް" އަށް މިސައިލް ހަމަލާ ދީފައިވާނެ ކަމަށެވެ.
މިއީ އިޒްރޭލުން ހިންގާ ގަތުލުއާންމު ތަކާއި ދެމުންދާ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށްވެސް ހިޒްބުﷲ އިން ބުނެފައިވެއެވެ.
ހިޒްބުﷲ އިން ބުރާސްފަތި ދުވަހުވެސް ވަނީ ހަމަ މި ސަރަޙައްދަށް ހަމަލާއެއް ދިން ކަމަށް ބުނެފައެވެ.
ވަކި އެހެން ބަޔާނެއްގައި، މި ޖަމާޢަތުން ބުނެފައިވަނީ ހައިފާގެ ދެކުނު އިރުމަތީގައިވާ ރަމަތް ޑޭވިޑް ވައިގެ އަސްކަރީ މަރުކަޒަށްވެސް މިސައިލް ހަމަލާއެއް ދީފައިވާ ކަމަށެވެ.
ސެޕްޓެމްބަރު މަހުގެ ފަހުކޮޅުން ފެށިގެން އިޒްރޭލުން ގެންދަނީ ހިޒްބުﷲ ގެ ބާރު ކަނޑުވާލުމަށް ކަމަށް ބުނެ ދެކުނު ލުބުނާނުގެ ސަރަހައްދުތަކަށް ވަރުގަދަ ހަމަލާތައް ދެމުންނެވެ.
ވައިގެ މަގުން ދޭ ހަމަލާތަކުގެ އިތުރުން އެއްގަމު މަގުން ލުބުނާނަށް އިޒްރޭލުގެ އަސްކަރީ ބާރުތަކުން ވަނީ ވަދެފައެވެ. ސެޕްޓެމްބަރު މަހުގެ އިޒްރޭލުން ދޭ ހަމަލާތައް އިތުރު ކުރުމުގެ ކުރިންވެސް ހިޒްބުﷲ އާ އިޒްރޭލުން ގެންދިޔައީ ބޯޑަރު ހުރަސްކޮށް ހަމަލާތައް ބަދަލު ކުރަމުންނެވެ. ހިޒްބުﷲ އިން ބުނެފައިވަނީ އިޒްރޭލަށް ހަމަލާތައް ދެނީ ޣައްޒާގައި އިޒްރޭލުން ހިންގާ ނަސްލު ނައްތާލުމުގެ ހަނގުރާމަ އަށް ރައްދު ދިނުމުގެ ގޮތުން ކަމަށެވެ.
ލުބުނާނުގެ ސިއްޙީ ވުޒާރާގެ މަޢުލޫމާތުތަކުން ދައްކާ ގޮތުގައި މި ހަނގުރާމައިގައި ސެޕްޓެމްބަރު 23 އިން ފެށިގެން 2،600 އަށްވުރެ ގިނަ މީހުން ލުބުނާނުގައި މަރުވެފައިވެއެވެ.
އިޒްރޭލުން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ލުބުނާނުގެ ހަނގުރާމައިގައި މީގެ ދެހަފްތާ ކުރިން ޒަޚަމްވި އިޒްރޭލު ސިފައިގެން މީހަކު ޒަޚަމްތަކަށް ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާ ކަމަށް ވަނީ ބުނެފައެވެ.