ކ. މާލެ
|
8 ނޮވެންބަރ 2024 | ހުކުރު 12:52
ހުކުރު ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން
ހުކުރު ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން
އިސްލާމިކް މިނިސްޓްރީ
ވަރިކުރުމާއި އިއްދާއާ ބެހޭ ހުކުމްތައް
ފަށްކަނޑައިދޭ މީހާއާއި ފަށްކަނޑައިދިނުމަށް އެދޭމީހާއަށް މާތްﷲ ލައުނަތްލެއްވި، މިކަންކަމުން ދުރުވޭ: ޚުތުބާ
ކައިވެންޏާއި ވަރިއަކީ، އެ ކަންކަމުގައި ސަމާސާކުރުން ހިމެނޭ ކަންކަމެއް ނޫން
ވަރީގެ މައިގަނޑު ދެ ބާވަތަކީ ރަޖުއީ ވަރިއާއި ބާއިނު ވަރި
މާތް ﷲ އެންގެވި އިމުގެ ތެރޭގައި ޒަވާޖީ ހަޔާތް ވޭތުނުކުރެވޭނެކަން ކަށަވަރުވެއްޖެނަމަ އެންމެ ރަނގަޅު ގޮތަކީ ވަރިވުން

ތިންފަށް ވަރިއަކުން ފިރިމީހާ އޭނާގެ އަނބިމީހާ ވަރިކޮށްފިނަމަ، އެ ފިރިހެނާގެ މައްޗަށް ވަރިކުރި އަންހެނާ ހަރާމްވާނެ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

ވަރިކުރުމާއި އިއްދާއާ ބެހޭ ހުކުމްތައް މިމަައުޟޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ ވަރިއަކީ، ވަކިވުމާއި އަލްވަދާއު އޭގައި ހިމެނޭ ބަހެއް ކަމަށާއި، އިސްލާމީ ޝަރީއަތުގައި ވަރިއަކީ، އެ ކަމުގައި ފިގްހީ އެތައް ހުކުމެއް ހިމެނޭ ކަމެއް ކަމަށެވެ. ކައިވެންޏާއި ވަރިއަކީ، އެ ކަންކަމުގައި ސަމާސާކުރުން ހިމެނޭ ކަންކަމެއް ނޫން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ ކައިވެންޏަކީ މަތިވެރި ގުޅުމެއް ކަމަށާއި، ދީނުގައި ކައިވެންޏާއި ވަރީގެ ޝަރްއީ ހުކުމްތަކެއް ކަނޑައެޅިފައިވާ ކަމަށެވެ.

އެގޮތުން ޚުތުބާގައި ވަނީ ވަރީގެ ހުކުމްތަކާއި، ބާވަތްތައް ވަރަށް ތަފްސީލް ކޮށް ކިޔައިދީފައެވެ.

ވަރީގެ މައިގަނޑު ދެ ބާވަތެއްވާކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެއީ ރަޖުއީ ވަރިއާއި ބާއިނު ވަރިއެވެ. ރަޖުއީ ވަރިއަކީ، ފުރަތަމަ ފަހަރާއި، ދެވަނަ ފަހަރު ކުރާ ވަރީގެ އިއްދައިގެ ތެރޭގައި، ފިރިމީހާ އޭނާގެ އަނބިމީހާ ރުޖޫއަކުރިކަމަށް ބުނުމުން އަނބިމީހާ ރުޖޫއަކުރެވޭ ވަރިއެވެ. ބާއިނު ވަރިއަކީ ފުރަތަމަ ފަހަރާއި ދެވަނަ ފަހަރު ވަރީގެ އިއްދަ ހަމަވުމާއި، ތިންފަށް ވަރިއާއި ޚުލްޢު ވަރިއެވެ. ބާއިނު ވަރިއަކުން އަނބިމީހާ ވަރިކޮށްފި ނަމަ ކައިވެނި ރުޖޫއައެއް ނުކުރެވޭނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ހުކުމުގެ ގޮތުން ވަރި ބެހެނީ ދެބައަކަށެވެ. އެއީ ސުންނީވަރިއާއި ބިދުޢީވަރިއެވެ. ސުންނީވަރިއަކީ، އަނބިމީހާ ބަލިވެއިންދައި، ނުވަތަ ޖިމާޢުވެފައިނުވާ ޠުހުރެއްގައި، ޞަރީޙަ ޢިބާރާތުން، ވަރިކޮށްފީމޭ ބުނެ ވަރިކުރުމެވެ. އަނބިމީހާ ޙައިޟުގެ ތެރޭގައި ވަރިކުރުމާއި، ޖިމާޢުވެފައިވާ ޠުހުރެއްގައި ބަލިވެއިންކަން ނުވަތަ ނޫންކަން ނޭނގޭ ޙާލުގައި ވަރިކުރުމާއި، އެއްފަހަރާ ތިންފަށްވަރިއަކުން ވަރިކުރުމަކީ ބިދުޢީ ވަރިއެވެ. އެއީ ސުންނަތާ ޚިލާފު ވަރިއެކެވެ.
ހުކުރު ޚުތުބާ

ވަރިކުރުން ހުއްދަވާ ސަބަބުތަކަށް އަލިއަޅުވާލައި ޚުތުބާގައި ބުނީ އަނބިމީހާގެ އަހުލާގު ނުބައިވުމާއި، ޒަވާޖީ ހަޔާތުގެ އިންތަކުން ބޭރުވުމާއި، ﷲގެ އަމުރުފުޅުތަކަށް ފަރުވާ ކުޑަކުރުން ހިމެނޭ ކަމަށެވެ. މާތް ﷲ އެންގެވި އިމުގެ ތެރޭގައި ދެމަފިރީންނަށް ޒަވާޖީ ހަޔާތް ވޭތުނުކުރެވޭނެކަން ކަށަވަރުވެއްޖެނަމަ، އެންމެ ރަނގަޅު ގޮތަކީ ވަރިވުންކަން ފާހަގަކޮށް ޚުތުބާގައި ބުނީ ހަމަ އެ ފަދައިން ފިރިމީހާ އަނބިމީހާގެ މައްޗަށް އަނިޔާވެރިވެ، އޭނާގެ ހައްގުއް އަދާނުކުރާ ނަމަ، އަނބިމީހާއަށް ކައިވެނި ޚުލްޢުކުރުމަށް ހުށަހެޅުން ހުއްދަވާނެ ކަމަށެވެ. އަދި އެ ފަދަ ހާލަތެއްގައި ފިރިމީހާ އޭނާއަށް ދިން ކައިވެނީގެ ރަން އަނބުރައި ދޭން ޖެހޭނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ ތިންފަށް ވަރިއަކުން ފިރިމީހާ އޭނާގެ އަނބިމީހާ ވަރިކޮށްފިނަމަ، އެ ފިރިހެނާގެ މައްޗަށް ވަރިކުރި އަންހެނާ ހަރާމްވާނެ ކަމަށެވެ. އަދި ފަށްކަނޑައިދޭ މީހާއާއި ފަށްކަނޑައިދިނުމަށް އެދޭމީހާއަށް މާތް ﷲ ލަޢުނަތްލެއްވިކަން ފާހަގަކޮށްފައިވެއެވެ. އަދި މިފަދަ ކަންކަމުން ދުރުވުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

ފުރަތަމަ ވަރިއާއި ދެވަނަ ވަރީގެ ޢިއްދައިގެ ތެރޭގައި، އަނބިމީހާ އިންނާން ޖެހޭނީ ފިރިމީހާގެ ހިޔާވަހިކަމުގެ ދަށުގައެވެ. އެއީ އެ ޙާލަތުގައި ފިރިމީހާއަށް ކައިވެނި ރުޖޫޢަކުރުމުގެ ޙައްޤު އޮންނާތީއެވެ. އެއީ ޒަވާޖީ ޙަޔާތް ދެމެހެއްޓުމަށް އިސްލާމް ދީން ބާރުއަޅާ މިންވަރު އަންގައިދޭ ކަމެކެވެ. މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އޭ ނަބިއްޔާއެވެ! ތިޔަބައިމީހުން އަނބީން ވަރިކުރާނަމަ، ފަހެ، އެކަނބަލުންގެ عدّة އަށް (ފެށޭ ގޮތުގައި ސުންނީ ވަރިޔަކުން) ތިޔަބައިމީހުން އެކަނބަލުން ވަރިކުރާށެވެ! އަދި ތިޔަބައިމީހުން عدّة ގުނައި ހަމަކުރާށެވެ! އަދި ތިޔަބައިމީހުންގެ ވެރި ﷲއަށް، ތިޔަބައިމީހުން تقوىވެރިވާށެވެ! ތިޔަބައިމީހުން އެކަނބަލުންގެ ގެތަކުން އެކަނބަލުން ނުނެރޭށެވެ! އަދި އެކަނބަލުންވެސް ނުނިކުންނަ ހުށިކަމެވެ! ފާޅުވެ ހުތުރުކަން ބޮޑުވެގެންވާ ފާފަޔެއް އެކަނބަލުން ގެނެސްފިއްޔާ މެނުވީއެވެ. އަދި އެއީ، ﷲ ކަނޑައަޅުއްވައިފައިވާ އިންތަކެވެ. އަދި ﷲ ކަނޑައަޅުއްވައިފައިވާ އިންތައް ފަހަނަޅައިދާމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ އަމިއްލަ نفسއަށް އެމީހާ އަނިޔާވެރިވެއްޖެކަން ކަށަވަރެވެ. އެއަށްފަހު (އެބަހީ: ވަރިކުރުމަށްފަހު) ﷲ އެހެންގޮތެއް މެދުވެރިކުރައްވައިފާނެކަންވެސް ތިބާޔަކަށް ނޭނގެއެވެ.
ހުކުރު ޚުތުބާ

މީގެ އިތުރުން ޚުތުބާގައި ބުނީ އާއިލާތަކުގެ ހައްގުތައް ރައްކައުތެރިކުރުމަށް ދައުލަތުން ހަދައިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތަންޖެހޭ ކަމަށެވެ.

އެގޮތުން ކޯޓުތަކުގައި ކައިވެންޏާއި ވަރިއާ ގުޅުން ހުރި ކަންކަން ރަޖިސްޓްރީކޮށް، ބެލެހެއްޓުމަކީ މި ޒަމާނުގައި ކުރުން ވާޖިބުވެގެންވާ ކަމެއް ކަމަށާއި، އެ ކަންކަން އެ ގޮތަށް ނުބެލެހެއްޓިއްޖެ ނަމަ ތަރިކައިން ވާރުތަވުން ފަދަ ހައްގުތަކުން، ދެމަފިރީންނާއި ދަރީން މަޙްރޫމުވެދާނެ ކަމަށެވެ. އޭގެ ސަބަބުން އިޖުތިމާއީ އެތަކެއް މައްސަލަތަކެއް އުފަންވުމުގެ ބިރު އެބައޮތް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

- ކޮމެންޓް