ކ. މާލެ
|
7 ނޮވެންބަރ 2024 | ބުރާސްފަތި 11:19
ހުުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި އަލިފާން ރޯވެ އަދަނީ
ހުުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި އަލިފާން ރޯވެ އަދަނީ
އެމްއެންޑީއެފް
ސަފާރީއެއްގައި އަލިފާން ރޯވުން
ހުުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި އަލިފާން ރޯވެ، ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ
އެ ސަފާރީގައި ތިބި 12 ފަޅުވެރިން ކައިރީގައި އޮތް ޑައިވިންގ ދޯންޏަކަށް އަރާފައިވޭ
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާކަމަށް މައުލޫމާތެއް ނުލިބޭ
ސަފާރީގައި އަލިފާން ރޯވިއިރު އޭގައި ހުރީ ޑައިވިންގ ކުރުމަށް ބޭނުންކުރާ ސާމާނު

ހުުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި އަލިފާން ރޯވެ، ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

ބުރާސްފަތި ދުވަހު އެމްއެންޑީއެފުން ބުނީ ހުުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ރޯވި އަލިފާން ނިއްވުމުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވަމުންދާ ކަމަށާއި، އަލިފާން ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.

ހުޅުމާލެ ފަޅުތެރޭގައި، ވެމްކޯ ޖެޓީ ސަރަހައްދުގައި ސަފާރީތައް އަޅާ ސަރަހައްދުގައި އޮތް "ބުލޫވޭގާ" ނަމަކަށް ކިޔާ ސަފާރީއެއްގައި އަލިފާން ރޯވި ކަމުގެ ރިޕޯޓް ލިބިފައިވަނީ ބުރާސްފަތި ވިލޭރޭ ފަތިހު 03:42 ހާއިރުއެވެ. މި ހާދިސާގެ މައުލޫމާތު ލިބުމާއެކު ފަޔަރ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ.

މީގެ އިތުރުން އެމްއެންޑީއެފުން ބުނީ އެ ސަފާރީގައި ތިބި 12 ފަޅުވެރިން ކައިރީގައި އޮތް ޑައިވިންގ ދޯންޏަކަށް އަރާފައިވާ ކަމަށެވެ. އެ ފަޅުވެރިންނަކީ ފަސް ބިދޭސީން (ސްރީލަންކާ، ބަންގްލަދޭޝް އަދި އިންޑިއާ) އާއި ހަތް ދިވެހިންނެވެ. ސަފާރީގައި އަލިފާން ރޯވިއިރު އޭގައި ހުރީ ޑައިވިންގ ކުރުމަށް ބޭނުންކުރާ ސާމާނުކަން އެ ސަފާރީގެ ކެޕްޓަން މައުލޫމާތުދޭ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ސަފާރީގައި އަލިފާން ރޯވުމުގެ ސަބަބުން ވަރަށް ބޮޑަށް ހަލާކުވެފައިވާއިރު، އަލިފާން ރޯވާން މެދުވެރިވި ސަބަބުން މިހާތަނަށް ހާމަކޮށްފައިނުވެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާކަމަށް މައުލޫމާތެއް ނުލިބޭ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

- ކޮމެންޓް