ސްޕެނިޝް ސުޕާކަޕުގެ ފުރަތަމަ ލެގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީގެ ބުރަކަށީގައި އަތް އަޅާ ކޮއްޕާލުމުން ސްޕެއިންގެ ފުޓުބޯޅަ އިދާރާއިން ރޮނާލްޑޯއަށް ދިން އަދަބާ މެދު އޭނާ ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ރޮނާލްޑޯވަނީ ހަތަރު މެޗަށް ސަސްޕެންޑުކޮށްފައެވެ. އަދި އެ މެޗުގައި އޭނާއަށް ދެއްކި ރަތް ކާޑާ އެކު މުޅި ޖުމްލަ ފަސް މެޗަށް އޭނާ ވަނީ ސަސްޕެންޑުކޮށްފައެވެ. އަދި އޭނާ ވަނީ 3،800 ޔޫރޯއިން ޖޫރިމަނާ ކޮށްފައެވެ.
ފުރަތަމަ ލެގުގެ މެޗުގައި ރޮނާލްޑޯ ވަނީ ބެންޗުން އަރައި ވަރަށް ހިތްގައިމު ގޯލެއް ކާމިޔާބުކޮށްދީފައެވެ.
ރޮނާލްޑޯއަށް އެ މެޗުގައި ފުރަތަމަ ކާޑު ދައްކާފައި ވަނީ ގޯލު ޖެހުމަށް ފަހު ޖާޒީ ބޭލުމުންނެވެ. އަދި އޭނާއަށް ފުރަތަމަ ރީނދޫ ކާޑު ދެއްކިތާ ދެ މިނުޓު ފަހުން އޭނާ ޑައިވް ކުރިކަމަށް ނިންމައި ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑާ އެކު އޭނާއަށް ރަތް ކާޑު ދައްކާފައެވެ. ރެފްރީ ކާޑު ދެއްކުމާ އެކު އޭނާ ވަނީ ނުރުހުން ފާޅުކޮށް ރެފްރީގެ ބުރަކަށީގައި އަތް އަޅައި ކޮށްޕާލާފައެވެ.
ސްޕެއިންގެ ފުޓުބޯޅަ އިދާރާއިން ދިން މި އަދަބާ މެދު ރޮނާލްޑޯވަނީ އޭނާގެ އިންސްޓަގްރާމް ޕޭޖުގައި ނުރުހުން ފާޅުކޮށްފައެވެ. އެގޮތުން އޭނާ ވަނީ މި އަދަބަކީ ކުރެވުނު ކުށާއި ނުބައްދަލު އަދަބެއް ކަމަށް ބުނެ މި އަދަބުގެ ސަބަބުން އޭނާއަށް އެތަކެއް އަސަރުތަކެއް ކުރާނެ ކަމަށް ބުނެފައި ވެއެވެ. އަދި އޭނާވަނީ އޭނާގެ ޓީީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުން ދެމުންދާ ހިތްވަރަށް ޝުކުރު އަދާކޮށްފައެވެ.
ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ވެސް ވަނީ މިކަމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
މި ސަސްޕެންޝަނުގެ ސަބަބުން އޭނާއަށް ބުދަ ދުވަހުގެ ރޭ ކުޅުނު ސްޕެނިޝް ސުޕާކަޕުގެ ދެވަނަ ލެގުގައި ކުޅެވިފައެއް ނުވެއެވެ. އެހެން ނަމަވެސް ރެއާލްއިން ވަނީ މި މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ.
ރޮނާލްޑޯއަކީ މިހާތަނަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާއެވެ. އޭނާވަނީ ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމު ހަތަރު ފަހަރު ހޯދާފައެވެ.