ޕީއެސްޖީއަށް ކުޅެމުން އައި ފްރާންސްގެ ތަޖުރިބާކާރު މިޑްފީލްޑަރު ބްލައިސް މަޓުއިޑީ އިޓަލީގެ ޔުވެންޓަސްއަށް ބަދަލުވާން ނިންމައިފިއެވެ.
މަޓުއިޑީ ޕީއެސްޖީ ދޫކޮށް އިޓަލީގެ ޖުވެންޓަސްއަށް ބަދަލުވާން ނިންމީ ީ 18.2 މިލިއަން ޕައުންޑްގެ އަގަކަށް ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
މިހާރު އުމުރުން 30 އަހަރުގެ މަޓުއިޑީގެ ޓްރާންސްފާ ފީއާ ގުޅޭގޮތުން ޔުވެންޓަސް އާއި ޕީއެސްޖީއާ ދެމެދު މިހާރު އެއްބަސްވުމަކަށް އައިސްފައިވާ އިރު މި ޓްރާންސްފާ ފުރިހަމަ ކުރުމަށްޓަކާ މަޓުއިޑީ އިއްޔެ ވަނީ އިޓަލީއަށް ގޮސްފައެވެ. އެގޮތުން މިއަދުގެ ވަގުތެއްގައި އޭނާ ޔުވެންޓަސްއަށް ބަދަލުވުމަށް ހަދަން ޖެހޭ މެޑިކަލް ވެސް ފުރިހަމަ ކުރާނެ ކަމަށް ރިޕޯޓްތަwq ބުނެފައިވެއެވެ.
ޕީއެސްޖީގައި ފަސް ސީޒަނެއް މަޓުއިޑީ ފުރިހަމަ ކޮށްފައިވާއިރު އޭނާ ވަނީ އެޓީމުގައި މޮޅުކުޅުމެއް ދައްކާ ކާމިޔާބީތަކެއް ވެސް ހޯދާފައެވެ. އެގޮތުން 2011 ވަނަ އަހަރު ޕީއެސްޖީއަށް ބަދަލުވުމަށް ފަހު މިހާތަނަށް ޕީއެސްޖީއަށް ޖުމްލަ 203 މެޗު ކުޅެދީ 23 ގޯލް ޖަހައިދީފައެވެ.
މަޓުއިޑީ ވަނީ ޕީއެސްޖީގައި ހޭދަކުރި މުއްދަތުގައި އެ ކްލަބާއެކު ފްރެންޗް ލީގު އަދި ފްރެންޗް ކަޕް ހަތަރު ފަހަރެއްގެ މަތިން ކާމިޔާބު ކޮށްފައެވެ. އަދި ފްރެންޗް ޗެމްޕިއަންސް ޓްރޮފީ ފަސްފަހަރު ކާމިޔާބު ކޮށްފައެވެ.
މަޓުއިޑީ އަކީ މިފަހަރުގެ ސީޒަނަށް ޓީމު އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ޔުވެންޓަސްއަށް ގެނައި 10 ވަނަ ކުޅުންތެރިއާއަށެވެ.
ގިނަ އަދަދެއްގެ ކުޅުންތެރިން ޔުވެންޓަސްއިން މި ޓްރާންސްފާ މާކެޓުގައި ގެނެސްފައިވާއިރު ފާއިތުވި ސީޒަންތަކުގައި އެޓީމުގެ ފަހަތުގައި މުހިއްމު ދައުރެއް އަދާކުރަމުން އައި ލިއަނާޑޯ ބޮނޫޗީ ވަނީ މި ޓްރާންސްފާ މާކެޓުގައި އެޓީމު ދޫކޮށް އޭސީ މިލާނަށް ބަދަލުވެފައެވެ.