ކ. މާލެ
|
17 އޯގަސްޓް 2017 | ބުރާސްފަތި 08:26
ބާސާގެ ޑިފެންޑާ ޖެރާޑް ޕީކޭ
ބާސާގެ ޑިފެންޑާ ޖެރާޑް ޕީކޭ
ސްކައި ނިއުސް
ބާސެލޯނާ
އަހަރުމެންނަށް ވުރެ މިހާރު މެޑްރިޑް މޮޅު: ޕީކޭ
ފުރަތަމަ ލެގުގެ މެޗުގައި ޕީކޭ އަތުން ވަނީ ބައިކޮޅަށް ގޯލެއް ވެސް ވަދެފައި
ޕީކޭ ވަނީ ބާސާއާ އެކު 25 ތަށި ކާމިޔާބުކޮށްފައި

މިވަގުތު ބާސެލޯނާއަށް ވުރެ ރެއާލް މެޑްރިޑު މޮޅު ކަމަށް ދެކޭ ކަމަށް ބާސާއަށް ކުޅެމުން އަންނަ ސްޕެއިންގެ އިތުބާރު ޑިފެންޑާ ޖެރާޑް ޕީކޭ ބުނެފިއެވެ.

ޕީކޭ މިހެން ބުނެފައި ވަނީ ބުދަ ދުވަހުގެ ރޭ ސްޕެނިޝް ސުޕާކަޕުގައި ވާދަވެރި ރެއާލް މެޑްރިޑުގެ އަތުން ބާސާ 2-0 އިން ބަލިވި މެޗަށް ފަހުއެވެ. މި ބައްޔާ އެކު އެ ޓީމަށް ވަނީ 5-1 ގެ އެގްރިގޭޓް ނަތީޖާއަކާ އެކު ސްޕެނިޝް ސުޕާކަޕުގެ ޗެމްޕިއަންކަން ވާދަވެރި ރެއާލްއަށް ގެއްލިފައެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޕީކޭ ބުނެފައިވަނީ ޓީމެއްގެ ގޮތުގައި މިއީ ބާސާއަށް ވަރަށް އުނދަގޫ ދުވަސްކޮޅެއް ކަމަށާއި ހުރިހާ ކުޅުންތެރިން ވެސް ޓީމެއްގެ ގޮތުގައި މަސައްކަތްކޮށް ކުރިޔަށް ދާންޖެހޭ ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނެފައި ވަނީ މި ބައްޔާ އެކު މެޑްރިޑް ބާސާއަށް ވުރެ މޮޅު ކަމަށް ގަބޫލްކުރަން ޖެހޭ ކަމަށާއި ސީޒަނަކީ ވަރަށް ދިގު ސީޒަނެއް ކަމުން ރަނގަޅުކުރަން ޖެހޭ ކަންކަން ރަނގަޅު ކުރެވޭނެ ކަމަށެވެ. އަދި މިއީ އޭނާ ބާސާގައި ވޭތުކުރި ނުވަ އަހަރުގެ ތެރޭގައި ބާސާއަށްވުރެ ރެއާލް  މޮޅުކަމަށް ފެންނަ ފުރަތަމަ ފަހަރު ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.

މި ދެ ޓީމު ވާދަކުރި ފުރަތަމަ ލެގުގެ މެޗުގައި ޕީކޭ އަތުން ވަނީ ބައިކޮޅަށް ގޯލެއް ވެސް ވަދެފައެވެ. އަދި ރެއާލްއާ ދެކޮޅަށް ކުޅުނު ދެ މެޗުގައި ޕީކޭ އަށް ދެއްކިފައި ވަނީ ވަރަށް އާދައިގެ ކުޅުމެކެވެ.

ޕީކޭވަނީ ބާސާއާ އެކު ވޭތުކުރި ނުވަ އަހަރު 25 ތަށި އެ ޓީމާ އެކު ކާމިޔާބުކޮށްފައެވެ. އޭނާވަނީ ބާސާއަށް 246 މެޗު ކުޅެދީފައެވެ.

- ކޮމެންޓް