ވާދަވެރި ބާސެލޯނާ އަމިއްލަ ދަނޑުގައި ބަލިކޮށް ރެއާލް މެޑްރިޑުން ސްޕެނިޝް ސުޕާކަޕްގެ ތަށި އުފުލާލައިފިއެވެ.
ބުދަ ދުވަހުގެ ރޭ ކުޅުނު މެޗު ރެއާލްއިން ކާމިޔާބުކޮށްފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ލެގުގައި މި ދެ ޓީމު ބާސާގެ ދަނޑުގައި ކުޅުނު މެޗު ރެއާލްއިން ކާމިޔާބުކޮށްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ރެއާލްއިން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗުގެ ހަތަރު ވަނަ މިނުޓުގައި ރެއާލްގެ ޒުވާން ތަރި މާކޯ އަސެންސިއޯ ވަރަށް ހިތްގައިމު ލަނޑެއް އެ ޓީމަށް ކާމިޔާބުކޮށްދީފައެވެ. އަދި ފުރަތަމަ ހާފުގެ 39 ވަނަ މިނެޓުގައި ރެއާލްގެ ކަރީމް ބެންޒީމާ ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.
ފުރަތަމަ ހާފު ނިމިގެން ދިޔައީ 2-0 ގެ ނަތީޖާއަކުން ރެއާލް ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި ބާސާއިން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށްފައެވެ. އެ ގޮތުން ލުއިސް ސުއަރޭޒްއާއި ލިއޮނެލް މެސީގެ ހަމަލާތައް އަމާޒުވީ ހުރަސް ދަނޑިއާއެވެ. އެހެން ނަމަވެސް ބާސާއަށް ރެއާލްގެ ގޯލު ފޫއަޅުވާލެވޭނެ ގޮތެއް ހޯދިފައެއް ނުވެއެވެ.
ރެއާލްއިން މި މެޗުގައި މޮޅު ކުޅުމެއް ދައްކައި ގިނަ ހަމަލާތަކެއް އުފައްދާފައި ބާސާއިން އުފެއްދި ގިނަ ހަމަލާތަކެއް އެ ޓީމުން ވަނީ ހުއްޓުވާފައެވެ.
މި މެޗަށް ރެއާލް ނުކުމުފައިވަނީ އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯއާއި ނުލައެވެ. ފުރަތަމަ ލެގުގައި ރެފްރީގެ ބުރަކަށީގައި އަތްއަޅާ ކޮއްޕާލުމުގެ ސަބަބުން އޭނާވަނީ ފަސް މެޗަށް ސަސްޕެންޑުކޮށްފައެވެ.
މިއީ ރެއާލްއިން މި ސީޒަނުގައި ކާމިޔާބުކުރި ދެވަނަ ތަށްޓެވެ. އެ ޓީމުން ވަނީ މީގެ ކުރިން މެންޗެސްޓާ ޔުނައިޓެޑު ބަލިކޮށް ޔުއެފާ ސުޕާކަޕް ކާމިޔާބުކޮށްފައެވެ. މިއީ ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން އެ ޓީމަށް ކާމިޔާބުކޮށްދިން ހަތްވަނަ ތައްޓެވެ.
ރެއާލްއިން ދެން މެޗެއް ކުޅޭނީ ސްޕެނިޝް ލަލީގާގައި ޑިޕޯޓިވޯއާއި ދެކޮޅަށެވެ. އަދި ބާސާއިން ނުކުންނާނީ ރެއާލް ބެޓިސްއާއި ދެކޮޅަށެވެ.