ކ. މާލެ
|
22 އޮކްޓޯބަރ 2024 | އަންގާރަ 21:20
ބެއިރޫތުގެ ހޮސްޕިޓަލެއްގެ ކައިރިއަށް އިޒްރޭލުން ބޮންއަޅާ 3 އިމާރާތް ވަނީ ބިމާ ހަމަކޮށްލައިފަ
ބެއިރޫތުގެ ހޮސްޕިޓަލެއްގެ ކައިރިއަށް އިޒްރޭލުން ބޮންއަޅާ 3 އިމާރާތް ވަނީ ބިމާ ހަމަކޮށްލައިފަ
ބީބީސީ
ލުބުނާން-އިޒްރޭލު ހަނގުރާމަ
ދެކުނު ލުބުނާނުގައި ސަރުކާރުގެ މައި ހޮސްޕިޓަލު ކައިރިއަށް އިޒްރޭލުން ބޮން އަޅައިފި
ހަމަލާގައި މަދުވެގެން 18 މީހުން ވަނީ މަރުވެފައި، އޭގެ ތެރޭގައި 4 ކުޑަކުދިން ހިމެނޭ

ދެކުނު ލުބުނާނުގައި ސަރުކާރުގެ މައި ހޮސްޕިޓަލު ކައިރިއަށް އިޒްރޭލުން ހޯމަ ދުވަހުގެ ރޭ ބޮން އަޅައިފިއެވެ.

ލުބުނާނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނާ ގޮތުގައި، އިޒްރޭލުން ވައިގެ މަގުން މި ދިން ހަމަލާގައި މަދުވެގެން 18 މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި 4 ކުޑަކުދިން ހިމެނެއެވެ.

މި ހަމަލާގެ ސަބަބުން ރަފީޤް ހަރީރީ ޔުނިވަރސިޓީ ހޮސްޕިޓަލާ 50 މީޓަރު (160 ފޫޓު) ދުރުގައި ހުރި 3 އިމާރާތް ފުނޑުފުނޑުވެގެން ގޮސްފައިވެއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ހަމަލާގައި ޒަޚަމްވި މީހުންގެ އަދަދު ވަނީ 60 ން މައްޗަށް ގޮސްފައެވެ.

ސިއްޙަތާ ބެހޭ ވުޒާރާއިން ބުނާ ގޮތުގައި މި ހަމަލާގެ ސަބަބުން ހޮސްޕިޓަލަށް "ބޮޑު ގެއްލުމެއް" ވަނީ ވެފައެވެ.

ހަމަލާ އަށް ފަހު އިޒްރޭލުގެ ސިފައިންގެ ބަޔާނެއްގައި ބުނެފައިވަނީ ހަމަލާ ދިނީ ހޮސްޕިޓަލާ ކައިރީގައި ހުރި "ހިޒްބުﷲ ގެ ޓެރަރިސްޓް އަމާޒަކަށް" ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ. އިޒްރޭލުގެ ހަމަލާތަކަށް ފަހު އެއީ ޓެރަރިސްޓުންގެ އަމާޒަކަށް ދިން ހަމަލާ އެއް ކަމަށް އާންމު ގޮތެއްގައި ބުނާއިރު، އެ ހަމަލާތަކުގައި ގިނައިން މަރުވެފައި ވަނީ އާންމު ރައްޔިތުންކަން ފާހަގަ ކުރެވެއެވެ. އޭގެ އިތުރުން ބައިބޯ ސަރަހައްދުތަކަށް މިފަދަ ހަމަލާތައް ދިނުމުގެ ސަބަބުން ހަލާކުވެ ފުނޑުފުނޑުވެފައި ހުންނަކަން ފާހަގަ ކުރެވެނީ އާންމުންގެ އިމާރާތްތަކެވެ.

މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނަނީ ފުނޑުވެފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވަނީ ކިތައް މީހުންކަމެއް އަދި ބުނަންވެސް ނޭނގޭ ކަމުގައެވެ.              

އަނެއްކޮޅުން ހޯމަ ދުވަހު އިޒްރޭލުން ލުބުނާނަށް ދިން ހަމަލާތަކުގައި މަދުވެގެން 63 މީހުން މަރުވެއްޖެކަމަށް ލުބުނާނުން ސަރުކާރުން ވަނީ ބުނެފައެވެ. 

މިއާއެކު، ލުބުނާނު ސަރުކާރުން ހާމަ ކޮށްފައިވާ ގޮތުގައި މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އިޒްރޭލުން ލުބުނާނަށް ދިން ހަމަލާތަކުގައި މަރުވި މީހުންގެ ޖުމްލަ 2،530 ށް ވަނީ އަރާފައެވެ.

- ކޮމެންޓް