މާލޭގެ މަގުތަކުގައި ޤަވާއިދާ ޚިލާފަށް ޕާކްކޮށްފައިވާ އުޅަނދުތަކާއި ގިނަ ދުވަސް ވަންދެން ބަހައްޓާފައިވާ އުޅަނދުތައް ނެގުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އެ ސަރވިސްގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަކީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި، އެޤާނޫނުން ބާރުލިބިގެން ހަދާފައިވާ ޤަވާޢިދާ ޚިލާފަށް، ރަޖިސްޓްރީ ނުކުރާ އުޅަނދުފަހަރާއި، ބާވެ ހަލާކުވެފައިވާ އުޅަނދުތައް މަގުތަކާއި ޕާކިންގ ޒޯންތަކުގައި ހުރުމުގެ ސަބަބުން މަގު ބޭނުންކުރާ ފަރާތްތަކަށް ދަތިވެ، ޕާކުކުރަން ބެނުންވާ ފަރާތަކަށް އެކަމުގެ ދަތިތަކާ ކުރިމަތިވަމުން ދިޔުމާ ގުޅިގެން އެކަން ކަމަށް ހައްލެ ހޯދައިދީ، މާލޭގެ މަގުތައް ތަރުތީބު ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.
ފުލުހުން ބުނީ ޤަވާއިދާ ޚިލާފަށް ޕާކްކޮށްފައިވާ އުޅަނދުތަކާއި، ޤަވާއިދާ ޚިލާފަށް މަގުތަކުގައި ބަހައްޓާފައިވާ އުޅަނދުތަކާއި، ބާވެ ހަލާކުވެގެން މަގުތަކުގައި ބަހައްޓާފައިވާ އުޅަނދުތައް މި ޕްރޮގްރާމްގެ ތެރެއިން ނަގަމުންދާނެ ކަމަށެވެ.
މި މަސައްކަތުގެ ތެރެއިން ނަގާ އުޅަނދުތައް ނަގައިގެން ގެންދިއުމުގައި ނުވަތަ ބަހައްޓާފައި ހުންނަ ހުރުމުގައި ލިބޭ ގެއްލުމަކަށް ފުލުހުން ޒިންމާ ނުވާނެ ކަމަށާއި، މި ޕްރޮގްރާމްގައި މަގުތަކުން ނަގާ އުޅަނދުތަކަށް ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ދެއްކުމަށް ފަހު، އެތަކެތި އަނބުރާ ގެންދިއުމުގެ އެންމެހާ ޚަރަދުތައްކޮށް، އެކަމުގެ ޒިންމާ އުފުލަންޖެހޭނީ އެ އުޅަނދުގެ ވެރިފަރާތުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.