ޔަމަނުގެ ބަނދަރު އަލް-ޙުދައިދާއަށް އަރައިގަތުމަށް އެމެރިކާއިން ފަތުރަމުންދާ ވާހަކައާ އެއްގޮތައް ޢަމަލުކޮށްފިނަމަ، ވިއެޓްނާމް ހަނގުރާމައިގައި ދިމާވި ނުރައްކާތެރި ހާލަތަށްވުރެ މާ ގޯސް ނަތީޖާއަކާ އެމެރިކާ އަށް ކުރިމަތިލާން ޖެހިދާނެ ކަމަށް ބުނެ ޔަމަނުން އެމެރިކާއަށް އިންޒާރުދީފިއެވެ.
ވިއެޓްނާމް ހަނގުރާމައިގައި ދިހަހާސް އެމެރިކާ ސިފައިން ވަނީ މަރުވެފައެވެ.
ޔަމަނުގެ ނޭޝަނަލް ސަލްވޭޝަން ސަރުކާރުގެ ފޮރިން މިނިސްޓަރު ޖަމާލް އަޙްމަދު ޢަލީ ޢާމިރު މި އިންޒާރު ދެއްވާފައިވަނީ ހޯމަ ދުވަހު އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައެވެ.
އޭނާ ވިދާޅުވީ، އެމެރިކާގެ ސަރުކާރުން ޔަމަނުގެ ހުދައިދާ ހިފުމަށް ތައްޔާރުކޮށްފައިވާ ޕްލޭން ކަމަށް ބުނާ ޑޮކިއުމެންޓެއް އޮންލައިންކޮށް ލީކު ކޮށްލީ އެމެރިކާ އިން ކަމަށެވެ. ފޮރިން މިނިސްޓަރ އާމިރު ވިދާޅުވީ، މި ޕްލޭނާ ބެހޭ މަޢުލޫމާތު ހާމަކުރަން ފަށާފައިވަނީ ޔަމަނުން ފަލަސްޠީނަށް ތާއީދުކޮށް އިޒްރޭލާއި، އިޒްރޭލާ ގުޅުންހުރި ޓާގެޓުތަކާ ދެކޮޅަށް ޔަމަނުން ހިންގާ ހަރަކާތްތައް ހުއްޓުވުމަށް މަޖުބޫރުކުރުވުމަށް ކަމަށެވެ.
އާމިރު ވިދާޅުވީ، ޔަމަނަށް ގެއްލުން ދިނުމަށް ކުރެވުނު ހުރިހާ މަސައްކަތްތަކެއް ނާކާމިޔާބުވުމުން ވޮޝިންގްޓަނުން ޔަމަން އަށް ބިރުދައްކަން މި ވާހަކަތައް ހާމަކުރަން ފެށީކަމުގައެވެ.
އާމިރު ވިދާޅުވީ، ޔަމަނުގެ ބަނދަރު ސިޓީ ހިފުމުގެ ވާހަކަ ލީކު ކޮށްލައިގެން އެމެރިކާ އިން އުޅޭ އަނެއް ސަބަބަކީ މުޅި އަރަބި ދުނިޔެއަށް އިޒްރޭލުން ދޭން އުޅުނު ހަމަލާ އަދިވެސް ދެވޭ ގޮތް ނުވުމުން ކަމުގައެވެ.
"މިނިވަނުން ކަކޫ ނުޖަހާނެ، އަދި އެމެރިކާ އިން ހިންގާ ވެރިކަމަކީ މާތްﷲގެ އަމުރުފުޅުތަކާ އެއްގޮތައް ހިންގާ ވެރިކަމެއް ނޫން،" ކަމަށް ޢާމިރު ވިދާޅުވިއެވެ.
ޔަމަނުގެ ހަތިޔާރުއެޅި ބާރުތަކުން ވަނީ އިޒްރޭލުން ޣައްޒާގައި ނަސްލު ނައްތާލުމުގެ ހަނގުރާމައެއް ފެށި ފަހުން، އިޒްރޭލުގެ ބާރުގެ ދަށުގައިވާ ފަލަސްޠީނު ސަރަޙައްދުތަކުގައި ހުރި އިޒްރޭލުގެ އަސްކަރީ ޕޯސްޓްތަކަށާއި އުޅަނދުފަހަރާއި އެ ސަރަޙައްދުތަކަށް ކަނޑު ދަތުރުކުރާ އުޅަނދުފަހަރަށް އެތައް ސަތޭކަ ހަމަލާއެއް ދީފައެވެ.