ކ. މާލެ
|
19 އޮކްޓޯބަރ 2024 | ހޮނިހިރު 13:12
ހޮނިހިރު ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ދަ ޑިމޮކްރެޓްސް ރައީސް ހަސަން ލަތީފް ވާހަކަދައްކަވަނީ
ހޮނިހިރު ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ދަ ޑިމޮކްރެޓްސް ރައީސް ހަސަން ލަތީފް ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ޑިމޮކްރެޓްސް އަކީ އިދިކޮޅު ސިޔާސީ ޕާޓީއެއް
ޑިމޮކްރެޓްސް އަކީ އިދިކޮޅު ސިޔާސީ ޕާޓީއެއް، މިސަރުކާރާއި ބައްދަލުކުރީ ވަޒީފާ ހޯދާކަށް ނޫން: ހަސަން ލަތީފް
ޑިމޮކްރެޓްސްގެ ސިޔާސަތުތަކެއް ވަނީ އެކުލަވާލާފައި، މަސައްކަތް ކުރަމުންދާނީ އެސިޔާސަތުތަކާ އެއްގޮތަށް
2023 ވަނަ އަހަރު ޕީޕީއެމްއާއެކު ވެސް ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދިޔަ
ސިޔާސަތުތައް ތަންފީޒު ކުރުމަށް ފުރިހަމަ އެއްބާރުލުމެއް މިސަރުކާރުން ވެސް ދީފައިނުވޭ

ދަ ޑިމޮކްރެޓްސް އަކީ އިދިކޮޅު ސިޔާސީ ޕާޓީއެއް ކަމަށާއި، މިސަރުކާރާއި ބައްދަލުކުރީ ވަޒީފާ ހޯދަން ނޫން ކަމަށް އެޕާޓީގެ ރައީސް ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ހަސަން ލަތީފް ވިދާޅުވީ ސަރުކާރާއެކު ޕާޓީއެއް ނޯންނަ ކަމަށްވާނަމަ އެޕާޓީއަކީ އިދިކޮޅު ޕާޓީއެއް ކަމަށާއި، ދޭތެރޭގެ މެދުގައި އެއްވެސް ޕާޓީއަކަށް ނޯވެވޭނެ ކަމަށެވެ. އެގޮތުން ޑިމޮކްރެޓްސް އަކީ އިދިކޮޅު ސިޔާސީ ޕާޓީއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ ޑިމޮކްރެޓްސްގެ ސިޔާސަތުގެ އެކުލަވާލާފައިވާ ކަމަށާއި، މަސައްކަތް ކުރަމުންދާނީ އެސިޔާސަތުތަކާ އެއްގޮތަށް ކަމަށެވެ. އެސިޔާސަތުތައް ތަންފީޒު ކުރުމުގެ ގޮތުން ހުރިހާ ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކުރިކަން ފާހަގަކުރައްވައި ހަސަން ލަތީފް ވިދާޅުވީ 2023 ވަނަ އަހަރު ޕީޕީއެމްއާއެކު ވެސް ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދިޔަ ކަމަށެވެ. ނަމަވެސް ބައެއް ސިޔާސަތުތަކަށް ފުށޫއަރާތީ އިތުރަށް ކުރިއަށް ނުގެންދިޔައީ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

އަޅުގަނޑު ވާހަކަ ދައްކަމުންދިޔައިން ހުރިހާ ސިޔާސީ ޕާޓީތަކާ ވެސް އިންތިޚާބުގެ ކުރިން 2023 ގެ. އޭރު ޕީއެންސީއެއް ނޫން. ރައީސް ޔާމީންގެ ޕީޕީއެމް އޭރު އޮތީ. މިއީ ސިއްރުން ކުރި ކަމެއް ވެސް ނޫން. ޕީޕީއެމްއާއެކު ޑިމޮކްރެޓްސް ރަސްމީ ވާހަކަ ދެކެވުނު. އެހެންނަމަވެސް އަޅުގަނޑުމެންނަށް ގަބޫލުނުކުރެވޭ ބައެއް ކަހަލަ ކަންކަން އެބޭފުޅުންނަށް ދޫކޮށްލެވެން ނެތީމަ އެބޭފުޅުންނާއެކު ކުރިއަށްދެވެން ނެތީ. އޭގެ ތެރޭގައި އެއް މިސާލެއް އިންޑިއާ އައުޓް. އެއީ އަޅުގަނޑުމެން ގަބޫލުކުރާނެ ކަމެއްނޫން. އެކަހަލަ ބައެއް ކަންކަމަކީ ރައީސް ޔާމީން އެއްކަލަ ހަރުކަށިކޮށް ހިފަހައްޓަން ބޭނުންވި ހަމައެއްގެ ގޮތުގައި ފެނުނީ ދެން ކުރިއަށް ދޭވޭ ކަށް ނެތް.
ދަ ޑިމޮކްރެޓްސް ރައީސް ހަސަން ލަތީފް

ރައީސް މުއިއްޒުގެ ސަރުކާރުގެ ބޭފުޅުންނާއި ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކަށް އަލިއަޅުއްވާލައްވާ ހަސަން ލަތީފް ވިދާޅުވީ އެބޭފުޅުންނާ ބައްދަލުކުރީ ވަޒީފާ ހޯދުމަށް ނޫން ކަމަށެވެ. އަދި ބޭނުންވަނީ ޕާޓީގެ ސިޔާސަތުތައް ތަންފީޒު ކުރެވޭނެ ގޮތްތަކަކަށް މަސައްކަތް ކުރަން ކަމަށާއި، އެފުރުސަތު ފަހިކޮށްދިނުމަށް އެދުނު ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. ނަމަވެސް މިސަރުކާރަށް އެސިޔާސަތުތައް ތަންފީޒު ކުރުމަށް ފުރިހަމަ އެއްބާރުލުންދީފައިނުވާތީ އެކުގައި ކުރިއަށް ނުދިޔައީ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވި އަޅުގަނޑުމެންގެ ކިބައިން ވަޒީފާތަކެއް އޮފާ ކުރައްވާފައި ސަރުކާރުގައި ބައިވެރިވާން. އެހެންނަމަވެސް އަޅުގަނޑުމެން ދެންނެވި ވާހަކައަކީ ވަޒީފާތަކެއް ނޫނޭ ބޭނުންވެގެން މިއުޅެނީ ކޮންމެހެންނެއް. އަޅުގަނޑުމެންގެ ސިޔާސަތުތައް ތަންފީޒު ކުރެވޭނެ ގޮތެކޭ. އެކަން ކުރުމަށްޓަކައި އަޅުގަނޑުމެންގެ ޕާޓީގެ ބައެއް ބޭފުޅުންނަށް ވަޒީފާއެއް ދެއްވުން އެއީ ނޫނެކޭ ބުނާނެ ކަމެއް ނޫނޭ. އެހެންނަމަވެސް ފެނަކައިން މިތައް ވަޒީފާ. އެކަހަލަ ގޮތަކަށް އާރްޑީސީ މިތައް ވަޒީފާ އެހެން ވަޒީފާކޮޅެއް ހޯދަން އައިސްގެން ނޫނޭ މިތިބެނީ އަޅުގަނޑުމެން. އެކަމަކު އެއަށް އެބޭފުޅުންނަށް އެއްބަސްވެވަޑައިނުގެންނެވުނު ކަމަށް އަޅުގަނޑު ދެކެނީ.
ދަ ޑިމޮކްރެޓްސް ރައީސް ހަސަން ލަތީފް

ހަސަން ލަތީފް ވިދާޅުވީ ޑިމޮކްރެޓްސްއިން ނިންމުންތައް ނިންމަވަނީ ވަރަށް ދުވަހު އެކަމަށް މަސައްކަތް ކުރުމަށްފަހު ކަމަށާއި، ވަރަށް ގިނަ މަޝްވަރާތަކާއެކު ކަމަށެވެ. އެ ނިންމުމެއްގައި ވަރަށް ގިނަ ސަބަބުތަކެއްވާނެ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. އަދި ވިދާޅުވީ ކުރިއަށް އޮތްތަނުގައި ވެސް ޕާޓީ މަސައްކަތް ކުރާނީ އެރޫހާއެކު ކަމަށެވެ.


Advertisement
- ކޮމެންޓް