ކ. މާލެ
|
18 އޮކްޓޯބަރ 2024 | ހުކުރު 13:17
ހުކުރު ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން
ހުކުރު ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން
ރާއްޖެއެމްވީ
ޚުތުބާ - ޖުވާކުޅުމަކީ ހަރާމް ކަމެއް
ޒަމާނީ ވަސީލަތްތަކުގެ އެހީގައި ޖުވާކުޅުން އާންމުވަނީ، މިކަމުން ދަރީން ސަލާމަތްކުރުމަށް އިތުރަށް ސަމާލުވޭ: ޚުތުބާ
ޖުވާގެ ހުރިހައި ބާވަތްތަކެއް މާތްﷲ ވަނީ ހަރާމް ކުރައްވާފައި
ޖުވާކުޅޭ ދޭދޭ މީހުންގެ މެދުގައި ހިނގާ އަރައިރުންތަކާއި މާރާމާރީތައް ފާހަގަކުރެވޭ
ޖުވާ ކުޅުމުގެ ބާވަތްތަކުގެ ތެރޭގައި ބާޖުމެރުން ނުވަތަ ބެޓުކުރުން ހިމެނޭ

ޖުވާގެ ހުރިހައި ބާވަތްތަކެއް މާތްﷲ ހަރާމް ކުރައްވާފައިވާ ކަމަށާއި، ނަމަވެސް މި މުޖުތަމައުގައި ޒަމާނީ ވަސީލަތްތަކުގެ އެހީގައި ޖުވާކުޅުން އާންމުވަމުންދާ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

''ޖުވާކުޅުމަކީ ހަރާމް ކަމެއް'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ اللهُ سُبُحَانَهُ وَتَعَالَى އެކަލާނގެ މާތް ފޮތުގައި ވަނީ ޖުވާގެ ހުރިހައި ބާވަތްތަކެއް ހަރާމްކުރައްވައިފައިވާ ކަމަށާއި، އެކަލާނގެ ބަޔާންކުރައްވައިފައިވާ ގޮތުގައި އެއީ ޝައިތާނާގެ ހަޑި ހުތުރު އަމަލުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެއް ކަމަށެވެ.

ޚުތުބާގައި ބުނީ މީސްތަކުންގެ މުދާތަކަށް ނުހައްގުން އަރައިގަތުމަށާއި ބާތިލު ގޮތުގައި އެތަކެތި ކެއުމަށް މިއަދު ވަނީ ތަފާތު ވައްތަރުތަކާއި އާ ގޮތްތައް ހޯދައިފައިވާ ކަމަށާއި، ހައްގަކާ ނުލައި މީހުންގެ ފައިސާ ކެއުމަށް މާއްދިއްޔަތުގެ އަޅުން ތަފާތު ބާވަތްބާވަތުގެ އުކުޅުތައް ބޭނުންކުރާން ފަށާފައިވާ ކަމަށެވެ. އަދި މިހާރަކަށް އައިސް ޒަމާނީ ވަސީލަތްތަކުގެ އެހީގައި ޖުވާކުޅުން އާންމުވަމުންދާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އޭގެ ތެރޭގައި ޖުވާކުޅޭ ވެބްސައިޓުތަކާއި، ގޭމުތަކާއި، އެޕުތައް ހިމެނޭ ކަމަށާއި، މިވަބާގެ ޝިކާރައަކަށް ހަރުމީހުންނާއި ޒުވާނުންނާއި ކިޔަވާކުދިން ވެގެންދާ ކަމަށެވެ.

މާތް ﷲ ޖުވާ ހަރާމްކުރެއްވީ އެއިން ފަރުދުންނަށާއި މުޖުތަމުއަށް ލިބޭ ގެއްލުމާއި އެކަމުގައި ހިމެނޭ ފަސާދައިގެ ބޮޑު ކަމުންކަން ފާހަގަކޮށް ޚުތުބާގައި ބުނީ ޖުވާކުޅޭ ދޭދޭ މީހުންގެ މެދުގައި ހިނގާ އަރައިރުންތަކާއި މާރާމާރީތައް ފާހަގަކުރެވޭ ކަމަށާއި، ޖުވާގެ އަވައިގައި ޖެހި ﷲ ހަނދުމަކުރުން މަތިން ހަނދާންނެތި ނަމާދު އަޅައި ހައްގުތަކާއި ވާޖިބުތައް ދޫކޮށްލާ ކަމަށެވެ. ޖުވާ ކުޅުމުގެ ސަބަބުން އަތްމަތި ދަތިވެ މީހާ ބަނގުރޫޓުވެ ދަރަނިވެރިވ މީގެ އިތުރަށް ޖުވާކުޅުމަކީ ކަންނެތްކަމަށް ގޮވައިލާ ކަމެއްކަން ފާހަގަކޮށްފައިވެއެވެ. އެހެނީ ޖުވާކުޅޭ މީހުން އެ ކަން ކުރަނީ ފަސޭހައިން އަވަހަށް މުއްސަނދިވުމުގެ ބޭނުމުގައެވެ. ނަމަވެސް ހެޔޮ ގޮތަކީ ހަލާލު މަސައްކަތުން ފައިސާ ހޯދައި ލިބޭ މިންވަރުން ފުއްދައިގެން އުޅުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ ޖުވާކުޅުމަކީ މާތް ﷲ ހަރާމްކުރައްވައިފައިވާ ބޮޑެތި މުންކަރާތްތަކަށް އަރައިގަތުމަށް ހިތްވަރުދޭ ކަމެއް ކަމަށެވެ. އެކަމުގެ ސަބަބުން ދަރަނިވެރިވުމާއި، ރިޝްވަތުނެގުމާއި، ދޮގުހެދުމާއި، ވައްކަންކުރުމާއި، މަސްތުވާތަކެތީގެ އަޅަކަށްވުން ހިމެނޭ ކަމަށެވެ. ޖުވާ ކުޅުމުގެ ސަބަބުން ތިމާގެ ލޮބުވެތި އާއިލާ ޚަރާބުވެ ގެދޮރު ގެއްލި އަނބިދަރީން ނިކަމެތިވާ ކަމަށެވެ. އަދި ނަފްސާނީ މައްސަލަތައް ކުރިމަތިވެ، އަމިއްލަ ފުރާނަ ވެސް ދުއްވައިލާކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. މާނައީ: "އޭ إيمانވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން، ރާއާއި، ޖުވާކުޅުމާއި، އަޅުކަންކުރާން ހަދާފައި ހުންނަ ބުދުތަކާއި نصيب ހުރިގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ، شيطانއާގެ عملތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން އެކަންތަކާ ދުރުވެގަންނާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި نَصِيْبُ ލިބުމަށްޓަކައެވެ. شَيْطَان އާ އެދޭކަން ކަށަވަރީ، ރާއާއި، ޖުވާގެ ސަބަބުން، ތިޔަބައިމީހުންގެ މެދުގައި عَدَاوَة ތެރިކަމާއި، ރުޅިވެރިކަން އުފެއްދުމަށެވެ. އަދި ﷲ ހަނދުމަކުރުމާއި، ނަމާދުކުރުމަށް ތިޔަބައިމީހުންނަށް ހުރަސްއެޅުމަށެވެ. ފަހެ، ތިޔަބައިމީހުން ތިޔަ ތިބީ އެ ކަންތައްތައް ހުއްޓާލަންހެއްޔެވެ؟ (އެބަހީ: ހުއްޓާލާށެވެ!)"
ހުކުރު ޚުތުބާ

ޖުވާއަކީ ދެމީހަކު ނުވަތަ އެއަށް ވުރެ ގިނަ ބަޔަކު ފައިސާ ބަހައްޓައިގެން ކުޅޭ ކުޅިވަރެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ މި ކުޅިވަރުގައި ބެހެއްޓި ފައިސާ މޮޅުވާ ފަރާތަށް ދޭން ޝަރުތުކުރާ ކަމަށެވެ. އެއީ މީސްތަކުންގެ މުދާ ހަރާމް ގޮތުގައި ކެއުންކަން ފާހަގަކޮށްފައިވެއެވެ.

މިއީ މާތް ﷲ އާއި އެކަލާނގެ ރަސޫލާمُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ޙަރާމްކުރައްވައިފައިވާ ކަމެކެވެ. ކީރިތި ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ޙަދީޘްކުރައްވައިފައި ވެއެވެ. (إِنَّ رِجَالًا يَتَخَوَّضُوْنَ فِيْ مَالِ اللَّهِ بِغَيْرِ حَقٍّ، فَلَهُمُ النَّارُ يَوْمَ الْقِيَامَةِ)[2] މާނައީ: " ހަމަކަށަވަރުން ﷲގެ މުދައު ޙައްޤު ނޫން ގޮތުގައި ބަޔަކު މީހުން ބޭނުން ކުރެއެވެ. ފަހެ ޤިޔާމަތް ދުވަހުން އެބައިމީހުންނަށް ނަރަކަ ހުށްޓެވެ." ކީރިތި ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ޙަދީޘްކުރައްވައިފައި ވެއެވެ. (وَمَنْ قَالَ لِصَاحِبِهِ: تَعَالَ أُقَامِرْكَ، فَلْيَتَصَدَّقْ)[3] މާނައީ: "އަދި އޭނާގެ އެކުވެރިޔާއަށް ޖުވާކުޅެން އަންނާށޭ ބުނިމީހާ، ފަހެ އެ ފާފަ ފުއްސަވައިދެއްވައިތޯ އޭނާ ޞަދަޤާތްކުރާހުށި ކަމެވެ." ވީމާ ޖުވާކުޅޭ މީހާގެ ޙާލާ މެދު ވިސްނައިލުން ހުށްޓެވެ!
ހުކުރު ޚުތުބާ

ޚުތުބާގައި ބުނީ ޖުވާ ކުޅުމުގެ ބާވަތްތަކުގެ ތެރޭގައި ބާޖުމެރުން ނުވަތަ ބެޓުކުރުން ހިމެނޭ ކަމަށެވެ. އެކިއެކި މުބާރާތްތަކާއި ރޭސްތައް ބާއްވާ އިރު މިވެނި ޓީމެއް ނުވަތަ މިވެނި ފަރާތެއް މޮޅުވާނެކަމަށް ބުނެ، އެ ޓީމެއް ނުވަތަ އެ ފަރާތެއް ދެރަވެއްޖެ ނަމަ އޭނާ ބާޖުމެރުމަށް ނުވަތަ ހަރަދުކިޔުމަށް ބެހެއްޓި ފައިސާކޮޅު ގެއްލޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ ގައުމުތަކުގައި ޖުވާ ވަރަށް ތަފާތު ސިފަސިފައިގައި ފެތުރިފައިވާއިރު، ލޮޓަރީއާއި ޖެކްޕޮޓްފަދަ ޖުވާގެ ޒަމާނީ ބާވަތްތައް ހިމެނޭ ކަމަށާއި، މިކަމަށްޓަކައި ޚާއްސަ ނާދީތަކާއި މަރުކަޒުތައް ގާއިމްކޮށްފައިވާ ކަމަށެވެ. މި ތަންތަނަށް މުއްސަނދީންނާއި ފަގީރުން ވަދެ އެ ހަރަކާތްތަކުގައި ބައިވެރިވާ ކަމަށާއި، މިފަދަ މުންކަރާތްތަކުގައި ބައިވެރިވުމަށް ދަތުރުހަދައިގެން ވެސް ދާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި ޖުވާގެ ނަން ބޭނުންނުކޮށް ރީތި ނަންނަމުގައި އިބިލީހުގެ މި އަނދަވަޅުތައް ކޮންނަމުންދަނީ މުސްލިމުންގެ ދީނީ ޝިއާރުތަކާ ދުރުހެލިކޮށް ޝައިތާނާގެ އެކުވެރީންނަށް ހެދުމަށް ކަމަށެވެ. އަދި މި ކަންކަމުން ދަރީން ސަލާމަތްކުރުމަށް ބެލެނިވެރީން ޚާއްސަ ސަމާލުކަމެއް ދިނުމަށް ޚުތުބާގައި ވަނީ ގޮވާލާފައިވެއެވެ.


Advertisement
- ކޮމެންޓް