ކ. މާލެ
|
16 އޯގަސްޓް 2017 | ބުދަ 21:30
ސޮނެވާ ޓީމުން އުފާ ފާޅުކުރަނީ
ސޮނެވާ ޓީމުން އުފާ ފާޅުކުރަނީ
އަހްމަދު ސާއިފް ޝިޔާދް
އިންޓާ ރިސޯޓް ވޮލީ މުބާރާތް
އިންޓަ ރިސޯޓު މުބާރާތުގެ ޒޯނު ފަހެއްގެ ޗެމްޕިއަންކަން ސޮނޭވާ ފުށި ހޯދައިފި
ސޮނޭވާ ފުށިން މެޗު ކާމިޔާބުކޮށްފައިވަނީ ތިން ސެޓު އެއް ސެޓުން

18 ވަނަ އިންޓަ ރިސޯޓު ވޮލީބޯޅަ މުބާރާތުގެ ޒޯން ފަހެއްގެ ޗެމްޕިއަންކަން ސޮނޭވާ ފުށިން ހޯދައިފިއެވެ.

މިއަދު ހަވީރު ކުޅުނު ފައިނަލް މެޗު އަނަންތާރާ ކިހަވަށް ވިލާސް އާއި ވާދަކޮށް ސޮނޭވާ ފުށިން ކާމިޔާބު ކޮށްފައި ވަނީ ތިން ސެޓު އެއް ސެޓުންނެވެ.

މި މެޗުގެ ސެޓުތައް ސޮނޭވާ އިން ގެންގޮސްފައި ވަނީ 25-21، 25-22، 16-25 އަދި 25-22 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ސޮނޭވާގެ ޖާޒީ ނަމްބަރު 12 އަލީ ހުޒާމްއެވެ. މި މުބާރާތުގެ ތިންވަނަ ހޯދާފައިވަނީ އަމިއްލަ  ފުށިންނެވެ.

މި މުބާރާތުގެ ޑްރީމް ޓީމަށް ހޮވިފައިވަނީ ސޮނޭވާގެ ޖާޒީ ނަމްބަރު 12 އަލީ  ހުޒާމާއި، ސޮނޭވާގެ ޖާޒީ ނަމްބަރު 4 ޑޮން ސުމޭޑާއާއި އެ ޓީމުގެ ޖާޒީ ނަމްބަރު 11 މުހައްމަދު އަގީލްއެވެ. މީގެ އިތުރުން މި ޓީމުގައި އަމިއްލަ ފުށީގެ މުހައްމަދު އަހުސަންއާއި ހަސަން ނިލާމް ހިމެނެއެވެ.

 މުބާރާތުގެ އެންމެ މޮޅު ސެޓަރަކަށް ހޮވިފައި ވަނީ އަނަންތާރާގެ އިޝާން މުހައްމަދެވެ. މުބާރާތުގެ އެންމެ މޮޅު ލިބަރޯއަކަށް ހޮވިފައިވަނީ ސޮނޭވާގެ މުހައްމަދު އަސްލަމެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ އަނަންތާރާގެ ޖާޒީ ނަމްބަރު 9 އިސްމާއިލް ސާޖިދެވެ. އަދި މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔަކީ ސޮނެވާގެ ހުސައިން ރަޒާންއެވެ. މި މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައި ވަނީ އަނަންތާރާގެ ކޯޗު އަބްދުﷲ ނަޝީދެވެ.

މި މެޗަކީ އިއްޔެ ކުޅުމަށް ހަމަޖެހިފައި އޮތް މެޗެކެވެ. އެހެން ނަމަވެސް ދިމާވި އެކި މައްސަލަތަކާއިހުރެ މެޗު ކުޅެވިފައި ވަނީ މިއަދުއެވެ. އެ ގޮތުން މުބާރާތުގެ ފައިނަލް މެޗަށް ސޮނެވާ ފުއްޓަށް އިއްޔެ ދިޔަ ވޮލީބޯލް އެސޯސިއޭޝަންގެ ބައެއް އޮފިޝަލުންނާއި އެކްސްކޯ މެމްބަރުންނަށް ވަނީ އެ ރިސޯރޓަށް އެރޭގޮތް ނުވެފައެވެ.

- ކޮމެންޓް