ކ. މާލެ
|
16 އޯގަސްޓް 2017 | ބުދަ 21:28
މައްސަލަ ޖެހުނު ކަމަށް ބެލެވޭ ޗެކު
މައްސަލަ ޖެހުނު ކަމަށް ބެލެވޭ ޗެކު
މިހާރު
ޝަރޫ ލޯންޗް
ސްޓެލްކޯއަށާއި ފެނަކައަށް ޑޮލަރު ވިއްކުމުގައި މައްސަލަ ޖެހުނު ޝަރޫ ލޯންޗް ސަރވިސްގެ ޗެކެއްގެ މައްސަލަ ފެންމަތިވެއްޖެ
ޗެކް ކްލިއަރވީ އިސްލާމިކް ބޭންކުން ކަމަށް ބުނޭ
އިސްލާމިކް ބޭންކުން ބުނެފައިވަނީ ކްލިއަރ ނުވާ ކަމަށާއި އެޗެކުވެސް ނެތްކަމަށް
ޗެކުގެ ވެރިފަރާތުން ބުނަނީ ކްލިއަރވި ކަމަށް

ސްޓެލްކޯއަށާއި ފެނަކައަށް ޑޮލަރު ގަންނަން ދިން އެތައް މިލިއަން ރުފިޔާގެ ބައުންސް ޗެކެއްދިން ޝަރޫ ލޯންޗް ސާވިސްގެ އިތުރު ޗެކެއްގެ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ރާއްޖެ އެމްވީއަށް މައޫލޫމާތު ލިބިފައިވާ ގޮތުގައި ފެންމަތިވެގެން އުޅެނީ އެކުންފުނިން އަމިއްލަ ފަރާތަކަށް ދޫކޮށްފައިވާ ދޮޅުލައްކަ  ޑޮލަރުގެ ޗެކެއްގެ ބޭންކް ގެރެންޓީ ތައްގަނޑު ވަގު ކަމަށް ބަލައި އެ ޗެކް ކްލިއާ ނުވި މައްސަލައެއް ކޯޓުގައި ހިނގަމުން ދަނިކޮށް، ހަމަ ހަމަ އެ ތައްގަނޑު ޖަހާފައި އޭނާ އަށް ދޫކޮށްފައިވާ ހަތަރު ލައްކަ ޑޮލަރުގެ ޗެކެއް ކްލިއާވި މައްސަލައެކެވެ.

ޑޮލަރު ވިއްކުމަށް ސްޓެލްކޯ އާއި ފެނަކަ ކުންފުނިން ނެގި އެތަކެއް މިލިއަން ރުފިޔާ ނުލިބިގެން އެ ދެ ކުންފުނިން ޝަރޫ ލޯންޗް ސަރވިސްގެ މައްސަލަ ކޯޓަށް ހުށަހަޅާފައިވާއިރު އަމިއްލަ ފަރާތަކަށް ދޫކޮށްފައިވާ ދޮޅު ލައްކަ ޑޮލަރުގެ މައްސަލައިގެ ޝަރީއަތް ވެސް މިހާރު ސިވިލް ކޯޓުގައި ދަނީ ހިނގަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކުންފުނިން  ދޫކޮށްފައިވާ  ޗެކްތަކުގައި ހުރީ މޮރިޝަސް ބޭންކުގެ ބޭންކް ގެރެންޓީ ތައްގަނޑެއް ކަމަށާއި އެހެން ނަމަވެސް، އެއީ ސައްހަ ނޫން ތައްގަނޑު ތަކެއްކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.

ރާއްޖެ އެމްވީއަށް އެނގިފައިވާ ގޮތުގައި ދޮޅު ލައްކަ ޑޮލަރުގެ ޗެކް ބައުންސްވެ އެ ފައިސާ ހޯދަން ކުރި ދައުވާގެ ޝަރީއަތުގެ ތެރޭގައި، ފެންމަތިވި އެއް މައްސަލައަކީ، އަމިއްލަ ފަރާތަށް ދޫކޮށްފައިވާ ހަތަރު ލައްކަ ޑޮލަރުގެ ޗެކެއް އިސްލާމިކް ބޭންކުން ކްލިއާވި މައްސަލައެކެވެ.

އެޗެކް ކްލިއަރވިކަމަށް ބުނާ މީހާ ބައެއް މީޑިއާ ތަކަށް ބުނެފައިވާ ގޮތުގައި ކޯޓުގައި އިސްލާމިކް ބޭންކުން ދޮޅު ލައްކަ ޑޮލަރުގެ ޗެކް ކްލިއާ ނުވެ އޮތް ސަބަބަކީ އެ ޗެކަށް ގެރެންޓީ ދީފައި އޮތް މޮރިޝަސް ބޭންކުގެ ގެރެންޓީ ތައްގަނޑަކީ ސައްހަ ތައްގަނޑެއް ކަމަށް ނުވާތީ ކަމަށާއި  އެކަމަކު ހަމަ އެ ތައްގަނޑު ޖަހާފައި އޮތް ހަތަރު ލައްކަ ޑޮލަރުގެ ޗެކެއް އޭނާ ވާނީ ހަމަ އިސްލާމިކް ބޭންކުން ކްލިއާކޮށްފައި ކަމަށެވެ.

"އޭނާ ބުނެފައިވަނީ  ހަތަރު ލައްކަ ޑޮލަރުގެ ޗެކެއް ކްލިއާވެފައި ނޯންނާނެ ކަމަށް އިސްލާމިކް ބޭންކުން ބުނާ ކަމަށާއި އެބޭންކް އަތަކު އެ ބުނާ ޗެކެއް ވެސް ނެތްކަމަށް އިސްލާމިކް ބޭންކުން ބުނެފައިވާ ކަމަށެވެ.

އެހެންނަމަވެސް އޭނާ ބުނިގޮތުގައި އިސްލާމިކް ބޭންކުގައި އޮންނަ އޭނާގެ އެކައުންޓުގެ ސްޓޭޓްމަންޓެއް ވެސް ނަގާފައިވާ ކަމަށާއި  ހަތަރު ލައްކަ ޑޮލަރުގެ އެޗެކް މިދިޔަ އަހަރުގެ ޖޫން 9 ގައި ކްލިއާ ވެފައިވާކަން އޭގެން އެނގެން އޮންނަ ކަމަށެވެ.

މި މައްސަލާގައި ކޯޓުން ވަނީ އެ ޗެކް ކްލިއަވިތޯ ނުވަތަ ނޫންތޯ ބެލުމަށް އިސްލާމިކް ބޭންކަށް އަންގައިފަ އެވެ. އޭގެ ޖަވާބުގައި، އިސްލާމިކް ބޭންކުން ސިވިލް ކޯޓުގެ އިސްގާޒީ އަށް ފޮނުވި ސިޓީގެ ކޮޕީއެއް ވެސް ވަނީ މީޑިއާ އަށް ލިބިފަ އެވެ. އޭގައި ބުނެފައި ވަނީ އެ ޗެކް ކްލިއާ ވެފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް، އެ ހަތަރު ލައްކަ ޑޮލަރުގެ ފައިސާ އޭނާގެ އެކައުންޓަށް ވަދެފައިވާ ކަމުގެ ރަސްމީ ހުރިހާ ލިޔެކިޔުމެއް ނޫސްވެރިންނަށް ދައްކާފައިވާކަމަށް ބައެއް މީޑިއާ ތަކުގައި ވަނީ ބުނެފައެވެ.

މި މައްސަލާގައި މޯލްޑިވްސް އިސްލާމިކް ބޭންކިން އިން ބުނެފައިވަނީ ކަސްޓަމަރުންނާ ބެހޭ އެއްވެސް މައުލޫމާތެއް ހާމަނުކުރާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް