ހައްޖު ކޯޕަރޭޝަނުގެ ފަރާތުން ހައްޖަށް ގޮސްފައިވާ ހުރިހާ ހައްޖާޖީން މާދަމާގެ ނިޔަލަށް މަދީނާގެ ދަތުރު ނިންމާނެ ކަމަށާއި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.
ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ ޔާމީން އިދްރީސް ވިދާޅުވީ 350 ހައްޖުވެރިން މަދީނާގެ މަސްޖިލްނަބަވީއަށް ޒިޔާރަތްކުރެއްވުމަށްފަހު މައްކާއަށް ގޮސްފައިވާ ކަމަށެވެ. އަދި މަދީނާގައި މިހާރު ތިބި 350 މީހުން ވެސް އެނބުރި ބުރާސްފަތި ދުވަހު މައްކާއަށް ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މަދީނާ ދަތުރަށް ފަހު ހުރިހާ ހައްޖާޖީންވެސް ހައްޖުގެ އަޅުކަން ފެށެން ދެން ތިބޭނީ މައްކާގައި. ހުރިހާ ހައްޖުވެރިންގެ ވެސް ހާލު ރަނގަޅު،" އޭނާ ވިދާޅުވި އެވެ.
މިއަހަރު ރާއްޖެއިން 1,000 މީހުން ހައްޖަށް ދިޔަ އެވެ. އޭގެތެރެއިން 700 މީހުން ދަނީ ހައްޖު ކޯޕަރޭޝަނުގެ ބެލުމުގެ ދަށުންނެވެ. ބާކީ މީހުން ދިޔައީ އަމިއްލަ ތިން ގްރޫޕަކުންނެވެ. އެއީ، ޒައީ ހައްޖު ގުރޫޕާއި ހަރަމައިން ހައްޖު ގުރޫޕާއި ސިސިލްފަރު ހައްޖު ގުރޫޕް އެވެ.