އަންގާރަ ދުވަހު ޣައްޒާގެ އެކި ސަރަހައްދުތަކަށް އިޒްރޭލު ސިފައިން ދިން ހަމަލާތަކުން މަދުވެގެން 50 ފަލަސްތީނު މީހުން މަރުވެއްޖެއެވެ.
އަނެއްކޮޅުން ޣައްޒާގެ އުތުރުގައި ޖަބާލިޔާ ހިސާރުކޮށްގެން ތިބި ތިބުން އިޒްރޭލު ސިފައިން ގެންދަނީ އިތުރަށް ހަރުކަށި ކުރަމުންނެވެ.
އެއާއެކު ހަމާސްގެ ހަނގުރާމަވެރިން އިޒްރޭލު ސިފައިންނާ ކުރިމަތިލާ ހަމަލާތައް ދެމުންދާކަމަށް ރިޕޯޓްތައް ބުނެއެވެ.
ފަލަސްތީނުގެ ސިއްޙީ އިދާރާތަކުން ބުނާ ގޮތުގައި، ޣައްޒާގެ ރެފިއުޖީ ކޭމްޕުތަކުގެ ތެރެއިން އެންމެ ބޮޑު ކޭމްޕު ކަމުގައިވާ ޖަބާލިޔާގެ އަލް-ފަލޫޖާ ސަރަޙައްދުގައި އިޒްރޭލުގެ ހަމަލާއަކުން މަދުވެގެން 17 މީހުންން މަރުވިއެވެ. އަދި ދެކުނުގައިވާ ޚާން ޔޫނިސްގެ އިރުމަތީގައިވާ ބަނީ ސުހައިލާގައި އިޒްރޭލުގެ މިސައިލެއް ގެއަކަށް އަރާ 10 މީހުން މަރުވިއެވެ.
އޭގެ އިތުރުން އަންގާރަ ދުވަހު، އިޒްރޭލުގެ ވައިގެ ހަމަލާއަކުން ޣައްޒާ ސިޓީގެ ސަބްރާ ސަރަޙައްދުގައި ތިން ގެއެއް ވަނީ ފުނޑުފުނޑުވެފައެވެ. އަދި އެ ސަރަޙައްދުގެ ސިވިލް އިމަރޖެންސީ ޚިދުމަތުން ބުނާ ގޮތުގައި ހަމަލާ އެރި ގެތަކުން މަރުވެފައިވާ މީހުންގެ ދެ ހަށިގަނޑު ނަގާފައިވާ އިރު، އެ ހަމަލާ އައި ވަގުތު އެ ގެތަކުގައި ތިބިކަމަށް ބެލެވޭ އިތުރު 12 މީހުން ހޯދުމުގެ މަސައްކަތް ކުރިއަށްދެއެވެ.
ޣައްޒާގެ މެދުތެރެއިން ނުސައިރާތު ކޭމްޕުގައި ގެއަކަށް އިޒްރޭލު ސިފައިން ދިން ހަމަލާއެއްގައި އިތުރު 8 މީހުން މަރުވިއެވެ.
ޣައްޒާގެ ސިއްހަތާ ބެހޭ މިނިސްޓްރީން ބުނާ ގޮތުގައި ޖަބާލިޔާގެ އަލް-ފަލޫޖާގައި އިޒްރޭލުގެ ހަމަލާތަކުން ޒަޚަމްވި މީހުންނަށް އެހީތެރިވާން މަސައްކަތްކުރި ޑޮކްޓަރެއް ވެސް ވަނީ މަރުވެފައެވެ. އޭގެ އިތުރުން އުތުރު އަދި ދެކުނު ޣައްޒާގައި އެމްބިއުލާންސްއަކަށް އިޒްރޭލުން ހަމަލާދިނުމުން ގިނަ އަދަދެއްގެ މެޑިކަލް މުވައްޒަފުން ޒަޚަމްވިކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
ޖަބާލިޔާއަށް އަމާޒުކޮށް އިޒްރޭލު ސިފައިން ހަމަލާތައް ދެމުންދާތާ 10 ދުވަސް ފާއިތުވެގެން ގޮސްފައިވާއިރު، އަހަރު ދުވަހަށްވުރެ ދިގުލީ މި ހަނގުރާމައިގެ ފުރަތަމަ މަސްތަކުގައި ބާރުގަދަ ބޮންތައް އަޅާ ފުނޑުފުނޑު ކޮށްފައިވާ ޣައްޒާގެ އުތުރުގެ ސަރަޙައްދުތަކަށް އިޒްރޭލު ސިފައިން ދަނީ އަނބުރާ ވަންނަމުންނެވެ. އެ ސަރަޙައްދުގެ ރައްޔިތުން ބުނާ ގޮތުގައި ވޭތުވެދިޔަ 10 ދުވަހުގެ ތެރޭގައި އިޒްރޭލުގެ ސިފައިން ގިނަ އަދަދެއްގެ ގެތައް ވަނީ ހަލާކުކޮށްފައެވެ.
ޣައްޒާގައި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިޒްރޭލުގެ ހަމަލާތަކުގައި މަދުވެގެން 42,344 މީހުން މަރުވެ އަދި 99,013 މީހުންނަށް ވަނީ އަނިޔާވެފައެވެ.